މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރި އަކު ގޭބަންދަށް ބަދަލު ކުރުމުން ފިލާފާނެތީ އޭނާގެ ގޭ ދޮށުގައި ފުލުހުން ފޯރިމަރަން ފަށައިފި

މުޖުތަމައު އަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން އިއުލާންކޮށް ފޮޓޯ އާންމުކުރި ގދ. ފަރެސްމާތޮޑާ، ހައްސާން އަލީ ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން، އޭނާ ފިލާފާނެތީ އޭނާ ދިރިއުޅޭ ގޭ ދޮށުގައި ފުލުހުން ފޯރިމަރަން ފަށައިފި އެވެ.

ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ފުލުހުން ފާހަގަކޮށްފައިވާ ހައްސާން އަލީ ހަ ދުވަހަށް ގޭބަންދަށް ބަދަލު ކުރުމަށް ކްރިމިނަލް ކޯޓުން ރޭ ކުރި އަމުރުރަށް އޭނާ ގޭބަންދަށް ރޭ ބަދަލުކުރުމާ އެކު، ފުލުހުން ވަނީ އޭނާ ހުންނަ ގޭކައިރީގައި ފޯރިމަރަންފަށައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްސާން އަކީ މުޖުތަމައުއަށް ނުރައްކާތެރި މީހަކަށް ވުމާ އެކު، އޭނާ މުޖުތަމައުއިން އެކަހެރި ކުރޭވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ފިލާފާނެތީ ގޭބަންދުގައި ހުރިހާ ދުވަހަކު 24 ގަޑިއިރު އޭނާ ދިރިއުޅޭ ގޭ ދޮށުގައި ފުލުހުން ފޯރިމަރަމުން ދާނެ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
"ކޯޓްގެ އަމުރަށް ގޭބަންދަށް ބަދަލު ކުރިއަސް، އޭނާ މުޖުތައުން އެކަހެރި ކުރެވޭތޯ ފުލުހުން މިދަނީ މަސައްކަތް ކުރަމުން" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފުލުުހުން ހައްސާނު ރޭ ހައްޔަރުކޮށްފައި ވަނީ އިއްޔެރޭ އޭނާ ބަންދުން ދޫކޮށްލުމަށް ފަހުގަ އެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަހު ހަައްސާން ގޭ ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދީފަ އެވެ.

ހައްސާން ގޭ ބަންދަށް ބަދަލުކޮށް އޭނާ ހުންނަ ގޭ ކައިރީ ފުލުހުން ފޯރި މަރަންފެށި އިރު 2008 އަހަރުގެ އޮގަސްޓް މަހު ޖަލާލުއްދީން މިސްކިތް ކައިރިން މީހެއްގެ ކަރަށް ވަޅިއެއް ހަރާލި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްސާނަކީ މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި 13 ފަހަރަކު ހައްޔަރުކޮށް އޭގެ ތެރެއިން ތިން މައްސަލައެއް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ކޯޓްގެ އަމުރަށް ހައްސާން ގޭ ބަންދުކޮށްފައިވާ އިރު، ކޯޓްގެ ދީފައިވާ ބަންދުގެ މުއްދަތު ހަމަވެގެން މއ. ނައިޓް ވިލާ އިބްރާހިމް އަބުދުﷲ ]ގައްބަރޭ[ ބޮލުގެ ފަރުވާ އަކަށް ފުލުހުންގެ ހުއްދައާ އެކު ރާއްޖޭ އިން ބޭރަށް މިދިޔަ ހޯމަ ދުވަހު ވަނީ ފުރައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު