ނަޝީދާ ބައްދަލުކުރެއްވީތީ މައުމޫނު ކެމެރަން އަށް ފާޑުވިދާޅުވެއްޖެ

ރައީސް މައުމޫނާއި ރައީސް ނަޝީދު ނެންގެވި ތާރީހީ ސެލްފީ. މައުމޫނު ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ސަން ފައިލްފޮޓޯ

ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވާފައި ވާތީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން އަށް ކުރީގެ ރައީސް މައުމޫނު ޢަބުދުލް ގައްޔޫމު ފާޑުވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވެފައި ވަނީ "ކުށެއްގެ ތުހުމަތު ކުރެވޭ" ބޭފުޅަކާ ބައްދަލުކުރައްވައި، ކެމެރަން ދުނިޔެއަށް އެ ދެއްވަނީ ކޮން ކަހަލަ މެސެޖެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އެތަނުގައި [ލަންޑަނު]ގައި ހިނގަމުން އެދާ ކަންތައްތައް އަހަރެންނަށް ގަބޫލެއް ނުކުރެވޭ. [އިނގިރޭސި ބޮޑުވަޒީރު] އޭނާއާ ބައްދަލު އެބަ ކުރައްވާ. އެއީ ތުހުމަތު ކުރެވޭ ބޭފުޅެއް. ކޮންކަހަލަ މެސެޖެއް ބޮޑުވަޒީރު އެދެއްވަނީ ދުނިޔެއަށް"؟ މައުމޫނު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އިންޓަވިއުގައި މައުމޫނު ވަނީ ނަޝީދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަޝީދު ގެންދަވަނީ ބޭސްފަރުވާކުރެއްވުމަށް ދީފައިވާ ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވަމުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"މެޑިކަލް ޑޮކްޓަރުންނާ ބައްދަލުކުރެއްވުން ނޫން ހުރިހާ ކަމެއް އޭނާ އެބަކުރައްވާ. އޭނާ އެ ފުރުސަތުގެ އެ ބޭނުންކުރައްވަނީ ސިޔާސީ މަގުސަދުތަކަށް، ގައުމުގެ ތަސައްވުރު ހަޑިކުރައްވަން،" މައުމޫނު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މައުމޫނު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންނެވީ އެގައުމުގެ ތިންކް ޓޭންކެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުގެ ޖަލްސާއެއްގައި ތަގުރީރުކުރެއްވުމަށެވެ.

comment ކޮމެންޓް