ރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީ އަހަރަކު 4000 ޑޮލަރަށް!

ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު )ރިއަލް ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް( އަންދާޒާކުރުމަށް ބޭނުންކުރާ ދާއިމީ އަގުކުރާ އަހަރު 2003 އަށް "ރީބޭސް" ނުވަތަ ބަދަލުކުރުމާ ގުޅިގެން ރާއްޖޭގައި ކޮންމެ މީހެއްގެ ބޮލަކަށް މިއަހަރު ޖެހޭ މިންވަރު 4061 ޑޮލަރު )51982ރ.( އަށް އަރައިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ހިސާބުތަކުން ދައްކައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ދައްކައިދޭ ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ރިއަލް ޖީޑީޕީ މިހާތަނަށް އަންދާޒާކުރަމުން ގެންދިޔައީ 1995ގެ ދާއިމީ އަގުން ކަމުގައިވީ ނަމަވެސް، ނޭޝަނަލް ޕްލޭނިންގް އިން ވަނީ އެ އަހަރު 2003 އަށް މިހާރު ބަދަލުކޮށްފަ އެވެ. އަދި 1995ގައި ރާއްޖޭގައި އުފެއްދި ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ޖީޑީޕީގެ ހިސާބުތަކަށް ވުރެ ފަހުގެ އަހަރަށް ބަލައިގެން ތައްޔާރު ކުރި ހިސާބުތައް މާބޮޑަށް ސައްހަވާނެ ކަމަށް ޕްލޭނިންގް އިން ބުންޏެވެ.

ދެހާސް ތިނެއް ބޭސް ޕީރިއަޑަކަށް ބަލައިގެން ތައްޔާރު ކުރި ޖީޑީޕީގެ ހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 10 އަހަރު ތެރޭ ރާއްޖޭގެ އިގުތިސާދަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވެ އެވެ. އަދި 2011 ވަނަ އަހަރަށް އަންދާޒާކުރެވޭ ހަގީގީ އިގުތިސާދުގެ އުފެއްދުންތެރިކަމާއި ބޮލަކަށް ޖެހޭ މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ.

އެގޮތުން މިއަދު ޕްލޭނިން އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި މިއަހަރަށް އަންދާޒާކުރެވޭ ރާއްޖޭގެ ރިއަލް ޖީޑީޕީ އަކީ 21.1 ބިލިއަން ރުފިޔާ އެވެ. އަދި މިއަހަރު ކޮންމެ މީހެއްގެ ބޮލަކަށް ޖެހެނީ 51،982ރ. ނުވަތަ 4061 ޑޮލަރެވެ. އެ ރޭޓުން ބަލާއިރު ދުވާލެއްގެ މައްޗަށް މީހެއްގެ ބޮލަކަށް 11 ޑޮލަރު (143ރ.) ޖެހެ އެވެ.

ބޮލަކަށް ޖެހޭ މިންވަރު އަންދާޒާކޮށްފައި ވަނީ 406،359 މީހުންގެ އާބާދީއަކަށް ބަލައިގެން ކަމަށާއި އޭގެ ތެރޭގައި ލޭބާ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ބިދޭސީ މަސައްކަތު މީހުން ވެސް ހިމެނޭނެ ކަމަށް ޕްލޭނިންގް އިން ބުނެ އެވެ. އެއީ އެމީހުންގެ ބޮޑު ހިއްސާއެއް އިގުތިސާދުގައި ހިމެނޭތީ ކަމަށް ޕްލޭނިންގް އިން ބުންޏެވެ.

ނަމަވެސް، 1995ގެ އަގުން ބަލައިގެން ޕްލޭނިން އިން ކުރިން އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކަނީ މިއަހަރު މީހެއްގެ ބޮލަކަށް 2844 ޑޮލަރު ޖެހޭނެ ކަމަށެވެ. އަދި މުޅި އަހަރުގެ އުފެއްދުންތެރިކަން އުޅޭނީ 11.3 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެންކަމުން ދެ މިންގަނޑުގެ ތަފާތުތައް އަޅާކިޔައިރު، މިއަހަރު މީހެއްގެ ބޮލަކަށް ޖެހޭ މިންވަރު ވަނީ 1217 ޑޮލަރުން އިތުރުވެފަ އެވެ. އަދި މިއަހަރުގެ ރިއަލް ޖީޑީޕީ 9.8 ބިލިއަން ރުފިޔާ އިން އިތުރުވެފަ އެވެ.

ޕްލޭނިން އިން މިއަދު އިތުރަށް ބުނީ، 1995ގެ އަގުން ބަލާއިރު 2001-2010ގެ ނިޔަލަށް ގައުމީ އުފެއްދުންތެރިކަން ނުވަތަ ރިއަލް ޖީޑީޕީ ކުރިއަރައިފައި ވަނީ 4.3 ބިލިއަނުން ކަމަށްވީ ނަމަވެސް، 2003ގެ ރޭޓުން ބަލާއިރު ހަމަ އެމުއްދަތުގެ ތެރޭ އެ އަދަދު ވަނީ 9.6 ބިލިއަނުން ކުރިއަރައިފަ ކަމަށެވެ.

"މިފަރަގުގެ ސަބަބުތަކުގެ ތެރޭގައި ޖީޑީޕީ އެކުލަވާލުމުގައި ބޭނުންކުރާ މައުލޫމާތު މުއްސަނދިވުމުގެ އިތުރުން މެތޮޑޮލޮޖީއަށް ގެނެވުނު ބަދަލުތައްވެސް ހިމެނެ އެވެ،" ޕްލޭނިންގް އިން ބުންޏެވެ.

ރިއަލް ޖީޑީގެ އިތުރުން އިންފްލޭޝަން ރޭޓް ހިމަނައިގެން ތައްޔާރުކުރާ ނޮމިނަލް ޖީޑީޕީގެ ހިސާބުތައް ވެސް ޕްލޭނިންގް އިން މިއަދު އާއްމުކޮށްފައިވެ އެވެ. އެ ޑިޕާޓްމަންޓުން ބުނީ، 1995 ވަނަ އަހަރުގެ ނޮމިނަލް ޖީޑީޕީގައި އިގުތިސާދީ ތަފާތު ދާއިރާތަކުން ހިއްސާކުރާ މިންވަރު އެނގެން ނެތްކަމުގައި ވިޔަސް 2003 ވަނަ އަހަރުގެ ސީރީސްގައި އެ މައުލޫމާތި ލިބެން ހުންނާނެ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2002 ވަނަ އަހަރާއި 2009 ވަނަ އަހަރާ ދެމެދު ރާއްޖޭގެ އިގުތިސާދު އެވްރެޖްގޮތެއްގައި ކުރިއަރާފައިވާ ނަމަވެސް، 2009 ވަނަ އަހަރާއި 2005 ވަނަ އަހަރު އިގުތިސާދު ވަނީ ފަހަތަށް ޖެހިފަ އެވެ. އެއީ 2008 ވަނަ އަހަރުގެ މުޅި ދުނިޔައަށް އައި އިގުތިސާދީ ހީނަރުކަމުގެ ސަބަބުންނާއި އަދި 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުންނެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންގަނޑު މީގެ ކުރިން ދެފަހަރެއްގައި މަތިން ވަނީ ރީބޭސް ނުވަތަކޮށްފައި އެވެ. ފުރަތަމަ ބޭސް ޕީރިއަޑަކަށް ބޭނުންކުރީ 1985 ވަނަ އަހަރެވެ. އޭގެ ފަހުން ބޭނުންކުރަން ފެށީ 1995 ކެވެ.

އިގްތިސާދީ އޮނިގަނޑަށް އަންނަ އެ ބަދަލުތައް ދެނެގަނެ، ގައުމެއް ކުރިއަރާދާވަރު އަންދާޒާކުރާއިރު އެބަދަލުތައް ވެސް ހިމަނުމަކީ ފަހުގެ އަހަރަކަށް ބޭސް ޕީރިއަޑް ބަދަލުކުރުމުގެ މައިގަނޑު ސަބަބެއް ކަމަށް ޕްލޭނިންގް އިން ބުނެ އެވެ. އަދި 2003 ވަނަ އަހަރުގައި ރާއްޖޭގެ އުފެއްދި ތަކެއްޗާއި ހިދުމަތްތަކަށް ހިނގި ހަރަދާއި ލިބުނު އާމްދަނީ އަދި އުފެއްދުންތެރިކަން ހުރި މިންވަރު ބަލައި، އެ އުފެއްދުންތަކަށް އަގުތައް ކަނޑައެޅީ "ސަޕްލައި އެންޑް ޔޫސް ޓޭބަލް މޮޑެލް" ބޭނުންކޮށްގެން ކަމަށް ވެސް ޕްލޭނިންގް އިން ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު