14:30
ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ކުރައްވާ ދަތުރުފުޅެއްގަ އާއި ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ބޫޓާނުގެ ތިމްޕޫގައި މި މަހުގެ 28 ން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސާކް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ އިތުރުން، އެ ސަމިޓްގެ ހަވާސާގައި، ސާކުގެ ބައެއް ޤައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، އަދި ސަރަޙައްދީ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، މާލޭ ރަސްމީ ފާލަމުގައި ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެ ސަމިޓްގެތެރޭގައި ސަރަޙައްދީ ކަންކަމުގައި ސާކުން އަދާކުރާ ދައުރު ހަރުދަނާ ކުރައްވައި އިތުރަށް ފުޅާކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޫޓާނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ މެއި މަހުގެ 1 ވަނަ ދުވަހެވެ.