އިސްލާމިކް ސްޓޭޓް (އައިއެސް)އިން ހިންގަމުންދާ އަމަލުތަކަކީ ޖިހާދެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވާހަކަފުޅު ދައްކަވައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އޮބްޒާވާ ރިސާޗް ފައުންޑޭޝަންގައި "އިސްލާމް ދީނަކީ ސުލްހައިގެ ދީން" މި މައުލޫއަށް ކުރެއްވި ތަގުރީރެއްގައި މައުމޫނު ވިދާޅުވި ކަމަށް ބިޒްނަސް ސްޓޭންޑާޑް ނޫހުން ބުނީ އައިއެސްގެ އަމަލުތަކަކީ މުސްލިމް މުޖުތަމައުގެ ހައްގުތައް އެ އަމަލުތަކެއްގެ ސަބަބުން ރައްކާތެރިވާ އަމަލުތަކެއް ނޫން ކަމަށެވެ.
"...ޓެރަރިސްޓް ހަމަލާތަކުގައި އެތައް ހާސް ބަޔަކު މަރުވަމުންދޭ. އަހަރެން އެހުރިހާ ހަމަނުޖެހުމަކާއި ދީނުގެ ނަމުގައި ކުރާ ހަނގުރާމަތައް ކުށްވެރިކުރަން،" މައުމޫނު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ނަމަވެސް އެފަދަ އަމަލުތައް ހިންގަނީ ދުނިޔޭގެ މުސްލިމުންގެ އެއް ޕަސެންޓަށް ވުރެ ވެސް މަދު އަދަދެއްގެ މީހުން ކަމަށާއި ސެޕްޓެމްބަރު 11 ގެ ހަމަލާ ފަދަ ހަމަލާތަކާ ގުޅިގެން މުސްލިމުންނާ މެދު ތުހުމަތު ކުރަނީ ނުވިސްނޭތީ ކަމަށް ވެސް މައުމޫނު ވިދާޅުވެފައި ވެއެވެ.
އެމަނިކުފާނު ވިދާޅުވެފައި ވަނީ މީހަކު މުސްލިމެއް ކަމަށް ދުލުން ބުނި ނަމަވެސް މުސްލިމަކަށް ނުވާނެ ކަމަށާއި މުސްލިމަކަށް ވާނީ އަމަލުން ކަމަށެވެ.
ތަގުރީރަށް ފަހު ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫނު ވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާ ބެހޭ ގޮތުން ވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ވިދާޅުވެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔާ ކަމަށެވެ.
"... އިންޑިއާ އަކީ ކުރިން ވެސް އަދި މިހާރު ވެސް ސްޓްރެޓެޖިކް ގޮތުން އިންޑިއާ އަކީ ރާއްޖޭގެ އެންމެ މުހިއްމު ބައިވެރިޔާ،" މައުމޫނު ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.