ހަނޑޫ މުގުރާ ދަތީގެ ތެރޭގައި އަތް ޗިސްވި ކުއްޖާ އަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ގެންގޮސްފި

ހއ. ބާރަށުގައި ހަނޑޫ މުގުރާ ދައްޗެއްގެ ތެރޭގައި އަތްތާށިވެ، އިނގިލިތައް ވަރަށް ބޮޑަށް ޗިސްވި ދެ އަހަރުގެ ތުއްތު ކުއްޖާ އަށް އިތުރު ފަރުވާ ހޯދުމަށް އިންޑިއާ އަށް ގެންގޮސްފި އެވެ.

ހަނޑޫ މުގުރާ ކަރަންޓް ދައްޗެއްގައި އިނގިލިތައް ތާށިވެ ޗިސްވީ އުމުރުން އެންމެ ދެ އަހަރުގެ ހއ. ބާރަށު، ތިބާދޫގެ މިހާސް އަބްދުﷲ އެވެ. އެ ހާދިސާގައި އެ ކުއްޖާގެ އިނގިލިތަކަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނާގެ އިނގިލިތަކުގައި އަދިވެސް ދިރުމެއް ނެތް ކަމަށް އާއިލާ އިން ބުނެ އެވެ.

މިހާސްގެ ބައްޕަ އަބްދުﷲ އަލީ ބުނީ، މިހާސްގެ އަތުގައި އެޅުވުނު ދަތި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނައްޓާލީއްސުރެ މިއަދާ ޖެހެންދެން ވެސް މިހާސްގެ އިނގިލިތަކަށް ދިރުމެއް ލިބިފައި ނުވާ ކަމަށެވެ. އަދި އައިޖީއެމްއެޗުން އޮޕަރޭޝަނެއްކޮށް މިހާސްގެ އިނގިލިތަކަށް ދިރުމެއް ގެނެވޭތޯ މަސައްކަތް ކުރި ނަމަވެސް އިތުރު ފަރުވާ ހޯދުމަށް ބޭރަށް ގެންދިއުމަށް ޑޮކަޓަރުން ލަފާދިނުމުން މިހާރު ދަރިފުޅު ފަރުވާ އަށް ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

"އައިޖީއެމްއެޗުން ބުނީ މި ކޮޅުން ދެން އޮތް އޮޕަރޭޝަން ކުރިއަސް އެއްވެސް ވަރަކަށް ޔަގީންކަމެއް ނެތޭ[އިނގިލިތަކަށް] ދިރުން ލިބޭނެ ކަމުގެ. އެހެންވެ އަންހެނުންނާއި އަޅުގަނޑުގެ ދޮށީ ދަރިފުޅާއެކު ދަރިފުޅު ފޮނުވާލީ އިންޑިއާ އަށް،" އަބްދުﷲ އަލީ، 56 މިއަދު ބުންޏެވެ.

އާންމުކޮށް ދިވެހިން ގޮސްއުޅޭ އިންޑިއާގެ ޓްރެވިންޑްރަމްގެ ކިމްސް ހޮސްޕިޓަލުން ދަރިފުޅުގެ އިނގިލިތަކަށް ދާއިމީ ފަރުވާއެއް ހޯދައިދެވޭނެ ކަމަށް މިހާރު ބުނެފައިވާ ކަމަށް އަބްދުﷲ ބުންޏެވެ.

"އެމީހުން ބުނީ އެއީ ބޮޑު އަދި އަގުބޮޑު އޮޕަރޭޝަނަކަށް ވާނެ ކަމަށް. އަޅުގަނޑު އަތަކު ނެތް ލާރިއެއް. އެތަނުން އަނެއް ތަނަށް މި ހިނގަނީ އެހީއެއް ލިބޭތޯ،" އަބްދު ﷲ ބުންޏެވެ.

އަބްދުﷲ އަލީ ބުނީ މިހާސްގެ ނާޒުކު އިނގިލިތަކަށް ދިރުން ހޯދުމަށް ކުރަން ޖެހޭ އޮޕަރޭޝަންގެ އަގު ގާތްގަނޑަކަށް 100000 އިންޑިއާ ރުޕީސް، ނޫނީ 32125 ދިވެހި ރުފިޔާ އަރާ ކަމަށް ކިމްސް ހޮސްޕިޓަލުން ބުނާ ކަމަށެވެ.
އެފަދަ ބޮޑު ހަރަދެއް ކުރުމަށް އަތުގައި ފައިސާ ނެތުމުން، އެންސްޕާ އާއި ސަރުކާރުގެ އެހެނިހެން ތަންތަނުން އެހީލިބޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންނެވެ. ނަމަވެސް އަދި މިހާތަނަށް މާބޮޑު އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށް އަބްދުﷲ އަލީ ބުންޏެވެ.

"އަހަރެން ކޮންތާކުން އެއްލައްކަ ރުޕީސް ހޯދާނީ؟ މިހާރު އެންސްޕާ އަށް ވެސް ލައިގެން މިއުޅެނީ. މިއަދު ޖަވާބުދެއްވާނަމޭ ވިދާޅުވެފައި އޮތީ. މިކަމުގައި ]އެހީލިބޭތޯ[ އަޅުގަނޑު މަސައްކަތް މި ކުރަނީ." އަބްދުﷲ ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު