އިތުރަށް އެމެރިކާ ސިފައިން އިރާގުގައި ބައިތިއްބަން ނޭދޭނެކަމަށް އިރާގު ސަރުކާރުން ބުނެފި

ބަޣްދާދު: ޢިރާޤުން އެމެރިކާ ސިފައިން ފައިބަން އެއްބަސްވެފައިވާ މުއްދަތުގައި އެމެރިކާ ސިފައިން ފައިބަންޖެހޭނެ ކަމަށާއި އެމުއްދަތަށްފަހު އެމެރިކާ ސިފައިންގެ އެއްވެސް ބަޔަކު ޢިރާޤުގައި ބޭތިއްބުމަށް އެމެރިކާގެ ކިބައިން ނޭދޭނެކަމަށް ޢިރާޤު ސަރުކާރުން ބުނެފި އެވެ.

ބޮޑުވަޒީރު ނުރީއަލްމާލިކީ ވިދާޅުވީ އެމެރިކާ ސިފައިން ޢިރާޤުން ފައިބަންޖެހޭ މުއްދަތަށްފަހު ވެސް އެމެރިކާގެ މަދު ޢަދަދެއްގެ ޢަސްކަރީ މުދައްރިބުންނާއި މުސްތަޝާރުން ޢިރާޤުގައި ބޭތިއްތުމަށް ސަލާމަތީ ގޮތުންނާއި ފަންނީ ގޮތުން ބޭނުންވި ނަމަވެސް ޢިރާޤުގެ ސިޔާސީ މަސްރަޙް މިކަމަށް ތަންނުދޭތީ އެމެރިކާ ސިފައިންގެ އެކަކުވެސް ޢިރާޤުގައި ނުބޭތިއްބުމުގެ ނިންމުމެއް ޢިރާޤު ސަރުކާރުން ނިންމީކަމުގައެވެ.

ދެކުނު ކޮރެޔާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި މާލިކީ ވަނީ ޢިރާޤުގެ ރައްޔިތުން، އެމެރިކާ ސިފައިން ޢިރާޤުގައި ބައިތިއްބަންބޭނުންނުވާކަމަށާއި އެމެރިކާ ސިފައިންނާއެކު ޢިރާޤުގެ ރައްޔިތުން ކޮށްފައިވަނީ ހިތިތަޖްރިބާތަކެއްކަން ދޭހަވާގޮތަކަށް ވާހަކަ ދައްކަވާފައެވެ.

މި އަހަރުގެ ޑިސެމްބަރމަސް ނިމުމުގެ ކުރިން ޢިރާޤުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމަށް ޢިރާޤާއި އެމެރިކާ ވަނީ މީގެ ހަތަރުއަހަރުކުރިން ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއެއްބަސްވުން ތަންފީޒުކުރާނެކަން އެމެރިކާވެސް ގެންދަނީ ޔަގީންކޮށްދެމުންނެވެ. މާލިކީ ސޮއިކުރައްވައި އޭނާގެ ގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައިވާގޮތުން އެމެރިކާ ގެންދަނީ ޢިރާޤުން ފޭބުމުގެ ކަންތައް ކުރަމުންނެވެ.
އަދި ޢިރާޤުން އެމެރިކާ ސިފައިން ފައިބަން އެއްބަސްވެފައިވާ މުއްދަތުގައި އެމެރިކާ ސިފައިން ފައިބަންޖެހޭނެ ކަމަށާއި އެމުއްދަތަށްފަހު އެމެރިކާ ސިފައިންގެ އެއްވެސްބަޔަކު ޢިރާޤުގައި ބޭތިއްބުމަށް އެމެރިކާގެ ކިބައިން ނޭދޭނެކަމަށްބުނާ ޤަރާރެއްވެސް މާލިކީގެ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުވަނީ ނެރެފައެވެ.

ޢިރާޤަށް އެމެރިކާ އަރައިގެންފައިވަނީ ދޮގާއި މަކަރުހަދައި އދ. ގެ ސަލާމަތީ މަޖިލީހަށާއި ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖެހުމަށްފަހު ޣައިރު ޤާނޫނީ ގޮތުން ކަމަށްވާތީ މިކަމުގައި އެމެރިކާއާ ދެކޮޅަށް ދަޢްވާކޮށް އެމެރިކާގެ ކިބަިއން ޢިރާޤަށް ލިބުނު ބަޔާންނުކުރެވޭ ގެއްލުންތަކުގެ ބަދަލު ހޯދުމުގެ ޙައްޤު ޢިރާޤު ރައްޔިތުންނަށް ލިބިގެންވާ ކަމަށް ޤާނޫނީ ތަޖްރިބާކާރުން ބުނެއެވެ.

ޢިރާޤާދެކޮޅަށް އެެމެރިކާ ކުރި ޣައިރު ޤާނޫނީ ހަނގުރާމައިގާ އިރާޤުގެ ލައްކައަކަށްވުރެ ގިނަމީހުން މަރުވެ ޢިރާޤުގެ ބޮޑުބައެއް ވީރާނާވެ ބައިމިލޔަނަށްވުރެ ގިނަ މީހުން ޒަޚަމްވެ ޢިރާޤު، ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. -- ނޫސްއެޖެންސީތައް/ ޖަވާދު
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު