އޭނާއަށް ކުރިމަތިވާ ފާޑު ކިޔުންތާކާ މެދު ނުވިސްނާ ކަމަށާއި ފާޑު ކިޔުން އަމާޒު ނުވާނެ ކޯޗަކު ނުހުންނާނެ ކަމަށް ގައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
ސާފް ސުޒުކީ ކަޕާއި ގޯލްޑްކަޕްގައި ހާބަޓްގެ ބައެއް ނިންމުންތަކަށް ރާއްޖޭގެ ފުޓްބޯޅާއިގެ ޓެކްނިކަލް ފަރާތްތަކުން ވަނީ ފާޑު ކިޔުން އަމާޒުކޮށްފައެވެ. އަދި ބަންގުބަންދު ގޯލްޑްކަޕްގެ ސެމީ ފައިނަލްގައި ނޭޕާލް އަތުން ބަލިވި މެޗަށް ފަހު ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ކޯޗަށް ފާޑު ކިޔާފައެވެ.
ސައުތު އޭޝިއަން ގޭމްސްގައި ވާދަ ކުރުމަށް މިއަދު އިންޑިއާ އަށް ފުރުމުގެ ކުރިން ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ދެމުން ހާބަޓް ބުނީ އޭނާ ރާއްޖެއައީ ވަކި މަސައްކަތެއް ކުރުމަށް ކަމަށާއި އޭނާއަށް ކިޔަމުންދާ ފާޑު ކިޔުންތަކާ މެދު އޭނާ ނުވިސްނާ ކަމަށެވެ.
"ކޮން ކޯޗަކަށްތޯ ފާޑު ނުކިޔަނީ. ދުނިޔޭގެ އެންމެ މޮޅެތި ކޯޗުންނަށްވެސް ފާޑު ކިޔާ، މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗް ލުއިސް ވެންހާލްއަށް ފާޑު ކިޔުންތައް އަމާޒުވޭ. އެހެން ނޫނަސް އަހަންނަކީ އެއްވެސް އިރެއްގައި ފާޑު ކިޔުންތަކަށް ރައްދު ދޭ މީހެއް ނޫން،" ހާބަޓް ބުންޏެވެ.
ކޯޗް ބުނީ އޭނާ މަސައްކަތް ކުރަމުން ދަނީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ކަމަށާއި ޓީމުން ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާއިރު މީގެ ހަމަސް ކުރިން އެ ކުޅުންތެރިން ތިބި ފެންވަރާ މިހާރު ތަފާތުތަކެއް ހުންނާނެ ކަމަށެވެ.
އަދި މިއަދު އެކުޅުންތެރިންގެ ފުޓްބޯޅައިގެ ވިސްނުން ހުރި ގޮތް ތަފާތު ވާނެ ކަމަށްވެސް ހާބަޓް ބުންޏެވެ.