އުންމީދަކީ އަހަރެއްގެ މައްޗަށް ހަ މިލިއަން މީހުން ދަތުރުކުރާ އެއާޕޯޓަކަށް އައިއެންއައިއޭ ވެގެން ދިއުން: ރައީސް

އައިއެންއައިއޭ: މާމިގިލީގައި މިއަދު ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ އަހަރެއްގެ މައްޗަށް ހަ މިލިއަން މީހުން ދަތުރުކުރާ އެއާޕޯޓަކަށް އައިއެންއައިއޭ ވެގެން ދިއުންކަމަށް -- ސަން ފޮޓޯ

ދެހާސް އަށާރަ ވަނަ އަހަރުގެ މެދުތެރޭގައި، އަހަރެއްގެ މައްޗަށް ހައެއްކަ މިލިއަން މީހުންގެ ދަތުރު ކުރާ އެއާޕޯޓަކަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ބަދަލު ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީގެ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އިގުތިސާދުގެ މައި ހަރަކާތަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށެވެ.

"ޓޫރިޒަމްގެ ސިނާއަތަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމަކީ ރަށްރަށާއި ފަޅުތައް ހުރީމައި ރަށްރަށާ ފަޅުތައް މީހުންނަށް ދޫކުރެވިދާނެ،" ރައީސް ޔާމީނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެކަންކަމަށް ބޭނުންވާނެ އިންވެސްޓުމެންޓުތައްވެސް ހޯދޭނެ ކަމަށާއި އެހެންނަމަވެސް އެކަންކަން ކުރިއަށް ގެންދެވޭނީ ބަލައިގަނެވޭ ވަރުގެ ފެންވަރަކަށް އެއާޕޯޓުގެ މަސައްކަތްތައް ކުރެވިގެން ކަމަށެވެ.

"މިހާރު އެ އޮތް އެއާޕޯޓަކަށް ކުރިއަށް އޮތް ދެ ތިން ހަތަރު އަހަރެއްގެ ތެރޭގައި 15 ވަރަކަށް ރިސޯޓު އިތުރުވި ނަމަވެސް އަޅުގަނޑުމެންނަކަށް އެއާޕޯޓެއް ކޯޕެއް ނުކުރެވޭނެ. މެނޭޖެއް ނުކުރެވޭނެ،" ރައީސް ޔާމީން ވިދާޅު ވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތްތާނގައިވެސް ދިވެހިރާއްޖޭގެ އިގުތިސާދީ ދުވެލި ހަރުދަނާ ކުރަން ކުރާ މަސައްކަތުކުގައި އެތައް ބައިވަރު ރަށްތަކަކާއި ފަޅުތަކެއް ދޫ ކުރެވިފައިވާ ކަމަށެވެ.

"70 ވަރަކަށް ޕްރޮޕަޓީ އެއޮތީ ދޫ ކުރެވިފައި. އެ 70 ވަރަކަށް ޕްރޮޕަޓީއަކީ ސަރުކާރުން ކޮންމެވެސް ވަރެއްގެ އެކިއުޒިޝަން ކޯސްޓެއް އެއަށް ނަގާފަ އަދި ސަރުކާރުން ބޭނުންވި ނަމަވެސް އެ ދޫކޮށްފަ ހުރި ފަރާތްތަކުން އަތުލެވޭ ހިސާބެއްގަ ހުރި ރަށްރަށެއް ނޫން. ހުރި ފަޅުތަކެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދޫކުރެވިފައިވާ ޕްރޮޕަޓީސްތައް ފަޅާއި ރަށް ހިމެނޭ ގޮތަށް ނިމިގެން ދިއުމަށް އެދި ލައްވާ ކަމަށެވެ. އަދި އެތަންތަން ނިމިގެން ދިއުމުން، އިތުރުވާ ތަންތަނުން އެކަނިވެސް އިތުރު 17،000 ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ހުޅުވިގެން ދާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"މި 70 ޕްރޮޕަޓީސްގެ އިންވެސްޓުމެންޓަށް ބަލައިފިއްޔާ ގާތްގަނޑަކަށް ތިން ހާސް މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ވާހަކަ މި ދެކެވެނީ. މި މަސައްކަތަށް އަޅުގަނޑުމެން ކުރިމަތިލާއިރު މިހާރު އެއޮތީ އެކަން ކުރެވިފައި. އެހެރީ ރަށްތައް ދޫކޮށްފަ، އެހެރީ ފަޅުތައް ދޫކޮށްފަ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ހަމައެހެންމެ، އޭގެތެރެއިންވެސް ގިނަ ރަށްތަކާއި ފަޅުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރިސޯޓު ތަކަށް ބަދަލުވެ ހުޅުވިގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

comment ކޮމެންޓް