ފުލުހުންނަށް ހެދިގެން ފައިސާ ފޭރޭ ބަޔަކު މާލޭގައި ހަރަކާތްތެރިވްމުންދާ ކަމުގެ އިންޒާރު ފުލުހުންދީފި

ގިނަ އަދަދެއްގެ ފައިސާ އުފުލާ މީހުންނަށް ހިމާޔަތްދޭނެ ކަމަށް ބުނެ، ފުލުހުންނަށް ހެދިގެން ފައިސާ ފޭރޭ ބަޔަކު މާލޭގައި ހަރާކަތްތެރިވަމުންދާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އިންޒާރުދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ރޭ ވިދާޅުވީ އާދައިގެ ހެދުމުގައި ފުލުހުން ހެދުން އަޅާގޮތަށް ޑީސެންޓްކޮށް ހެދުން އަޅައިގެން ތިބޭ ބަޔަކު، ފައިސާ އުފުލުމުގައި އެހީތެރިވެދޭނެ ކަމަށް ބުނެ، ފައިސާ ފޭރޭ ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެގޮތަށް ބަޔަކު ފައިސާތައް ފޭރިގަންފައިވާ ކަމެއް ޝިޔާމް ކަށަވަރުކޮށެއް ނުދެއްވި އެވެ.

ފުލުހުންނަށް ހެދިގެން އުޅޭ މީހުން އާންމުކޮށް އުޅެނީ މަގުމަތީގައި ކަމަށާއި ބޭންކުތަކުންނާއި ކުންފުނިތަކުން ފައިސާ ދަބަސް ގެންދާ ވަގުތު ކައިރިވެ، ފުލުހުން ކަމަށް ބުނެ، ފައިސާ ހިމާޔަތް ކުރުމަށް އެހީތެރިވެދޭނެ ކަމަށް ބުނަމުންދާ ކަމަށާއި އެމީހުންނާ މެދު އާންމުން ސަމާލު ވުމަށް ޝިޔާމް ވިދާޅުވި އެވެ.

"ތަންކޮޅެއް ޑީސެންޓްކޮށް [ހެދުންއަޅައިގެން] ތިބޭ އަދި ގިނަ އަދަދެއްގެ ފައިސާ އެއްތަނުން އަނެއްތަނަށް ދަބަހަށް ލައިގެން ގެންދާ ވަގުތު ކައިރިވެ، ތިމަންނަމެންނަކީ ފުލުހުން ކަމަށް ބުނާ ކަމަށް [މައުލޫމާތު ލިބެނީ]. އެކަމުގައި މަދަދުދޭނެ ކަމަށް އެމީހުން ބުނާ ކަމަށް ރިޕޯޓް ލިބެމުންދަނީ،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ހެދިގެން އުޅޭ މީހުން ފައިސާ ފޭރުމަށް މަސައްކަތް ކުރަނީ ކުންފުނިތަކުންނާއި ބޭކްތަކުން ފައިސާ އުފުލާ މީހުންގެ މައުލޫމާތު ހޯދައިގެން ކަމަށެވެ.

ޝިޔާމް ވިދާޅުވީ ފައިސާ އުފުލާ މީހުންނަށް ފުލުހުން އެހީތެރިވެދޭނީ ރަސްމީކޮށް ފުލުހުންގެ އިދާރާގައި އެދުމުން ކަމަށާއި ފައިސާ އުފުލާ މީހުންނަށް މަގުމަތިން ދިމާވެގެން އެހީތެރި ނުވާނެ ކަމަށެވެ. އަދި ފުލުހުން އެހީތެރިވެދެންޏާ ފުލުހެއްކަން އަންގައިދޭ އައިޑީކާޑު ދައްކައި، ފުލުހެއް ކަން ޔަގީންކޮށްދޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މި މައުލޫމާތުތައް ]ބޭންކުތަކުންނާއި ކުންފުނިތަކުން[ ހޯދައިގެން އެދިމާތަކުން މިކަން މިކުރަނީ. އަޅުގަނޑުމެންގެ އިލްތިމާސް އަކީ ފުލުހެއްވެއްޖެއްޔާ އަޅުގަނޑުމެންގެ އައިޑިކާޑު ދައްކާ މުއާމަލާތް ކުރާނީ. ތިމަންނައަކީ ފުލުހެކޭ އެކަހަލަ ގޮތަކަށް ހެދިގެން އުޅޭ މީހުންނަށް އެއްވެސް ފުރުސަތެއް ނުދިނުމަށް އިލްތިމާސް ކުރަން." ވަގުން، ވައްކަން ކުރުމަށް ރާވާ ރޭވުންތަކުން ވިޔަފާރިވެރިން ސަލާމަތްވުމަށް އިލްތިމާސްކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު