ނޫސްވެރިންނަށް ހަމަލާދޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޒަކީ ގޮވައިލައްވައިފި

ނޫސްވެރިންނަށް ހަމަލާދޭ ފަރާތްތައް ވަގުތުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ރައީސް ކަމަށް ވާދަ ކުރައްވާ، އަދި ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ ގޮވައިލައްވައިފި އެވެ.

އަތޮޅުތަކުގެ ރަށްރަށަށް ކުރެއްވި ކެމްޕެއިން ދަތުރު ފުޅުތައް ނިންމާލެއްވުމަށް ފަހު، އިއްޔެ މާލެ ވަޑައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވީ، މީޑިޔާއަކީ ޑިމޮކްރަސީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔެއް ކަމަށެވެ. އަދި މީޑިޔާއާ ރަހްމަތްތެރި ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން މީޑިޔާ ދިފާއު ކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

"މީޑިޔާ ހިމާޔަތް ކުރުމަށް ގަދަ އަޅާ މަސައްކަތްކުރާނަން. މީގެ ދުވަސްކޮޅެއް ކުރިން އެމްއެންބީސީވަންގެ ކުޅިވަރު ރިޕޯޓަރު އަބުދުﷲ ސޯދިގަށް ތޫނު އެއްޗަކުން ބަޔަކު ދިން ހަމަލާ އެމްޑީޕީގެ ނަމުގަ އާއި އަމިއްލަ ނަމުގައި އަޅުގަނޑު ކުށްވެރި ކުރަން. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ވަގުތުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލަން،" ޒަކީ ވިދާޅުވި އެވެ.

ޒަކީ އަދި ވިދާޅުވީ، މިދުވަސްކޮޅު ހިނގަމުންދާ އެމްޑީޕީގެ އިންތިހާބުގެ ތެރޭގައި، މީޑިޔާ އިން ލިބިވަޑައިގަންނަވާ ކިތަންމެ ހަނި ފުރުސަތެއް ނަމަވެސް ބޭނުންފުޅު ކުރައްވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ދިޓީވިން ބޭއްވުމަށް ހަމަޖެއްސި ބަހުސަކަށް ދިން ދައުވަތު ގަބޫލު ކުރައްވާފައިވާނެ ކަމަށާއި، އެމްޑީޕީ އާއި ރާއްޖެ ޓީވީ ގުޅިގެން ބޭއްވުމަށް ހަމަޖެއްސި ބަހުސަށް ދިން ދައުވަތު ވެސް ގަބޫލު ކުރައްވާފައިވާނެ ކަމަށް ޒަކީ ވިދާޅުވި އެވެ.
"ފުރަތަމަ އަޅުގަނޑަށް ދައުވަތު ދިނީ ދި ޓީވީން އެ ދައުވަތު އަޅުގަނޑު ވާނީ ގަބޫލު ކޮށްފައި. އޭގެ ތިން ދުވަސް ފަހުން އެމްޑީޕީ އާއި ރާއްޖެ ޓީވީ ގުޅިގެން ބާއްވާ ބަހުސަކަށް ދައުވަތު ލިބުމުން ވެސް އެ ދައުވަތު ވެސް އަޅުގަނޑު ވާނީ ގަބޫލު ކޮށްފައި،" ޒަކީ ވިދާޅުވި އެވެ.

ޒަކީ ވިދާޅުވީ، އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ. އަދި ޒަކީ އެމްޑީޕީ އަށް ކުރައްވާފައިވާ ހިދުމަތްތައް އަތޮޅުތަކުގެ މެންބަރުން ވަރަށް ބޮޑަށް ފާހަގަ ކުރައްވާކަން އެ ދަތުރުފުޅުތަކުން އެނގިގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވޭތު ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުން އެތައް ބަޔަކު އެމްޑީޕީ އަށް ވަނުމަށް ފުރާފައިވާ ފޯމުތަކެއް ޕާޓީގެ ސެކްރެޓަރީ ޖެނެރަލާ ހަވާލުކުރައްވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ދަތުރުތަކުން އެމްޑީޕީއާ އަލަށް ގުޅޭ މެންބަރުންގެ އަދަދު 500 އަށް އަރާނެ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު