ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ސައުތު އޭޝިއަން ގޭމްސްއަކީ ވަރަށް މުހިންމު މުބާރާތެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
ސައުތު އޭޝިއަން ގޭމްސް އަށް ފުރުމުގެ ކުރިން މީޑިއާ ވާހަކަ ދައްކަމުން ގައުމީ ކޯޗް ބުނީ ކޯޗް ބުނީ ޓީމުގައި މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަ ކުރާ ކުޅުންތެރިން އެބަތިބި ކަމަށާއި ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ސައުތު އޭޝިއަން ގޭމްސްއަކީ އެ ކުޅުންތެރިންނަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
ސާފް ސުޒުކީ ކަޕާއި ބަންގު ބަންދު ގޯލްޑްކަޕުގައި ވެސް ސައުތު އޭޝިއަން ގޭމްސްއަށް ފޯކަސް ކުރަމުން ދިޔަ ކަމަށާއި އެންމެ ފުރަތަމަ އަމާޒަކީ ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކުން ކަމަށް ވެސް ކޯޗު ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ އަމާޒަކީ މުޅި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކުން ކަމަށާ ޓީމުގައި ހިމެނޭ ދެތިން ހަތަރު ކުޅުންތެރިޔަކު މޮޅަށް ކުޅުނު ނަމަވެސް މުޅި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ނުނީ މުބާރާތުގައި ކުރިއަށް ނެދެވޭނެ ކަމަށެވެ.
"އެންމެ ފުރަތަމަ އަމާޒަކީ ޓީމުގައި ހިމެނޭ 20 ކޫލުންތެރިންގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިއުން. ދެ ތިން ހަތަރު ކުޅުންތެރިޔަކު ވަރަށް މޮޅަށް ކުޅުނު ނަމަވެސް މުޅި ޓީމު ފަރާތުން ރަނގަޅަށް ޕާފޯމް ނުކޮށް މުބާރާތުގައި ކުރިއަކަށް ނުދެވޭނެ" ކޯޗް ބުންޏެވެ.
ކޯޗް ބުނީ ބަންގުބަންދު ގޯލްޑް ކަޕަށް ނެގި ޓީމުގައި ހިމެނުނު 10 ވަރަކަށް ކުޅުންތެރިން ޓީމުގައި ހިމެނޭއިރު އެކުޅުންތެރިންގެ ފުޓްބޯޅައިގެ ވިސްނުމާއި ފެންވަރު މީގެ ހަ މަސް ކުރިން ހުރި ވަރަށް ވުރެ މިހާރު ތަފާތު ވާނެ ކަމަށެވެ.
ޓީމުގައި ހިމެނޭ ދެތިން ކުޅުންތެރިޔެއްގެ ކިބައިގައި ޔޫރަޕްގެ ލީގްތަކުގައި ކުޅުމުގެ ހުނަރު އެބަހުރި ކަމަށާއި ހުނަރު ތަރައްޤީވަމުން އައިސް އެ ކުޅުންތެރިން އެހިސާބަށް ދެވޭނެ ކަމަށް އުންމީދު ކުރާ ހާބަޓް ބުންޏެވެ.
ކޯޗް ބުނީ ޓީމު ތިބޭ ސަރަހައްދަކީ ފުޓްބޯޅައިގެ ވަސީލަތްތަކުން އެހާ ތަނަވަސް ތަނެއް ނޫން ކަމަށާއި އަދި މޫސުމުގެ ގޮތުން ވެސް ފިނި ސަރަހައްދެއް ކަމަށެވެ. އެހެންވެ ކުޅުންތެރިން އެކަމަށް ފިޓް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.
މުބާރާޓުގައި ރާއްޖެ ހިމެނެނީ ވަރުގަދަ އިންޑިއާއި ސްރީލަންކާއާއެކު ގުރޫޕް 'އޭ' ގައެވެ.