ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުންނަށް މަހަކު 1.5 މިލިއަން ރުފިޔާ!

ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ކޮންމެ މީހެއްގެ މައްޗަށް ސަރުކާރުން ކޮންމެ މަހަކު ގާތްގަނޑަކަށް 9000ރ. ހަރަދުކުރާ ކަމަށާއި އެފަދަ ބޮޑު ހަރަދެއް ދާއިމީ ގޮތެއްގައި ކުރަމުން ނުގެންދެވޭނެ ކަމަށް މިނިސްޓާ އޮފް ހެލްތު އެންޑް ފެމިލީ ޑރ. އައިމިނަތު ޖަމީލު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންނާއި އަންހެނުންނަށާއި އަދި މުސްކުޅިންނަށް ކުރާ ޖިންސީ ހާނީއްކަތަކާ ދެކޮޅަށް އަޑުއުފުލުމަށް އިއްޔެ ބޭއްވި ހިނގާލުމަށްފަހު ސަން އަށް މައުލޫމާތުދެއްވަމުން ޑރ. އައިމިނަތު ޖަމީލު އިއްޔެ ވިދާޅުވީ، ޒަރޫރީ ހާލަތުގައި ތިބި އުމުރުން ދުވަސްވީ ގިނަ ބަޔަކު މިވަގުތުވެސް ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ދިރިއުޅެމުންދާއިރު، އެމީހުންގެ އާއިލާތަކުގެ ފަރާތުން ގިނަ ފަހަރު ލިބެންވާ ވަރަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.

އަދި އެ ސެންޓަރުގައި މިހާރު ތިބި ކޮންމެ މީހަކަށް ދައުލަތުން މަހަކު ގާތްގަނޑަކަށް 9000ރ. ހަރަދުކުރަން ޖެހޭ ކަމަށާއި އެއީ ދާއިމީ ހައްލެއް ނޫން ކަމުގައި މިނިސްޓާ ވިދާޅުވި އެވެ. އެއީ އެ ސެންޓަރުގައި ތިބި 167 މީހުންނަށް، މަހަކު ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ އެވެ. އަދި އަހަރެއްގެ މައްޗަށް 18 މިލިއަން ރުފިޔާ އެވެ.

"އެއިން ކޮންމެ މީހަކަށް ދައުލަތުން އެބަ ހަރަދުކުރަން ޖެހޭ 9000ރ. ކޮންމެ މަހަކު. ދާއިމީ ގޮތެއްގައި މިކަން ކުރިއަކަށް ނުގެންދެވޭނެ އާއިލާތަކުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި. އަޅުގަނޑުމެން އެކަމާ ވިސްނަމުންދަނީ،" ޑރ. އައިމިނަތު ޖަމީލު ވިދާޅުވި އެވެ.

އަދި އެ ސެންޓަރުގެ ވެސް ގިނަ ކަންތައްތަކެއް އިސްލާހުކުރަން ޖެހިފައިވާ ކަމަށް މިނިސްޓާ ވިދާޅުވި އެވެ.

ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ ސެންޓަރާ ހަވާލުވެ ހުންނެވި ޖެންޑާ ޑިޕާޓްމަންޓްގެ ޑިރެކްޓާ އަހްމަދު ގާސިމް މިއަދު ވިދާޅުވީ، އެއީ ހަމައެކަނި ލަފާކުރެވޭ އަދަދު ކަމަށާއި އަސްލު ކުރަން ޖެހޭ ހަރަދު އެއަށްވުރެ ވެސް ބޮޑުވާނެ ކަމަށެވެ. އަދި އެތަނަށް މާލީ ދަތިތަކުގެ އިތުރުންވެސް އިތުރު އެތަކެއް ދަތިތަކާ "އިންތިހާއަށް" ކުރިމަތިލާން ޖެހިފައިވާ ކަމުގައި އޭނާ ވިދާޅުވި އެވެ.

"މާލީ ގޮތުން ވެސް އަދި އެހެނިހެން ގޮތްގޮތުންވެސް ދަތިތަކާ ކުރިމަތިވެފައި ވަނީ. ޖާގައިގެ ދަތިކަމާ މިހާރު މީހުން ބަހައްޓައިގެން ތިބޭ ގޭގެ މަރާމާތުގެ މަސައްކަތާއި ރަނގަޅު ފެނުގެ ނިޒާމެއް ނެތުމާއި ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކާ ކަރަންޓާއި ފާހަނާގެ ނިޒާމުގެ ކަންތައް ހުރި ގޮތުން މިހުރިހާ ކަމަކުން ވެސް އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައި މިވަނީ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިދިޔަ އަހަރު އަލަށް އިމާރާތްކުރި 34 މީހުންގެ ޖާގައިގެ ގެއަށް ބަލިމީހުން ބަދަލުކުރިއިރު، ބާވެފައިވާ އިމާރާތުގައި ބައިތިއްބައިފަ ތިބި 44 މީހުން އެތަނަށް ބަދަލުކުރަން ޖެހުނު ކަމަށެވެ. އެހެންކަމުން، ލިބެން ހުރި ޖާގައަށްވުރެ 10 މީހުން އިތުރަށް ބަދަލުކުރަން ޖެހުމުން "ފަސޭހައަށްވުރެ ބޮޑަށް ވީ ދަތި" ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އަދި ފަރުވާދިނުމަށްފަހު އަނބުރާ ފޮނުވާލައި ގިނަ މީހުންނަށް ދޭން ޖެހޭ ބޭސް ގަޑިންގަޑިއަށް ދިނުމުގައި އާއިލާތަކުން އިހުމާލުވުމާ ގުޅިގެން، އަނެއްކާ އެ މީހުން ސެންޓަރަށް ބަދަލުކުރަންޖެހޭ ފަހަރުތައް ގިނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، އެ މައްސަލަތައް އެކަންކަން ހަމައެކަނި ދައުލަތަށް ހައްލުނުކުރެވޭނެ ކަމަށެވެ. ސަރުކާރުގެ އިތުރަށް އާއިލާތަކުގެ އެހީތެރިކަމާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން މުޖުތަމައުގެ އެހީތެރިކަން އެކަމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އެ ސެންޓަރުގައި ތިބި މީހުންގެ ތެރެއިން 33 ޕަސަންޓް މީހުންނަކީ އުމުރުން ދުވަސްވެ، އާއިލާއަށް ނުބެލިގެން ނުވަތަ އަޅާލާނެ މީހަކު ނެތި ޒަރޫރީ ހާލަތުގައި ތިބި މީހުން ކަމަށް ޖެންޑާ ޑިޕާޓްމަންޓުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު