19:00
24 އަހަރަށްފަހު ސޫދާނުގައި ބޭއްވި ފުރަތަމަ މަލްޓި-ޕާޓީ ރިޔާސީ އިންތިޚާބު އެގައުމުގެ ރައީސް އުމަރު ހަސަން އަލް ބަޝީރު ކާމިޔާބުކުރައްވައިފި އެވެ.
އިންތިޚާބުތެރެއިން ގިނަ އިދިކޮޅު ޕާޓީތަކެއް ވަކިވަމުން ދިޔުމާ ގުޅިގެން އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ކުރިން ވެސް ބެލެވުނު އުމަރު ހަސަން އަލް ބަޝީރަށް މިއަދު އިއުލާންކުރި ރަސްމީ ނަތީޖާގައި ވާގޮތުން، ލިބިވަޑައިގެންފައިވަނީ 68 ޕަސެންޓް ވޯޓެވެ.
ނަމަވެސް މިއިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫންކަމަށް އިދިކޮޅު ގިނަ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އިންތިޚާބުން ވަކިވި ސަބަބަކީ ވެސް އެއީ ކަމަށް އެފަރާތްތަކުން ބުނެ އެވެ.
މިއިންތިޚާބުގެ ރަސްމީ ނަތީޖާ މިއިއުލާން ކުރެވުނީ އެގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށް ވާ ސޫދާން ޕީޕަލްސް ލިބަރޭޝަން އާމީ (އެސްޕީއެލްއޭ) އާއި އެގައުމުގެ އަސްކަރިއްޔާ އާ ދެމެދު ހިނގި ކުރިމަތިލުންތަކެއް ގައި ގިނަ ބަޔަކު މަރުވެ ގައުމުގެ މަސްރަހު ވަރަށް ހޫނުވެފައި ވަނިކޮށެވެ.