ވޯލްޑް ޓޭބަލް ޓެނިސްގައި ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން އޮތީ ވޯލްޑް ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަ ކުރާ 109 ޤައުމުގެ ތެރެއިން ރޭންކިންގެ 87 ވަނައިގައެވެ. ނަމަވެސް ރޭންކިން ދެ މެޗްގެ ތެރެއިން ފިޖީއާ ދެކޮޅަށް މިއަދު ކުޅުނު މެޗް ކާމިޔާބު ކޮށްގެން އަށް ދަރަޖައިގެ ކުރިއިރުމަކާއެކު ރާއްޖެ ވަނީ ޓީޓީގެ ވޯލްޑް ރޭންކިންގެ 79 ވަނަ އަށް ޖެހިލާފައެވެ.
ރާއްޖޭގެ އެއް ވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލާއި ފާތިމަތު ރަފާ ނާޒިމް ފިޖީގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅުނު ގޭމް ކާމިޔާބު ކުރީ 3:2 ންނެވެ.
ފުރަތަމަ މެޗާއި ދެ ވަނަ މެޗުން މުއިނާއާއި ޖުމާނާ ބަލިވި ނަމަވެސް ރާއްޖެއަށް އުންމީދެއް ގެނެސްދިނީ ޒުވާން ކުޅުންތެރިޔާ ރަފާ ތިން ވަނަ މެޗް ކާމިޔާބު ކުރުމުންނެވެ.
އަދި ރާއްޖެ މޮޅުކޮށްދިނީ ފަހު ދެ މެޗް މުއިނާއާއި ޖުމާނާ ރާއްޖެއަށް ކާމިޔާބުކޮށްދިނުމުންނެވެ.
ރޭންކިންގެ ފުރަތަމަ މެޗްގައި ރާއްޖޭގެ އަންހެން ޓީމު ބަލިވީ ކޮސޯވޯ އަތުންނެވެ.
ރޭ ރާއްޖޭގެ ފިރިހެން ޓީމު ކޮސޯވޯގެ ފިރިހެން ޓީމު އަތުން ބަލިވި ނަމަވެސް ރާއްޖޭގެ ފިރިހެން ޓީމަށްވަނީ ރޭންކިންގެ 27 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. ކުރިން ފިރިހެން ޓީމު އޮތީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ 133 ގައުމުގެ ތެރެއިން 110 ވަނައިގައެވެ. 27 ދަރަޖައިގެ ކުރިއެރުމަކާއެކު ރާއްޖޭގެ މިހާރުގެ މަގާމަކީ ރޭންކިންގެ 83 ވަނައެވެ.