ވިލާ އަށް ދީފައިވާ ޕިކްނިކް އައިލެންޑެއްގެ ކުލި ބޮޑު ކުރުމުން ޓޫއަރިޒަމް މިނިސްޓްރީ ގޮވައިގެން ކޯޓަށް!

ވިލާ ޝިޕިން އެންޑް ޓްރޭޑިން އަށް ސަރުކާރުން ކުއްޔަށް ދީފައިވާ ޕިކްނިކް އައިލެންޑެއްގެ ކުލި ބޮޑު ކުރި މައްސަލައެއްގައި އެ ކުންފުނިން ޓުއަރިޒަމް މިނިސްޓްރީގެ މައްޗަށް ދައުވާކޮށްފި އެވެ.

ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވެސް ހިމެނޭ ވިލާގެ ގާނޫނީ ޓީމުގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން ވަކީލު އަރީފް އަހުމަދު ނަސީރު މިއަދު ވިދާޅުވީ ކ. ކުޑަފިނޮޅު ކުއްޔަށް ދިނުމުގެ އެގްރިމެންޓުގައި ވިލާ އާއި ސަރުކާރާ ދެމެދު ސޮއި ކޮށްފައި ވަނީ ޖެނުއަރީ 20، 1998 ގައި ކަމަށެވެ. އެ އެގްރިމެންޓުގައި ބުނެފައިވާ ގޮތުން ފުރަތަމަ ފަސް އަހަރަށް އެ ރަށުގެ ކުއްޔަކީ އަހަރަކަށް 1500 ޑޮލަރު (23،130ރ.) ކަމަށެވެ.

ވަކީލު ވިދާޅުވީ ފުރަތަމަ ފަސް އަހަރަށް ފަހު ކުލި ބޮޑު ކުރާ ނަމަ އަހަރު ފެށުމުގެ ހަ މަސް ދުވަސް ކުރިން ވިލާއާ މަޝްވަރާ ކުރަން ޖެހޭނެ ކަމަށް އެ އެގްރިމެންޓުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު 30، 2009 އަކުން ފެށިގެން ކުޑަފިނޮޅުގެ ކުލި ސަރުކާރުން ބޮޑުކޮށްފައި ވަނީ އެފަދައިން މަޝްވަރާނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ވިލާގެ ފަރާތުން ވަކީލު އެދިވަޑައިގަތީ ޓޫއަރިޒަމް މިނިސްޓްރީ އަށް އެފަދަ އިން ކުލި ބޮޑު ނުކުރެވޭނެ ކަމަށާއި އެގްރިމެންޓާ ހިލާފަށް ބޮޑުކޮށްފައިވާ ކުލި ނުދައްކައިގެން ވިލާއަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މީގެ އިތުރުން ގާނޫނީ ވަކީލުން އައްޔަން ކުރުމަށް ހަރަދުވި 25،000ރ. ކޯޓުގެ ފަރާތުން ނަގައިދިނުމަށް ވެސް ވިލާއިން އެދުނެވެ.

ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ ވިލާގެ ދައުވާއަށް ކަނޑައެޅިގެން އިންކާރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ ކުލި ބޮޑު ކުރުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީން ވިލާއާ އެކު ދެ ފަހަރެއްގެ މަތިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަކީލާ އެދިވަޑައިގަތީ މައްސަލައިގައި ފުރިހަމަ ޖަވާބެއް ދެއްވުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވުމަށެވެ. ގާޒީ އަލީ ރަޝީދު ހުސެއިން މިއަދުގެ އަޑުއެހުން ނިންމާލެއްވީ އެ ފުރުސަތު ދެއްވުމަށް ފަހު އެވެ.
ކުޑަފިނޮޅުގެ ކުއްޔަކީ މީގެ ކުރިން އަހަރަކަށް 1500 ޑޮލަރު ނަމަވެސް 2010 ވަނަ އަހަރު ސަރުކާރުން އެ ރަށުގެ ކުއްޔަކަށް ކަނޑައަޅާފައި ވަނީ 47،840 ޑޮލަރު، އަދި 2011 ވަނަ އަހަރުގެ ކުލީގެ ގޮތުގައި 48،797 ޑޮލަރު ކަނޑައަޅާފައިވާ އިރު 2012 ވަނަ އަހަރުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 49،773 ޑޮލަރެވެ. އޭގެ އިތުރުން 2013 ވަނަ އަހަރުގެ ކުލީގެ ގޮތުގައި 50،766 ޑޮލަރު ދެއްކުމަށް ސަރުކާރުން އަންގާފައިވާ އިރު 2014 ވަނަ އަހަރުގެ ކުލި ކަމަށް ސަރުކާރުން ކަނޑައަޅާފައި ވަނީ 51،784 ޑޮލަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު