އިޒްރޭލުގެ އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށައިފިނަމަ ސަރުކާރުން ވަކިވާން އަދާލަތު ޕާޓީން ނިންމައިފި

އިޒްރޭލުގެ އެއްވެސް އެއާލައިނެއްގެ ބޯޓެއް ރާއްޖޭގައި ޖައްސައިފިނަމަ ވަގުތުން ސަރުކާރުން ވަކިވުމަށް ވެރިކަން ކުރަމުން އަންނަ އެމްޑީޕީ އާއި އެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީން މިރޭ ނިންމައިފި އެވެ.

އެ ޕާޓީގެ އެގޮތަށް ނިންމާފައިވަނީ އެ ޕާޓީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވި ވަޑައިގަތް މެންބަރުންގެ ފުރިހަމަ އިއްތިފާގުންނެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއިއެކު ބައިއަތު ހިފިފަހުން ސަރުކާރުގައި މަސައްކަތް ކުރަމުން އަންނަ މަދު ޕާޓީތަކުގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީން ނިންމި ކުއްލި ނިންމުމާއި ގުޅޭގޮތުން އާންމު ކުރި ބަޔާނުގައި ބުނަނީ މުސްލިމުންނާއި މެދު ލާއިންސާނީ ޖަރީމާތަށް ހިންގަމުން އަންނަ އިޒްރޭލިގެ އެއާލައިންތަކުގެ ދަތުރުކުރުމުގެ ހުއްދަދީފައިވަނީ އިސްލާމީ ދެ ގައުމަކުން ކަމަށެވެ. އަދި އިޒްރޭލުގެ އެއާލައިންއެއް ރާއްޖެ އައުމަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމައްވެސް އެ ބަޔާންބުނެ އެވެ.

"އިސްރާއީލުގެ ފްލައިޓް ތައް ދުނިޔޭގެ 50 އަކަށް އިސްލާމީ ގައުމު ތަކުން 48 ގައުމުގައި ޖައްސަން ހުއްދަ ނުދެނީ ސަބަބުތަކެއް އޮވެގެންނެވެ. ސަބަބު ތަކުގެ ތެރޭގައި އިޒްރޭލަކީ އިސްލާމީ އުންމަތުގެ އެންމެ ބޮޑު ޢަދުއްވުން ކަމަށް ވުމާއި، މުސްލިމުންގެ މުގައްދަސް ބިންތައް ފޭރިގެންފައިވާ ގައުމެއް ކަމުގައި ވުމާއި، އަދި އިޒްރޭލަކީ ކެނޑިނޭޅި ފަލަސްޠީނުގެ މުސްލިމުންނަށް އަނިޔާކޮށް، މަރައި އެމީހުންގެ ގެދޮރުން ބޭރު ކުރަމުން ދާ އަނިޔާވެރި ގައުމެއް ކަމާއި އަދި އިޒްރޭލުގެ ފްލައިޓް ތަކަކީ ހަގުރާމަވެރީންގެ އަމާޒަކަށް ވުމުން އެ ފްލައިޓް ތަކުގެ ސަބަބުން ވަރަށް ބޮޑެތި ސިކިއުރިޓީ މަސްއަލަ ތައް ދިމާވެދާނެތީއެވެ،" ސަރުކާރުން އިޒްރޭލާއި މެދު ބާއްވާ ގާތްގުޅުންތަކާއި މެދު ދެކޮޅުހަދާ އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ނެރުނު ބަޔާނުގައިވެ އެވެ.

އެމްޑީޕީއާއި އެކު ކޮށްފައިވާ ކޯލިޝަން އެއްބަސްވުމުގެ ދަށުން އިސްލާމިކް މިނިސްޓްރީ ހިންގުމުގެ މަސްއޫލިއްޔަތުތައް ހަވާލުކޮށްފައިވަނީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ބޭފުޅުންނަށެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ އަކީ އަދާލަތުގެ އިލްމްވެރިންގެ މަޖިލީހުގެ ރައީސް އެވެ. އަދި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާ ސޭހް ހުސެން ރަޝީދަކީ އެ ޕާޓީގެ ރައީސް އެވެ.

މީގެ ކުރިންވެސް ސަރުކާރުގެ ބައެއް ނިންމުތަކާއި ދެކޮޅަށް ސީދާ ހަރަކާތައް ނިކުތް އަދާލަތުގެ ގައުމީ މަޖިލީހުން ބުނީ ސަރުކާރުން އިޒްރޭލިގެ ފުލައިޓުތަށް ރާއްޖެއަށް ގެނެސް އިޒްރޭލާއި އެކު ރަހުމަތްތެރިކަން ބަދަހި ކުރަނީ ސަރުކާރުގައި ތިއްބެވި ބައެއް މީހުންގެ އަމިއްލަ މަސްލަޙަތު ތަކަކަށްޓަކައި ކަމަށާއި އެއީ ރައްޔިތުންގެ އިހުސާސްތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކުރަމުން އަންނަ ކަމެއްކަމަށެވެ.

"އިންސާނީ ޙައްގު ތަކަށް އެންމެ ބޮޑަށް އަރައިގެންފާއިވާ އެންމެބޮޑު ޓެރަރިސްޓް ދައުލަތާއި ގުޅުން ބަދަހި ކުރަނީ ފަލަސްޠީނު މީހުންގެ ޙައްގު ތައް ހޯދައި ދިނުމަށް ކަމަށް ބުނާ ބުނުމަކީ ދިވެހި ރައްޔަތުންގެ ބުއްދިއަށް ކުރި މަލާމާތެކެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިހާރު ހިންގަމުންދާ ދޯދިޔާ ކަން ސާބިތުކޮށްދޭ ކަމެކެވެ." ގައުމީ މަޖިލީހުގެ އެ ބަޔާނުގައި ސަރުކާރުން އިޒްރޭލާއި އެކު ގުޅުން ބަދަހިކުރާ ބަދަހިކުރުން ސިފަކުރަމުން ބުނެފައިވެ އެވެ.
އެ ބަޔާނުގައި އަދާލަތު ޕާޓީން ވަނީ ރާއްޖެ އާއި ލީބިޔާއާއި ދެމެދު އޮންނަ ހާރިޖީ ގުޅުންތައް ގަޑާލުމުން އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖިލީހުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަރުކާރަށް ދިންއިރު މިގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝައިހު ޝަހީމް އަލީ ސައީދު އެ މަގާމުން އިސްތިއުފާދެއްވައި ސަރުކާރާ ފެޔަށް ޖެހިވަޑައިގެންފަ އެވެ. އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކާއި ދެކޮޅަށް އަޑު އުފުލާ އިހުތިޖާޖު ކުރުމުގެ ބޮޑަތި މުޒާހަރާތަކެއް އަދާލަތުން ވަނީ ބާއްވާފަ އެވެ.

އިސްލާމުންނަށް އިހާނެތި ގޮތްތައް ހަދާ މުސްލިމުންގެ މުގައްދަސް ތަންތަނަށް ދެރަވަރު ގޮތް ހަދަމުންދާ އިޒްރޭލާއި ދިވެހި ސަރުކާރާ މެދު ގާތްގުޅުންތަކެއް ބާއްވަމުން އަންނާތީ އަދާލަތު ޕާޓީގެ އިތުރުން ރާއްޖޭގައި ހުރި ދީނީ ބޮޑަތި ޖަމާއަތްތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު