ހަތް ސީޒަނަށް ފަހު "ދަ ގުޑް ވައިފް" ނިންމާލަނީ

"ދަ ގުޑް ވައިފް"ގެ ކާސްޓުން---

ސީބީއެސްގެ މަޝްހޫރު ޓީވީ ސީރީޒް "ދަ ގުޑް ވައިފް" މިހާރު ކުރިއަށްދާ ހަތް ވަނަ ސީޒަން ނިމުމުން ނިންމާލާނެ ކަމަށް އެ ޗެނަލުން ބުނެފިއެވެ.

އިއްޔެ ބޭއްވި 50 ވަނަ ސުޕަބޯލްގެ އިޝްތިހާރެއްގައި ސީބީއެސް އިން ވަނީ ގުޑްވައިފް އެއްކޮށް ނިންމާލަން ހަމަޖައްސާފައިވާ ކަން ހާމަކޮށްފައެވެ.

ސީރީޒްގެ މިހާރު ކުރިއަށްދާ ސީޒަން ހަތަކުން ގުޑްވައިފް ނިންމާލާނެ އެވެ. އެއާގުޅިގެން އެޝޯގައި ބާކީ އޮތީ ނުވަ އެޕިސޯޑެވެ. ގްރެމީ އެވޯޑް ލިބިފައިވާ އެ ސީރީޒްގެ ފަހު އެޕިސޯޑު ދެއްކުމަށް ހަމަޖެހިފައިވަނީ މިއަންނަ މެއި މަހުގެ އަށެއްގައެވެ.

ގުޑް ވައިފް ނިންމާލުމުގެ ވާހަކަ މީގެ ކުރިންވެސް ވަނީ ދެކެވިފައެވެ. ނަމަވެސް އެވާހަކަ މީގެ ކުރިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސީބީއެސްގެ ރައީސް ގްލެން ގެލާ ވިދާޅުވީ، ގުޑް ވައިފް އަކީ އެ ޗެނަލްގެ އެންމެ މަގުބޫލު އެއް ޓީވީޝޯ ކަމަށެވެ. އެހެންކަމުން އެފަދަ ޝޯއަކަށް އަލްވަދާއު ކިޔުމަށް އަބަދުވެސް އުނދަގޫ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމު އަޅުގަނޑު ދެކޭ ގޮތުގައި މިއީ ޝޯ އަށް އަލްވަދާއު ކިޔުން އެންމެ ރަނގަޅު ވަގުތު. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ހަތް ސީޒަންގައި ވަރަށް ރަނގަޅަށް އެ ޝޯގައި ގިނަ ކަންތައްތަކެއް ދައްކައިދިން،" ގެލާ ވިދާޅުވިއެވެ.

ގުޑް ވައިފް އަކީ 2009 ވަނަ އަހަރު ދައްކަން ފަށާފައިވާ ޑްރާމާ ސީރީޒް އެކެވެ. ޝޯގެ ލީޑު ކެރެކްޓަރުން ފެނިގެންދަނީ ޖޫލިއާނާ މާގުލިސް އެވެ. ސީރީޒްގައި އަލި އަޅުވަނީ ޕޮލިޓިކްސްގައި އުޅޭ ފިރިހެނެއްގެ އަނބިމީހާ (ޖޫލިއާނާ)ގެ ހަޔާތުގެ މައްޗަށެވެ. އެއީ އޭނާގެ ފިރިމީހާ ޖަލަށް ގެންދިޔުމާއެކު އެ އަންހެން މީހާގެ ހަޔާތަށް އަންނަ ބަދަލުތަކާ ކަންތައް ކުރާ ގޮތް އެޝޯއިން ދައްކައިދެއެވެ.

comment ކޮމެންޓް