އެމެރިކާގެ ފުރިހަމަ ތާއީދާއެކު އިރާގުގައި މީޑިޔާގެ މިނިވަންކަން ނަގާލަނީ

މެދުއިރުމަތިން ފެށިގެން އުތުރު އެފްރިކާއާ ހަމައަށް ފެތުރިގެންދިޔަ ރައްޔިތުން އުތުރި އެރުމުގެ ރާޅު އިރާގުގެ މަތުގަތަކާއި ގޯޅިތައް ވެސް ހުރަސް ކުރިއެވެ. ނަމަވެސް އެގައުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

އިރާގުގެ ރައްޔިތުން މަގުތަކަށް ނުކުތީ އެމީހުންގެ ބޮލަށް އެމެރިކާއިން ސަވާރުކޮށްފައިވާ ގޮނޑިކޮއްކޮ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ވެރިކަން ވައްޓާލާކަށް ނޫނެވެ. ނަމަވެސް އެމީހުންނަށް ކުރިމަތިވެފައިވާ ކާނާއާއި ބޯފެން ނުލިބުމާއި ވަޒީފާ ނުލިބުން ފަދަ ކަންތައްތަކަށް ނިމުމެއް ގެނައުމަށެވެ. އަދި މާލިކީގެ ސަރުކާރުގެ ކޮރަޕްޝަން ހުއްޓުވޭތޯ ވެސް މެއެވެ.

އެންމެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލާ އިރާގުގެ ވެރިރަށް ބަޣުދާދާއި ތިކުރީތާއި ފައްލޫޖާ ފަދަ ރަށްތަކުގެ މަގުތަކަށް މިދިޔަ ފެބްރުއަރީ މަހު ނުކުތް އާއްމުންނާ އިރާގުގެ " ސަލާމަތީ" ބާރުތަކުން ކުރިމަތިލީ ޚުދު މުހުތާރު ވެރިން ތިބި އެހެން ގައުމުތަކުގައި ވެސް އެކަން ކުރި ގޮތަށެވެ.
މަގުތަކަށް ނުކުތް އެތައް ސަތޭކަ ބަޔަކު މާލިކީގެ ސިފައިންގެ ހަމަލާތަކުގައި މަރުވިއެވެ. އަދި ސިފައިންގެ އަތްދަށުވި އެތައް ބަޔަކު ހައްޔަރުކޮށް ވޭންދެނިވި އަނިޔާތައް ދިނެވެ.

އިރާގުގެ ރައްޔިތުން އެމީހުންގެ ހައްގުތައް ހޯދުމަށް މަގުތަކަށް ނުކުތުމުން މާލިކީގެ ސިފައިންގެ އަނިޔާއާ ކުރިމަތިވީ ހަމައެކަނި މަގުތަކުގައި އަޑު އުފުލި މީހުން އެކަންޏެއް ނޫނެވެ. އެމަންޒަރުތައް ފޮޓޯ ނަގައި ވީޑިއޯ ކޮށް އެކަންތައްތަކުގެ ހަބަރު ދުނިޔެއަށް ގެނެސް ދިނުމަށް ނުކުތް އެތައް ނޫސްވެރިންނަކަށް ޖެހުނީ ޖަލުތަކުގެ ކުޑަގޮޅިތަކަށް ވަންނާށެވެ. ރޭޑިއޯތަކާއި ޓީވީތައް އަދި ނޫސްތަކުގެ އޮފީސްތަކަށް ސިފައިން ވަދެ އެތަން ތަން ލޫޓުވި އެވެ.
ސައްދާމް ހުސައިންގެ ވެރިކަމުގައި ވެސް ނޫސްވެރިންނަށް ގައުމުގައި ހިނގާ ކަންތައްތައް ރިޕޯޓް ކުރުން މަނާވެފައި އޮތް ގޮތަށް މިފަހަރުވެސް މަނާވި އެވެ.

ނަމަވެސް މީޑިޔާގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދުނިޔޭގެ ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމުގެ ނަން އެޅިގެން އުޅޭ އެމެރިކާއިން ތިބީ މާލިކީއަށް ތާއީދު ކޮށްގެންނެވެ. އިރާގުގައި ތިބޭ އެތައް ހާސް އެމެރިކާސިފައިން ތިބީ އިރާގުގެ އާއްމުންނަށާއި ނޫސްވެރިންނަށް މާލިކީގެ ސިފައިން ކުރަމުން ދިޔަ އަނިޔާތައް ނުދެކެން ލޯމަރާލައިގެންނެވެ.

އިރާގުގައި ރައްޔިތުންނަށް އަނިޔާކުރި ސިފައިންނަށް އެމެރިކާ ސަރުކާރުގެ އިސް ތަރުޖަމާން ކުރީ ތައުރީފެވެ. އޭގެ އިތުރުން އެމެރިކާއިން ދަނީ އެސިފައިންނަށް އިތުރު ތަމްރީނާއި ހަތިޔާރު ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންނެވެ.

މާލިކީގެ ސިފައިންގެ ބާރު އިރާގުގައި ގަދަކުރުމަށްޓަކައި އެމެރިކާއިން މިހާރު ވަނީ އެމީހުންނަށް ޖާސޫސީ އިދާރާއެއް ވެސް އުފައްދައިދީފަ އެވެ.

ސައްދާމްގެ ވެރިކަން ވައްޓާލުމަށް ފަހު އެމެރިކާއިން ވަނީ އިރާގުގެ ސަރުކާރަށް އެތައް ބިލިޔަން ޑޮލަރެއް ދީފަ އެވެ. މީގެ ބޮޑު ބައެއް އެމެރިކާގެ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށް ދީފައިވާއިރު އެމެރިކާއިން އޭރު ބުނީ އެއީ އިރާގުގައި ރަނގަޅު މީޑިޔާއެއް އުފެއްދުމަށް ދިން ފައިސާ ކަމަށެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އާކައިވް އިން ލީކްވެފައިވާ ލިޔެކިއުން ތަކުން މިހާރު އެނގިފައި ވަނީ އެފައިސާ އަކީ އިރާގުގައި އެމެރިކާއިން ގާއިމް ކުރި ގޮނޑިކޮއްކޮ ސަރުކާރާއި ރަހުމަތްތެރި މީޑިއާއެއް އުފެއްދުމަށް ދިން ފައިސާ ކަމެވެ.

އެމެރިކާއިން މާލިކީގެ ސަރުކާރަށް ދިން މިހުރިހާ ފައިސާއަކާއި އެކުގައި ވެސް ސައްދާމްގެ ފަހުން އިރާގުގެ އަމިއްލަ މީޑިޔާތަކަށް ދިރުން ލިބުނީ މާލިކީއަށް ތާއީދުކުރާ ފަރާތްތަކަށް ވުރެ ބޮޑަށެވެ.

ނަމަވެސް އިރާގުގެ އެކި އެކި ހަނގުރާމަވެރި ޖަމާއަތްތަކުގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާއި ސަރުކާރުން ދޭ ހަމަލާތަކުގައި އިރާގުގައި މިނިވަން ނޫސްވެރިކަމެއް ކުރަމުންދާ ނޫސްވެރިން މަރުވާ އަދަދު ދިޔައީ ގިނަވަމުންނެވެ.

ސައްދާމްގެ ވެރިކަން ނިމުމަށް ފަހު އިރާގުގެ ނޫސްވެރިކަމަށް އައީ ކިހާވަރެއްގެ ކުރިއެރުމެއްތީ ބެލުމަށް އެގައުމަށް ދިޔަ ބައިނަލް އަގުވާމީ "އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ" ޖަމާއަތަކުން ސާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެގަމުގައި ހަނގުރާމަވެރިންގެ ހަމަލާތައް އެންމެ ގިނަ ދުވަސް ވަރަށް ވުރެ އެގައުމުގެ ނޫސްވެރިންނަށް ކުރިމަތިވާ ނުރައްކާތައް މާގިނަ އެވެ.

ހިއުމަން ރައިޓްސް ވޮޗް ނަމަކަށް ކިޔާ އެޖަމާއަތުން އިރާގުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ މެދު ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި މާލިކީގެ ސަރުކާރުން އެގަމުގެ ނޫސްވެރިންނާ މެދު ކަންތައް ކުރާ އަނިޔާވެރިގޮތް ރަނގަޅަށް ދައްކުވައިދޭ އެއް ހާދިސާ ފާހަގަކޮށްފައި ވެއެވެ.

" ތަފާތު ގޮތަކަށް ޔުނިފޯމް އަޅައިގެން ތިބި ސިފައިންގެ ބަޔަކު އިރާގުގެ ވެރިރަށް ބަޣުދާދުގައި ހުންނަ ޖާނަލިސްޓިކް ފްރީޑަމް އޮބްޒަވޭޓްރީގެ އޮފީހަށް ފެބްރުއަރީ 23 ވަނަ ދުވަހުގެ ރޭގެ މެންދަމުން އަލިވެ ދޭއްޖެހި އިރު ވަނެވެ. އަދި އެއްގަޑި އިރުވަންދެން އެމީހުން އެތަނުގައި ކުރި ކަމަކީ އެތަން ހާވައި، ކޮމްޕިއުޓަރުތަކުގައި ހުރި ލިއުންތަކާއި ފޮޓޯތައް ހޯދައިގެން އަތުލުމުގެ މަސައްކަތެވެ. އަދި ނުވިތާކަށް އެތަނުގެ މުވައްޒަފުންގެ މޯބައިލް ފޯނުތަކަށް ދާންދެން އެމީހުން ގެންދިޔައެވެ،" ހިއުމަން ރައިޓްސް ވޮޗްގެ ރިޕޯޓްގައި ވެއެވެ. "އޭގެ 48 ގަޑި އިރު ފަހުން ސިފައިން ނުކުމެ 300 އަށް ވުރެ ގިނަ މީހުން ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ އިރާގުގެ މަގުތަކުގައި ބޭއްވި އެއްވުންތައް ކަވަރު ކުރިނޫސްވެރިންނާއި ގާނޫނީ ވަކީލުން ފަދަ މީހުންނެވެ."

އިރާގުގައި އެމެރިކާއިން ގާއިމްކޮށްފައިވާ ގޮނޑިކޮށްކޮ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް އަނިޔާކޮށް މަރަމުންދާއިރު އަދި އެކަންތައްތައް ދުނިޔެއަށް ގެނެސްދެމުންދާ ނޫސްވެރިން ހައްޔަރުކޮށް އަނިޔާ ކުރަމުން ދާއިރު އެމެރިކާއިން ސަޕޯޓް ކުރަނީ އެސަރުކާރަށެވެ. އަނެއް ކޮޅުން ލީބިޔާގެ ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަށް ކަމަށް ބުނެ ގައްޒާފީގެ ސަރުކާރާ ހަނގުރާމަ ކުރަމުންދާ ބައިނަލް އަގުވާމީ ފައުޖާ އެމެރިކާއިން ދަނީ ރަނގަޅަށް ބައިވެރިވަމުންނެވެ. - އަލް ޖަޒީރާ
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު