ފުވައްމުލަކު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާއެއް ހުށަހަޅައިފި

ޏ. ފުވައްމުލަކު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައްބާސް އަހުމަދު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާއާ ތިމާގެ ފަރާތްތަކެއްގެ ފިހާރައިން ސްކޫލަށް ބޭނުންވާ ވަރަށް ގިނަ ތަކެތި ގަނެފައިވާ ކަމަށް ބުނާ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އައްބާސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މި މަހުގެ 11 ވަނަ ދުވަހު ޕީޖީ އޮފީހަށް ހުށަހަޅައިފައި ވަނީ އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައި ވާތީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރާ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އޭސީސީން ބުނީ، 2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ފުވައްމުލަކު ސްކޫލަށް ބޭނުންވާ އާދަޔާ ހިލާފަށް ގިނަ އަދަދެއްގެ ތަކެތި އައްބާސް ގަނެފައި ވަނީ އެ ރަށުގައި ހިންގާ އޭނާގެ މަސްލަހަތު އޮންނަ ފިހާރަކައަކުން ކަމަށެވެ.

"އެ ސްކޫލްގެ ފަރާތުން ކޮށްފައިވާ އާއްމު ވިޔަފާރީގެ ތެރެއިން އެންމެ ގިނައިން ވިޔަފާރި ކޮށްފައި ވަނީ އައްބާސް އަހުމަދުގެ މަސްލަހަތު އޮންނަ ފިހާރައަކުންނެވެ. އެސްކޫލްގެ ފަރާތުން އެތަކެތި ގަތުމަށް ހުއްދަ ދިނުމުގެ އިތުރުން އެފިހާރައިން ފުވައްމުލަކު ސްކޫލަށް ފޮނުވާ ބިލްތަކަށް ފައިސާ ދިނުމަށް އައްބާސް އަހުމަދު ހުއްދަ ދީފައިވާކަން ވެސް ފާހަގަކުރެވެ އެވެ. އަދި އެފިހާރައިން ސްކޫލަށް ހުށައަޅާފައިވާ ބައެއް ބިލްތަކުގައި އައްބާސް އަހުމަދުގެ ފަރާތުން އޭނާގެ ބަދަލުގައި އެހެންމީހުން ސޮއިކޮށްފައިވާކަން ވެސް ފާހަގަކުރެވެ އެވެ. މިކޮމިޝަނުން ކުރި ތަހުގީގުން އެނގުނު ގޮތުގައި އެފިހާރައަކީ ފުވައްމުލަކު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައްބާސް އަހުމަދުއާ އާއިލީ ގޮތުން ވަރަށް ގާތް ދެ ފަރާތެއްގެ ތަނެއްކަން ވެސް ފާހަގަ ކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އައްބާސް މިހާރު ވެސް އެސްކޫލްގައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެ ސްކޫލުން މިއަދު ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު