ރާއްޖޭގެ ގައުމީ ކޯޗްކަން ނިއުޒިލެންޑްގެ ރިކީ ހާބަޓާ އެފްއޭއެމް އިން ހަވާލުކުރީ އޭނާ އަކީ ވޯލްޑްކަޕަށް ނިއުޒިލެންޑް ކޮލިފައިކޮށްދީފައިވާ ކޯޗަކަށް ވުމުންނެވެ. އަދި އޭނާގެ ފޫޓްބޯޅައިގެ ތަޖުރިބާ އިން ސަރަހައްދުގެ ފުޓްބޯޅާގައި ގަދަ ބާރަކަށް ދިވެހި ޓީމު ވާނެ ކަމުގެ އުންމީދުގަ އެވެ. ތެދެއްމެ އެވެ. ހާބަޓްގެ މާޒީގައި އޭނާގެ ތަޖުރިބާ ކިތަންމެހައި ވެސް ބޮޑެވެ. ނިއުޒިލެންޑްގެ ކޯޗްކަމުގައި ހުރެ އެޓީމު ވޯލްޑްކަޕަށް ކޮލިފައިކޮށްދީ ވަރުގަދަ އިޓަލީއާ ދެކޮޅާށް ކުޅެ އެޓީމާ އެއްވަރުކޮށްގެންނެވެ. ނަމަވެސް އޭނާގެ ފުޓްބޯޅައިގެ ތަޖުރިބާ އިން ދިވެހި ފުޓްބޯޅައަށް ކުރީ ކިހާ އަސަރެއް ހެއްޔެވެ.
ޖެހިޖެހިގެން ތިން ސެމީ އިން ރާއްޖެ ކެޓީ އެވެ. މިހާހިސާބުން ގައުމީ ޓީމަށް ޓަކައި 'މަރުދޭ' ދިވެހި ސަޕޯޓަރުންގެ އުތުރި އެރުންތައް އިޖުތިމާއީ ވިއުގަޔާއި ޢާންމު ފޯރަމަތަކުގައި ބަންޑުންކޮށްލީ އެވެ.
މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟
ތިން މުބާރާތުން ކެޓުމުން ކުޅުންތެރިންނާއި ދިވެހި ފުޓްބޯޅައިގެ އޮފިޝަލުންނާއި ގައުމީ ޓީމުގެ ކޯޗުން ސްޓާފުން ވެސް ފާޅުގައި ނޫނަސް ހާބަޓްގެ ނިންމުތަކަށް ފާޑު ކިޔަން ފެށި އެވެ. "މީޑިއާއާ ވާހަކަ ދައްކަން އެނގޭ" ގައުމީ ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ފާޅުގައި އެ ވާހަކަތައް އާންމުންނާ ހަމަޔަށް ތިލަ ކުރި އެވެ. ތިން މުބާރާތުން ކެޓިއިރު ކޯޗްގެ ޒިންމާއަކީ ކޮބައި ހެއްޔެވެ. މިކަމުގެ ޒިންމާ ކޯޗުގެ ބޮލަށް އެކަނި ކަނޑާލެވޭނެ ހެއްޔެވެ.
އޭނާ އުފެއްދީ ސުވާލެވެ. ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ބޭނުންންވާ ކޮލިޓީއާއި ޕެޝަން ހާބަޓްގެ ކިބައިގައި އެބަހުރި ހެއްޔެވެ. ފުޓްބޯޅައިން ސަރަހައްދީ މުބާރާތްތަކުގައި ދިވެހިން ބޭނުންވަނީ ރަން ވަނަ އެވެ. ނަމަވެސް ފާއިތުވެ ދިޔަ ތިން މުބާރާތްތުގައި ވެސް ދިވެހިން ކެޓީ ސެމީފައިނަލުންނެވެ. ބަކާ ބުނީ "ޖެހިޖެހިގެން ތިން ސެމީފައިނަލުން ރާއްޖެ ކެޓުމުގެ ޒިންމާ ކޯޗު ހާބަޓް އުފުލަން ޖެހޭނެ ކަމަށާއި ކާމިޔާބަށް ވާސިލުވުމުގެ ޕެޝަންއެއް ހާބަޓްގެ ކިބައިގައި ނެތް" ކަމަށެވެ.
ދެހާސް އަށް ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި އިރު ޓީމުގެ ދިފާއީ މައި ތަނބުގައި މުހިންމު ދައުރެއް އަދާ ކުރި ޑިފެންޑަރު ސޮބާހް މުޙައްމަދު (ސޮބާ)ގެ ނަޒަރުގައި ފުޓްބޯޅައަށް ފުލުފުލުގައި ކުރިމަތިވި ނާކާމިޔާބުގެ ޒިންމާ ހާބަޓްގެ ބޮލަށް އެކަނި ކަނޑާލެވޭކަށް ނެތެވެ. ނާކާމިޔާބީގައި މުޅި ފުޓްބޯޅަ ހިންގަވަން ތިއްބެވި ބޭފުޅުންނާއި ފުޓްބޯޅައިގެ އޮނިގަނޑުގައި މައްސަލަ އެބަހުއްޓެވެ.
ހާބަޓްގެ މައްސަލައަކީ ކޮބާ؟
ހުރިހާ މުބާރާތްތަކުގައި ވެސް ސެމީ ފައިނަލުން ކަޓައިގެން ދިއުމުގައި ކޯޗްގެ ޒިންމާތަކެއް ހުންނާނެ އެވެ. މުބާރާތައް ގެންދެވުނީ އެންމެ ރަނަގޅު ޓީމު ހެއްޔެވެ. ސާފް ޗެމްޕިއަންޝިޕްގައި ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސލައަކީ ދީފާއީ ރޮނގު ބަލިކަށިވެގެން ދިއުމެވެ. އަފުޣާނިސްތާން އަތުން ބަލިވުމުގައި ވެސް އަދި ސެމީގައި އިންޑިއައަތުން ބަލިވުމުގައި ވެސް ކުރިމަތިވީ ޑިފެންސު މައްސަލަ އެވެ. ނަމަވެސް މުބާރާތަށް ދިއުމުގެ ކުރިން ހަދަން ޖެހޭ އެނަލިސިސް ރނަގަޅަށް ހެދުނު ބާވަ އެވެ. މުޅި ސީޒަންގައި މޮޅަށް ކުޅުނު ޑިފެންޑަރު ރިލްވާން ވަހީދު (ކަކާ ރިލޭ) ދޫކޮށްލުމަށް ފަހު ޑިފެންސު އެކުލަވާލީ އެވެ. ހަގީގަތުގައި ވެސް އެތަން ފޫ ނުބެދުނެވެ.
ޓީމު ސިލެކްޝަންގައި ކޯޗުން ސްޓަފުންގެ ޓެކްނިކަލް އެހީތެރިކަން ކޯޗް ހޯދިހެއްޔެވެ. ނުވަތަ ކޯޗުން ސްޓާފުންގެ ފަރާތުން ކޯޗަށް ލިބެން ޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ލިބިފައިވޭ ހެއްޔެވެ.
ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭ ވާހަކަ ދައްކާއިރު ކޯޗު އެކަން ތަންފީޒު ކުރީ ކިހާވަރަކަށް ހެއްޔެވެ. ބަކާ ބުނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ނަމުގައި ސާފް ޗެމްޕިއަންޝިޕްގައި ވެސް އަދި ބަންގުބަންދު ގޯލްޑް ކަޕްގައި ވެސް ކޯޗު ފުރުސަތު ދީފައި ވަނީ ތިން ކުޅުންތެރިންނަށް ކަމަށެވެ. އަދި އެތިން ކުޅުންތެރިންނަށް ފުރުސަތުދޭ އިރު ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ އޭގަރައިން ޖާގަ ނުދެނީ ކީއްވެތޯ ބަކާ ސުވާލު އުފެއްދި އެވެ. އަދި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭން ޖެހޭ ވާހަކަ ދައްކާ އިރު އެހެން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުދެނީ ކީއްވެތޯ ވެސް ބަކާ ސުވާލު އުފެއްދި އެވެ.
"ހަމްޕްއާއި ނާއިޒު އަދި ސަމޫހް. މިއީ ކޯޗް އަބަދުވެސް ފުރުސަތުދޭ ޒުވާން ކުޅުންތެރިންނަކީ މިކުޅުންތެރިން އަބަދުވެސް ރޮޓޭޓް ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭ ނަމަ ކީއްވެބާ އެކުޅުންތެރިންނަށް ވެސް ފުރަތަމަ އެގާރައިން ފުރުސަތު ނުދޭންވީ ނުވަތަ އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ދޭންވީ ނޫންތޯ،" ބަކާ ބުންޏެވެ.
ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިން ޓީމާ ދުރައް ދިއުމުން ޕަބްލިކްގެ ފާޑު ކިޔުން ކުޅުންތެރިންނަށް އަމާޒުވި އެވެ. ކޮންމެ ކުޅުންތެރިޔަކު "އަމިއްލަ ސަބަބު"ގެ ނަމުގައި ޓީމާ ދުރަށް ދިޔަ އެވެ. މީގެ ކުރިން ވެސް ގައުމީ ޓީމު މެޗެއް ކުޅޭން ހަމަޖެހިފައިވަނިކޮށް "އަމިއްލަ ކަމެއް" ހިނގަމުންދަތީ ޓީމާ އެކު ނުދިޔަ ޓީމުގެ އިސް ކުޅުންތެރިޔަކު ވަނީ ކުލަބު ކަމެއްގައި ބިޒީވުމުން ޓީމުގައި ބައިވެރި ނުވެފަ އެވެ. ފަހަރަކު ކުޅުންތެރިޔަކު ޓީމުގައި ނުދާން ނިންމުމުން ސަޕޯޓަރުން އުފެއްދީ ސުވާލެވެ. އެފްއޭއެމް އިން ބުނީ ބަންގުބަންދު ގޯލްޑްކަޕަށް ގެންދިއުމަށް ނިންމާފައި އޮތީ ޒުވާން ކުޅުންތެރިންނާ އެކު މަސްހުނި ޓީމެއް ކަމަށެވެ. ބަކާ ވެސް ހުރީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް މިވަގުތަށް ގައުމީ ޓީމުގައި ބައިވެރި ނުވުމަށް ނިންމައިގެންނެވެ.
އެސިސްޓޭންޓް ކޯޗުންނާއި ކޯޗިން ސްޓާފުންގެ ދައުރު އަދާ ނުކުރެވެން
ޓީމެއްގެ އެސިސްޓެންޓް ކޯޗުންނަކީ ހަމައެކަނި ކޯޗުންނާއި ކުޅުންތެރިންނަށް ފެންފުޅި ބަހަން ތިބެންވީ ބައެއް ނޫނެވެ. ޓީމުގައި ހިމެނޭ ދެ ކޯޗުން ސްޓާފުން ކަމަށްވާ އެސިސްޓެންޓް ކޯޗް އަސްއަދު ޢަބްދުލް ޣަނީއާއި ގޯލް ކީޕަރު ޓްރެއިނަރު އަސްލަމް ޢަބްދުރަހީމް ވަނީ ކޯޗްގެ ނިންމުންތާކާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށް ޓީމުން އިސްތިއުފާ ދީފަ އެވެ.
ޓީމު ސިލެކްޝަންތަކުގައި އެސިސްޓެންޓް ކޯޗުންގެ ބައިވެރިވުން އޮންނަންޖެހެ އެވެ. ހެޑް ކޯޗް ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާ ކުރެވެން ޖެހެ އެވެ. ޓީމުތަކުގެ ޕްރްޓިސް އޮބްޒާވްކޮށް ޓީމުތަކުން ޕްރެކްޓީސްއަށް ޤަވައިދުން ޙާޒިރުވާ ކުޅުންތެރިންނާއި ޕްރެކްޓިސްގައި ފަރުވާ ކުޑަ ކުރާ ކުޅުންތެރިންނަކީ ކޮބައިކަން ޓީމުގެ ކޯޗިން ސްޓާފުންނަށް އެނގެންޖެހެ އެވެ. ނަމަވެސް ޓީމުތަކުގެ ޕްރެކްޓިސް ބަލަން ހަވާލުކޮށްފައިވާ ކޯޗިން ސްޓާފަށް އެކަން ނުކުރެވޭ ނަމަ އެންމެ ފުރިހަމަ ގޮތުގައި ޓީމު ބިނާއެއް ނުކުރެވޭނެ އެވެ.
ގައުމީ ޓީމުގެ ކޯޗާއި ޓީމު ފިޒިކަލް ޓްރެއިނާ މިލޯނާ ކޮންމެ ދުވަހަކު ލީގް ކުޅޭއިރު ގަލޮޅު ދަނޑުގެ ރޮސްޓަރަމްގައި ފޮތް ހިފައިގެން ނޯޓް ކުރަން ތިބެ އެވެ. ނަމަވެސް އެބަރިން ގޯލް ކީޕިން ކޯޗާއި އެސިސްޓެންޓް ކޯޗުންނެއް ނުފެނެ އެވެ.
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ކޮބާ؟
ކޯޗުންގެ ނިންމުންތަކާ މެދު ކުޅުންތެރިންނާއި ކޯޗުން ސްޓާފުން ހިތްހަމައެއްް ނުޖެހެ އެވެ. ބަކާ ފާހަގަކޮށްފައިވާ ގޮތުން ކޯޗްގެ ޕްރެކްޓިސް ސެޝަންތައްކުގައި ޓެކްޓިކަލް ސެޝަންތަކާއި ސެޓްޕީސްތަކަށް ޓްރެއިނިންއެއް ނުކުރެ އެވެ. ފުޓްބޯޅައިގައި ކޯޗުގެ ޓެކްނިކަލް ނިންމުތައް ތަކުރާރުކޮށް ފެއިލުވި އިރު އެކަން ފެންނަ ދުރުމީއެއް އެފްއޭއެމްގައި އެބަހުއްޓެވެ. އެއީ އެފްއޭއެމްގެ ޓެކްނިކަލްޑައިރެކްޓަރު މުޙައްމަދު ޝިޔާޒު މޯހަން އެވެ.
ކޯޗްގެ ކިބައިން ވަކިކަމެއް ނެރުމަށް ޕުޝް ކުރަން ޖެހޭ ނަމަ އެކަން އެފްއޭއެމްގެ ވެރިންނާ ހަމަޔަށް އަންނަން ޖެހޭނީ ޓެކްނިކަލް ޑައިރެކްޓަރު މެދުވެރިވެގެންނެވެ. ކޯޗުގެ ވަކި ނުކުރާ ނަމަ އޭނާގެ ބައެއް ފިލޯސަފީ ބަދަލު ކުރަން ޖެހެ އެވެ. އެކަމުގައި އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ ޒިންމާއެއް އެބައޮތެވެ. އެއީ ޓެކްނިކަލް ޑައިރެކްޓަރުގެ ދުރުމިއަކީ ފުޓްބޯޅާއިގެ ހުރި ފަންނީ ހުރިހާ މަންޒަރެއް ސިފަ ވާން ޖެހޭ ލޯގަނޑު ކަމަށް ވުމުންނެވެ.
ސަރަހައްދުގައި އަންޑައޭޖުގެ ފުޓްބޯޅަ ޓީމުތަކެއް މުބާރާތުގެ ފަނުފުލަށް ދިޔައިރު ވެސް އަންޑައޭޖުގެ ޓީމުތައް މެނޭޖު ނުކުރެވޭ ނަމަ އެކަމުގެ ސަމާލުކަން ޓެކްނިކަލްޑިރެކްޓަރުގެ ސަމާލުކަމަށް އަންނަން ޖެހެ އެވެ. ނަމަވެސް އެކަން ސަމާލުކަމަށް އައީ ކިހާވަރަކަށް ހެއްޔެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ އިން ކުޅުންތެރިންނަށް ފުރިހަމަ ކޮށްދެން ޖެހޭ ކަންކަން ފުރިހަމަ ނުކުރުން
ބައިނަލްއަގުވާމީ ކޮންމެ މެޗަކުން މޮޅުވެއްޖެ ނަމަ އެ މެޗަށް ޓީމުގައި ހިމެނޭ ކޮންމެ ކުޅުންތެރިޔަކަށް 10000 ރުފިޔާ ދިނުމުގެ ވައުދަކީ އެފްއޭއެމްގެ މިހާރުގެ ނޯމަލައިޒޭޝަން ކޮމިޓީ އިން ވެފައިވާ ވައުދެކެވެ. އެއަށް ކުޅުންތެރިން ވެސް ޑިޕެންޑްވެ، އުންމީދު ކުރެ އެވެ.
ނަމަވެސް އެފައިސާ ދޭނެ ކަމަށް އެފްއޭއެމް އިން ބުނި ފަހުން ގައުމީ ޓީމުން ވަނީ ހަ މެޗުން މޮޅުވެފަ އެވެ. އެއިން އެއްވެސް މެޗެއްގެ ފައިސާ ކުޅުންތެރިންނަށް ދީފައެއް ނުވެ އެވެ. ބަންގުބަންދު ގޯލްޑްކަޕަށް ދިޔަ ޓީމުގެ ބައެއް ކުޅުތެރިން ވަނީ ވަރަށް ބޮޑަށް އެކަން ފާހަގަކޮށްފަ އެވެ. އެއީ ކުޅުންތެރިންގެ މޯޓިވޭޝަނާ ގުޅިފައިވާ ކަމަކަށްވާ އިރު އެ ފައިސާ ނުލިބި ދިގުލައިގެން ދިއުމަކީ ވެސް ކުޅުންތެރިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަކެވެ.
ދެން އޮތީ ކޯޗް ވަކި ކުރުންތަ؟
ހާބަޓްއަކީ ފުޓްބޯޅާއިގެ ކާމިޔާބު ހޯދާފައިވާ ކޯޗެއްކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް އޭނާގެ ތަޖުރިބާ އިން ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބެއް ނެތެވެ. އޭނާގެ ފަރާތުން ތިން މުބާރާތުގައި ކާމިޔާބު ނުލިބުމުން އޮތީ އޭނާ ވަކި ކުރުން ހެއްޔެވެ. ކުރިން ހުރި ކޯޗުގެ ބަލްގޭރިއާގެ ވެލިޒާ ޕޮޕޯވްގެ ކިބައިން ފާހަގަ ކުރެވުނު ކަހަލަ ޑީގްރޭޑަބަލް ޑިސިޕްލިން މައްސަލައެއް ހާބަޓްގެ ކިބަޔަކު ނެތެވެ. ކޯޗާއި ކުޅުންތެރިންނާ ދެމެދު އޮންނަން ޖެހޭ ގުޅުމުގެތެރެއިން 'އެކްސްޕްލިސިޓް ކޮންޓެންޓެއް'ގެ ތެރެއިން މުޚާތަބުކޮށްފައެއް ނުވެ އެވެ. މިފަހަރު ކޯޗު ވަކި ކުރާނީ ކޮން އެޓިޓިއުޑެއް ގޯސް ވެގެންހެއްޔެވެ.