ރައީސް ޔާމީން ހިލާލީގެއަށް ބަދަލުވެވަޑައިގެންފި

ހިލާލީގެ ކައިރީގައި ސިފައިންގެ މީހަކު ފާރައަށް:

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިލާލީގެއަށް ބަދަލުވެވަޑައިގެންފި އެވެ.

ހިލާލީގެ އަކީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުންނަށް ހާއްސަ ކުރައްވާފައިވާ ގެކޮޅެވެ.

ރައީސް ޔާމީން ހިލާލީ ގެއަށް ބަދަލުވެވަޑައިގަތްކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަގީންކޮށެއް ނުދެ އެވެ. ހިލާލީއަށް ރައީސް ޔާމީން ބަދަލުވެވަޑައިގަތް ސަބަބެއް ވެސް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ދުވަހު ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް، ދިރިއުޅުއްވަން ބޭނުންފުޅު ވަނީ އަމިއްލަ ގެކޮޅުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސެކިއުރިޓީ ހުއްދަ ދެއްވާ ކަމަށްވާނަ އެކަން އެގޮތަށް ކުރެއްވުމަށް ގަސްތުކުރައްވާ ކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.

ހިލާލީގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ސަންފޮޓޯ -- ފަޔާޒު މޫސާ

ރައީސް ޔާމީން ހިލާލީ ގެއަށް ބަދަލުވެވަޑައިގެންނެވިއިރު ހިލާލީގެ މަރާމާތު ކުރައްވާތާ އަށެއްކަ މަސް ދުވަސް މިހާރު ވަނީ ވެފަ އެވެ. ހިހާލީގެ މަރާމާތު ކުރާތީ އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އަދުނާނު މުހައްމަދު 'ސަން' އަށް މީގެކުރިން ވިދާޅުވީ ހިލާލީގެ މަރާމާތުކުރެވެމުން ދަނީ އާންމު އުސޫލުގެ ދަށުން ކަމަށެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރުނެއް ކަމަށް ނިންމައި މަގާމުން ވަކި ކުރެއްވުމާ ގުޅިގެން ހިލާލީގެ މިހާރު ހުރީ ހުސްކޮށެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައި ވަނީ އެމަނިކުފާނު އުޅުއްވާނީ އަމިއްލަ ގެކޮޅުގައި ކަމަށެވެ.

ހިލާލީގެއަކީ ނައިބު ރައީސުންނަށް ހާއްސަ ގެއެއް ނަމަވެސް މީގެ ކުރިން އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ކަމުން ފެށިގެން ރައީސުލްޖުމްހޫރިއްޔާކަން ލިބި، ދައުރު ނިމެންދެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެގޭގައި ދިރިއުޅުއްވާފަ އެވެ. ޑރ. ވަހީދަކީ ހިލާލީގޭގައި ދިރިއުޅުއްވި ފުރަތަމަ ރައީސެވެ.

comment ކޮމެންޓް