ޑިޕްރެސް ވެފައިވާ މީހެއްގެ ގާތު ދައްކަން ނުވާ ވާހަކަތައް!

މިދުނިޔޭގެ އާބާދީގެ އެތަކެއް މިލިއަން މީހުންނަކީ ޑިޕްރެޝަން ތަހައްމަލު ކުރަމުން އަންނަ މީހުންނެވެ. އެމީހުންގެ ދިރިއުޅުން އާދައިގެ އެހެން މީހުންގެ ދިރިއުޅުމާ ވަރަށް ތަފާތެވެ. އެފަދަ މީހުންނަށް ކޮންމެ ކޮންމެ ކަމެއް ރަނަގަޅެއް ނުވާނެ އެވެ. އަދި އެމީހުން ގާތު ކޮންމެ ކޮންމެ ވާހަކައެއް ދެއްކުން ވެސް ރަނގަޅެއް ނުވާނެ އެވެ.

ނޫން ނަމަ ހީވެސް ނުކުރާ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތި ލާން ޖެހިދާނެ އެވެ. އެގޮތުން އެމީހުންގެ އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި އެހެން މީހުންނަށް އަދި ތަކެއްޗަށް އަނިޔާ ކުރުން ހިމެނެ އެވެ. ހަމައެއާ އެކު ބިރު ގަތުމާއި، ކަންކަމަށް ޖެހިލުން ވުން ފަދަ ނަފްސާނީ ގޮތުން ވެސް އެތަކެއް ގެއްލުންތައް އެ މީހުންނަށް ލިބިދާނެ އެވެ.

އޭނަގެ ތަހައްމަލު ކުރާ ކަންތައްތައްތަކާއި ތަހައްމަލު ކުރާ މިންވަރު ތިބާ އަށް އިހުސާސް ކުރެވެއޭ ނުބުނާށެވެ.

ޑިޕްރެސް ވެފައިވާ މީހެއް ގާތު، އޭނާ ތަހައްމަލު ކުރާ ކަންތައްތަކާއި އެކަންތައްތައް ތަހައްމަލު އޭނާ ކުރާ މިންވަރު ތިބާ އަށް އިހުސާސް ކުރެވެއޭ ނުބުނާށެވެ. ސަބަބަކީ ތިބާ އަށް އޭނާ ތަހައްމަލު ކުރާ ކަންތައްތަކުގެ އެއްވެސް މިންވަރެއް އިހުސާސް ނުކުރެވޭނެތީ އެވެ. އޭނަގެ ސިކުނޑީގައި އެނބުރޭ ކަންތައްތައް ތިބާ އަށް ނޭނގޭތީ އެވެ. ތިބާގެ ދިރިއުޅުން އޭނަގެ ދިރިއުޅުމާ މުޅިން ތަފާތު ވާނެތީ އެވެ.

އޭނަގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ޑީލް ކުރަން ނުބުނާށެވެ.

މީހަކު ޑިޕްރެޝަން އަށް ދާނީ، އޭނާގެ ދިރިއުޅުމުގައި ކޮންމެވެސް މައްސައެއް ހުރީމަ އެވެ. ނުވަތަ އޭނާ ދިރިއުޅޭ މާހައުލުގައި ކޮންމެވެސް ނޭދެވޭ އަމަލެއް ހިނގާތީ އެވެ. ނުވަތަ އޭނާ އަށް މުޖުތަމައުގެ ފަރާތުންނާއި ދިރިއުޅޭ މާހައުލުން ތަފާތު ވައްތަރުގެ އަނިޔާ ލިބޭތީ އެވެ.

އެހެންކަމުން އެކަންތައްތަކާ ޑީލް ކުރާށޭ އެ ފަދަ މީހުން ގާތު ނުބުނާށެވެ. ތިބާ އަށް ދިމާވާ ކަންތައްތަކާ ޑީލް ކުރުމުގެ ހިއްވަރު ތިބާގެ ކިބައިގައި ހުއްޓަސް އޭނާގެ ކިބައިގައި ނުހުރެދާނެ އެވެ. ތިބާގެ ކޮންފިޑެންސް ލެވެލް އަށްވުރެ އޭނާގެ ކޮންފިޑެންސް ލެވެލް ދަށް ވާނެ އެވެ.

އެމީހުން ކުރި ނުރަނގަޅު ކަންތައްތަކުން އިބުރަތް ހާސިލުކޮށް އިސްލާހު ވާން ނުބުނާށެވެ!

މިއީ ވަރަށް ގިނަ ފަރާތްތަކެއްގެ ދުލުން އިވޭ ޖުމްލައެކެވެ. "ތިބާ ކުރި ނު ރަނގަޅު ކަންތައްތަކުން އިބްރަތް ހާސިލުކޮށް އިސްލާހު ވާށެވެ". އެއީ ރަނގަޅު ވާހަކައެކެވެ. އެހެންނަމަވެސް އެއީ އާދައިގެ ހާލަތެއްގައި ހުރި އިންސާނެއް ނަމަ އެވެ.

ޑިޕްރެސް ވެފައިވާ މީހެއް ގާތު އެހެން ބުނެގެން، ތިބާ އަށް އެމީހަކަށް ތި ފޯރުކޮށްދެވެނީ އެހީތެރި ކަމެއް ނޫނެވެ. އެ ފަދަ މީހަކަށް ތިޔަ ޖައްސަނީ ދަތި އުނދަގޫތަކެވެ. އެހެންކަމުން އެމީހުންގެ ހިތްވަރު އާލާ ކުރުމުގެ ނިޔަތުގައި ވިޔަސް އެހެން ނުބުނާށެވެ.

އޮޅިގެން ނަމަވެސް އެމީހުންގެ އަގު ވައްޓާ ނުލާށެވެ!

ޑިޕްރެޝަން އަށް ދިއުމަކީ އެ މީހާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެކެވެ. ރައްޓެހިންގެ ތެރޭގައި މަޖާކޮށް ނު އުޅުމާއި، ރަހުމަތްތެރިންނާ ދުރުހެލިވުން ފަދަ ކަންތައްތަކަކީ ޑިޕްރެސް ވެފައިވާ މީހެއްގެ އަމަލުތައް ހުންނާނެ ގޮތް ތަކެވެ.

އެހެންކަމުން، ތިބާ އަށް އޮޅިގެން ވިޔަސް ނުވަތަ ގަސްތުގައިވިޔަސް އެފަދަ މީހެއްގެ އަގު ވައްޓާ ނުލާށެވެ. އެމީހުންގެ އަގު ވައްޓާލުމަކީ އެމީހުން ހިތް ދަތި ކުރުވާނެ ކަމެކެވެ. އެފަދަ މީހުންގެ މަޖުބޫރީތަކުގެ ކުޑަ މިންވަރެއްވެސް ތިބާ އަށް އިހުސާސް ވެފައި ނުވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު