ދުވާފަރު ރަށު ކައުންސިލްގެ އިދާރާގައި ވަޒަންވެރިވި މީހުން އަދިވެސް އެތަނުގައި!

ރ. ދުވާފަރުގެ ފެން ތަޣައްޔަރު ވެފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލަށް ވަން މީހުން އަދިވެސް އެތަނުން ނުނިކުމެ އެބަތިއްބެވެ. މިދިޔަ އާދީއްތަ ދުވަހު ހެނދުނު ދުވާފަރު ރަށު ކައުންސިލްގެ އިދާރާގައި ވަޒަންވެރިވި 10 އާއިލާގެ މީހުން އެތަނުގައި ތިބޭތާ 3 ދުވަސް ފާއިތުވި އިރު ވެސް އެމީހުންގެ ޝަކުވާ އަށް ކަމާ ބެހޭ ފަރާތްތަކުން އެއްވެސް ޖަވާބެއް ނުދޭކަމަށް އެ މީހުން ބުނެ އެވެ.

ރަށު ކައުންސިލްގެ އިދާރާގައި ވަޒަންވެރިވެގެން އުޅޭ މީހުން ބުނަނީ އެމީހުން އެތަނުގައި ތިބީ އެތަނުން ސާފުފެން ލިބޭތީ ނޫންކަމަށެވެ. ނަމަވެސް އެކަން ކުރަނީ އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސް އެ މައްސަލަ ހައްލު ކުރަން ބޭނުން ވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިތާ މިތިބީ މިތަނުން ވަކި ސާފު ފެން ލިބޭތީއެއް ނޫން. އެކަމަކު އަޅުގަމެންނަށް ކުރިމަތިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް. މިގޮތަށް ކަންތައް ކޮށްގެން ނޫނީ ސަރުކާރުން އަޅުގަނޑުމެންގެ އަޑެއް ނާހާ" ދުވާފަރު ރަށު ކައުންސިލަށް ވަދެ ތިބި 80 ވަރަކަށް މީހުންގެ ތެރެއިން އެންމެ ނަގާކިޔާ ޔުމްނާ ޒަކަރިއްޔާ ބުންޏެވެ.

ޔުމްނާ ބުނީ އެ މީހުން ދިރިއުޅޭ ތަނަކަށް ރަށު ކައުންސިލްގެ އިދާރާ ހަދައިގެން އުޅޭތާ ތިން ދުވަސްވީއިރު ވެސް ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ނާންގަވާ ކަމަށެވެ. ނަމަވެސް ރަށު ކައުންސިލް އިދާރާގެ ވަށައިގެން އުޅޭ 25 އަކަށް ފުލުހުން އެއްވެސް މީހަކަށް ވަދެ ނުކުމެ ނޫޅެވޭ ގޮތަށް އެ އިދާރާ މިއަދު ބަންދުކޮށްފައިވާ ކަމަށެވެ.

"ފުލުހުން މިހާރު އަންގައިފި ބާރުގެ ބޭނުން ކުރަން އުޅޭކަމަށް، އެކަމަކު އަޅުގަނޑުމެން މިތަނުން ދާކަށް ގަސްދެއް ނުކުރަން،" ދުވާފަރު ރަށު ކައުންސިލް އިދާރާގެ ތެރޭގައި ތިބި މީހުންގެ ތެރެއިން އެހެން މީހަކު ބުންޏެވެ.
ދުވާފަރު ރަށު ކައުންސިލްގެ އިދާރާގައި ތިބި މީހުން ނެރެ، ތަންސާފުކުރުމަށް ފުލުހުން މަސައްކަތް ކުރާކަމަށް އެތަނުގައި ތިބި މީހުން ބުންޏަސް ފުލުހުން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

އެކަމާ ބެހޭ ގޮތުން ބަހެއް ހޯދާލުމަށް ދުވާފަރު ރަށު ކައުންސިލްގެ ރައީސް އިބުރާހީމް ޝުކުރީ އާ ތަކުރާރުކޮށް ގުޅުމުން ވެސް އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. އަދި ރ. އަތޮޅު ކައުންސިލްގެ ބަހެއް ވެސް ވަނީ ނުލިބިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު