މޫސުން ތަން ނުދޭތީ ފުވައްމުލަކުގައި ބާއްވާ ކައްޓެޅި ބޭނުމުގެ މުބާރާތް ފަސްކޮށްފި

ކައްޓެޅި ބޭނުމުގެ މުބާރާތުގައި ބައިވެރިވާ ޓީމުތައް: ފޮޓޯ/ އެލައިޑު އިންޝުއަރެންސް

ޏ. ފުވައްމުލަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަ ކޮށްގެން 'ކައްޓެޅި ފޯރި'ގެ ނަމުގައި އެލައިޑު އިންޝުއަރެންސުން މިއަދު ބާއްވަން ހަމަޖެއްސި ކައްޓެޅި ބޭނުމުގެ މުބާރާތް މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފި އެވެ.

އެލައިޑުން ބުނީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކައްޓެޅި މުބާރާތް ފަސްކުރަން އެލައިޑުން ނިންމީ މިހާރު ރާއްޖެއިން ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މުބާރާތުގެ ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމުގެ މަގުސަދުގައި ކަމަށެވެ.

އެލައިޑުން ބުނީ ކައްޓެޅި މުބާރާތް މާދަމާ އަށް މިހާރު ފަސްކޮށްފައިވާ ކަމަށެވެ. މުބާރާތް މާދަމާއަށް ފަސްކުރެއްވުމާއި ގުޅިގެން އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފް ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ އިވެންޓު ބޭއްވުމަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކުގެ ހިޔާލު ހޯއްދެއްވުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ މުބާރާތް ފަސްވި ނަމަވެސް އެ އިވެންޓު ކުރިއަށްދާނީ ކުރިންވެސް ރޭވިފައިވާ ގޮތަށް ކަމަށެވެ.

އެ މުބާރާތުން އެއް ވަނައަށްދާ ޓީމަކަށް 20،000 ރުފިޔާ ދެވަނަ އަށްދާ ޓީމަކަށް 10،000 ރުފިޔާ، ލިބިގެންދާ އިރު ތިން ވަނަ އަށްދާ ޓީމަކަށް ހުށަހަޅާފައިވަނީ 5،000ރ. ގެ ފައިސާގެ އިނާމެވެ.

comment ކޮމެންޓް