އިބުރާ އާއި ޑރ. މުނައްވަރު އެމްޑީޕީގެ ރައީސް ކަމުން ވަކިވެވަޑައިގަތީ ވެރިކަމުގެ ދަހިވެތި ކަަމުގައި: ޑރ. ޑީޑީ

އެމްޑީޕީގެ ރައީސްކަން ކުރެއްވެވި ޑރ. މުހަންމަދު މުނައްވަރާއި އިބްރާހިމް އިސްމާއީލް (އިބްރާ) އެމްޑީޕީން ވަކިވެވަޑައިގަތީ ވެރިކަމުގެ ދަހިވެތި ކަމުގައި ކަމަށް އެމްޑީޕީގެ ރައީސްކަމުގެ ރޭހުގައި ވާދަކުރައްވާ ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގޭގައި އޭނާގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ޑރ. ޑީޑީ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ އެ ޕާޓީގެ އިންތިހާބުގައި ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް އޭނާ ޕާޓީ އާއި ދުރަށް ނުގޮސް ހުންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޑރ. މުނައްވަރާއި އިބްރާ އެމްޑީޕީ އާއި ފެޔަށް ޖެހިވަޑައިގަތީ "ވެރިކަމުގެ ދަހިވެތި ކަމުގެ ބަލީގައި" ކަމަށެވެ.

"އަންނަ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އަޅުގަނޑު ޕާޓީއާ ދުރަކަށް ނުދާނަން. އަޅުގަނޑު ޕާޓީ އާއި ދުރަށްދާން ޖެހޭ ސަބަބެއް ވެސް ނެތް. އެއްވެސް ވަރަކަށް އަޅުގަނޑުގެ ނެތް ވެރިކަމުގެ ދަހިވެތި ކަމެއް. މިއީ އެންމެންގެ ޕާޓީއެއް. އަޅުގަނޑުމެންގެ ޕާޓީއެއް. ވަކި ބަޔެއްގެ ޕާޓީއެއް ނޫން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ.ޑީޑީ ރޭ ވެސް ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އޭނާގެ ކެމްޕޭންގެ ވައުދުތައް ތަކުރާރުކުރައްވައިފަ އެވެ. ސަރުކާރުގެ އިސް ވެރިން ޒިންމާދާރު ކުރުވަން ސުވާލު ކުރާނެ ނިޒާމުތަކާއި ޕާޓީގެ މެންބަރުންނާއި ގޮފިތަކަށް ދިމާވާ ދަތިތައް ހައްލުކުރަން މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމުގެ ވައުދު ޑރ. ޑީޑީ އާ ކުރެއްވެވި އެވެ.

"އަޅުގަނޑުމެންނާ 2013ގެ ބޮޑު އިމްތިހާނު ކުރިމަތިވާއިރު އަޅުގަނޑުމެން ކުރަންޖެހޭ ލައްކަ ގިނަ މަސައްކަތް އެބަހުއްޓޭ. އަޅުގަނޑު މި ހުރީ އެ މަސައްކަތް ކުރަން. ހަމަ އެކަނި އެކަމައްޓަކާ ނިކުމެ އޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
އައްޑު އަތޮޅަށް ނިސްބަތްވާ އެމްޑީޕީގެ ގިނަ މެންބަރުންގެ ތާއީދު އޮތް ކަމަށް ބުނާ ޑރ.ޑީޑީ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީގެ އިންތިހާބީ ރޭހަށް ނިކުތީ ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބު ޕާޓީއަށް ކާމިޔާބުކޮށްދޭން ކަމަށާއި ވެރިކަން ކުރާ ޕާޓީއެއްގައި ހުންނަންޖެހޭ އަސާސީ ސިފަތަށް ފުރިހަމަކޮށް ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކޮށް ދިނުމަށް ކަމަށެވެ.

"މި ޕާޓީގައި ކުރަންޖެހޭ ކަންތައްތައް ވަރަށް ގިނަ. އަޅުގަނޑު ނުކުމެގެން ފުރަތަމަ ބުރުން ވެސް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދޭން. އަޅުގަނޑު އެކަން ކޮށްދޭނަން. އެކަން ކޮށްފައި ދައްކާނަން. ދެން އޮތީ ޕާޓީގެ އަސާސީ ގަވާއިދުން ލާޒިމް ކުރާ ކަންތައްތައް ފުރިހަމަ ކުރުން. މިހާތަނަށް އެބަހުރި ކަންތައްތަކެއް ފުރިހަމަ ނުކުރެވި. މިސާލަކަށް ކޮމެޓީތަށް އުފެއްދުން. އަޅުގަނޑު އެކަން ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ތިބޭފުޅުންނަށް ދެން. އަޅުގަނޑު މި ހުރީ ޕާޓީ އެކަނި އަތްމައްޗަށް ލައިގެން ނުކުމެ،" ޑރ.ޑީޑީ ވިދާޅުވި އެވެ.

ގިނަ މެންބަރުންތަކެއް ބައިވެރިވެފައި ނުވާ ރޭގެ ޖަލްސާގައި ޑރ.ޑީޑީއަށް ތާއީދު ކުރައްވާ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނިސްބަތްވާ ކުލަ އާއި ނަސަބަށް އަދި މުއްސަދި ކަމަކަށް ނުބަލައި ގާބިލު ބޭފުޅަކަށް ވޯޓުދިނުމަށެވެ. ރައީސް މުހަންމަދު ނަޝީދުގެ ނަންފުޅު ބޭނުންކުރައްވައިގެން ކެމްޕޭން ކުރައްވާ ބޭފުޅުންގެ ކެމްޕެއިން ވަގުތުން ހުއްޓާލުމަށް ވެސް ހަމްޒާ ގޮވާލެއްވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޑރ. ޑީޑީ އާ ދެން ވާދަކުރައްވަނީ ރައީސް ނަޝީދުގެ ސުޕެޝަލް އެންވޯއީ، އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސެން ޒަކީ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު