ޔަމަންގެ ރައީސް ސާލިޙް، އެންމެ ފަހުން ވެރިކަމުން ފާބައިވަޑައިގަތުމަށް އެއްބަސްވެވަޑައިގެންފި

ސަންޢާ : ރައްޔިތުންގެ އުތުރިއެރުމަކާ ކުރިމަތިވެ ވަޑައިގެންފައިވާ ޔަމަންގެ ރައީސް ޢަލީ ޢަބްދުﷲ ސާލިޙް، އެންމެފަހުން ވެރިކަމުން ފާބައިވަޑައިގަތުމަށް އެއްބަސްވެވަޑައިގެންފިއެވެ.

ރައީސް ސާލިޙް މިކަމަށް އެއްބަސްވެ ވަޑައިގަތީ، އޭނާގެ ވެރިކަން ވައްޓާލުމަށް ޓަކައި މީގެ ތިންމަސްކުރިން ޔަމަންގެ ރައްޔިތުންފެށި ސުލްޙަވެރި މުޒާހަރަތަކާއި އުތުރިއެރުންތަކާ ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މީހުން މަރަމުން ގެންދިޔުމުގެ ސަބަބުން ގަޑުބަޑުވެފައިވާ ޔަމަންގެ މަސްރަޙް ހަމައަކަށް އެޅުވުމަށް ގަލްފުގެ ޤައުމުތަކުން ހުށަހެޅި ޕްލޭނެއްގެ ދަށުންނެވެ.

ރައީސް ސާލިޙް، މިޕްލޭން ޤަބޫލުކުރެއްވިކަން އޭނާގެ ސަރުކާރުން މިއަދު ހެނދުނުވަނީ ޚަބަރު ފަތުރާ ވަސީލަތްތަކަށް ކަށަވަރުކޮށްދީފައެވެ. މިޕްލޭން ގޮވާލަނީ ޔަމަންގެ ވެރިކަން ނައިބު ރައީސަކާ ޙަވާލުކުރުމަށްފަހު 30 ދުވަހުގެ ތެރޭގައި ސާލިޙް، ވެރިކަމުން ދުރުވެ ވަޑައިގަތުމަށެވެ.

އަދި ޔަމަންގެ ހުރިހާ ފަރާތްތަކެއް ގުޅިގެން ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށާއި އަލުން އިންތިޚާބު ބާއްވައި އާ ރައީސަކު ހޮވަންދެން ޔަމަންގައި ވެރިކަން ކުރާނީ މި ސަރުކާރުން ކަމަށްވެސް މިޕްލޭން ބުނެއެވެ.
މިޕްލޭންގައިވާގޮތުން، ސާލިޙާއި އޭނާގެ އާއިލާއާއި ޢަޢްވާނުން ވެރިކަމުގެ ބާރުތައް ދޫކޮށްލެއްވުމުން، ކުރިން އެމީހުން ކޮށްފައިވާ ކުށްތަކާގުޅިގެން އެމީހުންގެ މައްޗަށް ޝަރީޢަތެއް ނުހިންގޭނެއެވެ. ޔަމަން ރައްޔިތުންގެ ތެރޭގައި ހިމެނޭ އެކްޓިވިސްޓުންނާއި އިދިކޮޅު ފަރާތްތަކުން، ގަލްފުގެ ޕްލޭންގައި ހިމެނޭ މިމައްދާ ޤަބޫލުނުކުރާނެކަން ކުރިން ހާމަކޮށްފައިވެއެވެ.

ނަމަވެސް މިޕްލޭނާއެއްގޮތަށް ވެރިކަން ދޫކޮށްލައްވަން ސާލިޙް ނިންމެވިކަން ޔަމަން ސަރުކާރުން އިޢްލާން ކުރުމުން މިމާއްދާ އާބެހޭގޮތުން އިދިކޮޅު ފަރާތްތަކުން އަދި ބަޔާނެއް ދީފައެއް ނުވެއެވެ.

ސާލިޙްގެވެރިކަން ވައްޓާލުމަށް ޓަކައި މީގެ ތިންމަސްވަންދެން ރައްޔިތުންކުރަމުންގެންދާ ސުލްޙަވެރި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އާންމުންގެ ދުއިސައްތައެއްހާ މީހުން މަރުވެ އެތަށް ހާސް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މިހާތަނަށް ސާލިޙް ވިދާޅުވަމުން ގެންދެވީ އޭނާ ވެރިކަން ކުރައްވާ ރިޔާސީ ދައުރު (2013 ވަނަ އަހަރުގައި) ނިމުމުގެ ކުރިން ވެރިކަމުން ފާބައިވަޑައިނުގަންނަވާނެ ކަމުގައެވެ. -- ނޫސްއެޖެންސީތައް / ޖަވާދު

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު