އެމްޑީޕީގެ ރައީސްކަން ލިބިއްޖެނަމަ ޕާޓީއަށް ލިބޭ މާލީ އެހީތެރިކަމުގެ ބޮޑުބައެއް ގޮފިތަކަށް ލިބޭގޮތް ހަދައިދޭނަން: ޒަކީ

އެމްޑީޕީގެ ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ އެ ޕާޓީއަށް ލިބޭ މާލީ އެހީތެރިކަމުގެ ތެރެއިން ބޮޑު ބައެއް ސީދާ ޕާޓީގެ ގޮފިތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް މިހާރު ވެސް އެމްޑީޕީގެ ވަގުތީ ރައީސް ކަން ކުރައްވާ އިބްރާހިމް ހުސެންޒަކީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ޒަކީ އޭނާގެ ސަޕޯޓަރުންނާ ހެންވޭރު ކޮޅުގައި ބައްދަލުކުރައްވައި ރޭ ވިދާޅުވީ އެމްޑީޕީގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ ބަޔަކީ ޕާޓީގެ ގޮފިތައް ކަމަށާއި ޕާޓީ އެންމެ ރަނގަޅަށް ހިނގައިގަތުމަށް ގޮފިތަކަށް ސީދާ ގޮތުން މާލީ އެހީތެރިކަން ބޭނުންވެފައިވާ ކަމަށެވެ.
~

"އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ގޮފިތަކުން މަސައްކަތްތަކެއް ކޮށްގެން. މި ޕާޓީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ގޮފިތަކަކީ. އެހެންވެ އަޅުގަނޑު ވަކާލާތުކުރަން އެމްޑީޕީއަށް އެކި ފަރާތްތަކުން ލިބޭ މާލީ އެހީތެރިކަމުގެ ބޮޑުބައެއް ސީދާ ގޮފިތަކަށް ހޯދުމަށް. އަޅުގަނޑަށް ރައީސްކަން ލިބިއްޖެ ނަމަ ގޮފިތަކަށް މާލީ އެހީތެރިކަމުގެ ބޮޑުބައެއް ލިބޭނެ. އެގޮތަށް އަޅުގަނޑު ހަމައްޖައްސައިދޭނަން. އޭރުން އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ،" ޒަކީ ވިދާޅުވި އެވެ.

އެމްޑީޕީގެ އިސް މަގާމުތަކަށް މީހުން ހޮވުމަށް މި މަހުގެ ފަހު ކޮޅު އޮންނަ ވާދަވެރި އިންތިހާބަށް އަލިއަޅުވާލައްވަމުން ޒަކީ ވިދާޅުވީ އެ އިންތިހާބަކީ އެމްޑީޕީ ފެކްޝަންތަކަކަށް ބައިވެގެން ދިޔުމަށް އޮތް މަގެއް ނޫން ކަމަށެވެ. އަދި އެއީ އެ ޕާޓީގެ ފުރިހަމަ ޑިމޮކްރަސީ ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

"އަޅުގަނޑަށް ސަޕޯޓްކުރައްވާ އަދި ކެމްޕޭންކުރައްވާ އެންމެންގެ ކިބައިން ވެސް އަޅުގަނޑު އެދެން އަޅުގަނޑާ މި ސަފުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކާ ގުޅޭ ގޮތުން އެއްވެސް ނޭދެވޭ ވާހަކައެއް ނުދެއްކެވުމަށް. އެކަން ނުކުރެއްވުމަށް. ހަމަ ގައިމު ވެސް އަޅުގަނޑު އެ ކަމެއް ނުކުރާނަން. ޕާޓީގެ މި އިންތިހާބު ވެގެން ނުވާނެ ޕާޓީ ބައިބައިވެ ފެކްޝަންތަކަކަށް ބައިވެގެންދާ އިންތިހާބަކަށް. އަޅުގަނޑުމެން ކެމްޕޭނުތެރޭގައި ކިތަންމެ ވާދަވެރިއަސް އަޅުގަނޑުމެންނަކީ ނަތީޖާ ލިބުނީމާ އެގޮތަށް ބޯލަބައިގެން ކުރިއަށްދާން އެނގޭ ބަޔެއް. މި ޕާޓީ އަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަން ދައްކުވައިދޭ އެއްސިފަ އެއީ،" ޒަކީ ވިދާޅުވި އެވެ.

ރޭ ހިސާބަކަށް ވިއްސާރައިގެ އަސަރު ކުރަމުން ދިޔަ ނަމަވެސް ޒަކީ ވަނީ ހެންވޭރުގެ ކޮޅު ދެ ސަރަހައްދެއްގައި އޭނާ އަށް ސަޕޯޓް ކުރާ ފަރާތްތަކުން ހެދި ކެމްޕޭން ޖަގަހަ ހުޅުވައިދެއްވައި އޭނާ އަށް ސަޕޯޓްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ.

މި މަހު 30ގައި އޮންނަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޒަކީ އާ ދެން ވާދަކުރައްވަނީ ކުރީގެ ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި އައްޑު އަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. އިބްރާހިމް ދީދީ (ދަތް ޑީޑީ) އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު