ރައީސް މާވަށަށް ވަޑައިގަތުމުން ރައްޔިތުން އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައިފި

ެމާވަށަށް ރައީސް ނަޝީދު މިއަދު ހަވީރު ވަޑައިގެންނެވުމުން ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ނުރުހުން ފާޅުކޮށް އެ މަނިކުފާނުގެ އިސްތިއުފާއަށް ގޮވައިފި އެވެ.

މާވަށު ކައުންސިލްގެ ރައީސް ޔޫސުފު އާމިރު ވިދާޅުވީ މިއަދު ހަވީރު 4:30 ގައި ރައީސް މާވަށަށް ވަޑައިގަތް އިރު އަތިރިމައްޗަށް ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ އެ މަނިކުފާނުގެ އިސްތިއުފާއަށް ގޮވައި ސަރުކާރާ ދެކޮޅު ޝުއޫރު ފާޅުކޮށްފައިވާ ކަމަށާއި ރައްޔިތުން މައިގަނޑު ގޮތެއްގައި ގޮވާލާފައި ވަނީ އެރަށުގެ ރައްޔިތުންނަށް ރައީސް ވެވަޑައިގެންފައިވާ ވައުދުތަކުގެ ވާހަކައިން ކަމަށެވެ.

"ފުރަތަމަ ވައުދަކީ މާވަށުގައި ރައީސް އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި ގަރުދިޔަ ފެކްޓަރީ. ދެވަނަ ކަމަކީ ރަށުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވި 50 ފްލެޓް ދެން ކަރަންޓްގެ މައްސަލަ. މިއިން ކޮންމެ ކަމަކީ ތިން މަސް ދުވަހުގެ ތެރޭގައި ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަންކަން. އެހެންވެގެން މުޒާހަރާ ކުރީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މާވަށަށް ވަޑައިގެންނެވިއިރު ރައްޔިތުން މުޒާހަރާކޮށް ޝުއޫރު ފާޅު ކުރަމުން ދިއުމުގެ ސަބަބުން އެމަނިކުފާނުގެ ޕްރޮގްރާމަށް ބަދަލު ގެންނަވާ ވަރަށް ކުއްލިގޮތަކަށް ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހު ސްކޫލާއި އިންޖީނުގެ ބައްލަވާލައްވާފައި ވަޑައިގެންނެވީ ކަމަށެވެ.

"އަޅުގަނޑުމެނާ ބައްދަލު ކުރެއްވެވި އިރު ވެސް އެމަނިކުފާނަށް ވަރަށް އުނދަގޫފުޅުވެ ވަޑައިގެންނެވި ބޭރުގައި މުޒާހަރާ ކުރަމުންދާތީ،" ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

ސަންއަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނީ މުޒާހަރާގެ ތެރޭގައި އެރަށުގެ އެމްޑީޕީގެ ސަޕޯޓަރުންނާއި ޑީއާރްޕީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި މީހަކަށް އަނިޔާވި ކަމަށާއި އަދި މުޒާހަރާ ރޫޅައިލުމަށް ފުލުހުން އަސޭމިރުސް ސްޕްރޭ ވެސް ބޭނުން ކުރި ކަމަށެވެ. ނަމަވެސް ކައުންސިލުގެ ރައީސް ވިދާޅުވީ އެފަދަ ކަމެއް އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު