ކާބުލްގައި ޖާނުންފިދާވެގެން ހަމަލާއެއް ދޭން އުޅުނު ހަނގުރާމަވެރިންގެ 16 މީހަކު ހައްޔަރުކޮށްފި

19:00


އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އަމިއްލައަށް މަރުވެގެން ހަމަލާދޭން އުޅުނު ހަނގުރާމަވެރިންގެ 16 މީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.


އަފްޣާނިސްތާނުގެ ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވަނީ މި 16 މީހުންނަކީ ކާބުލްގެ ސަރަހައްދުތަކަށް ބޮމުގެ ހަމަލާތައް ދޭން މަސައްކަތްކުރި ބައެއް ކަމަށާއި މިމީހުންގެ ރޭވުން މިހާރު ރޫޅާލެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން ކާބުލްގެ މަގުތައް މަތީގައި އަދިވެސް ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާނެ ކަމަށްވެސް އޭނާ ބުންޏެވެ.


އެގައުމުގެ ފުލުހުން އިތުރަށް ބުނެފައިވަނީ ހައްޔަރުކުރެވުނު 16 މީހުންގެ ތެރޭގައި ޕާކިސްތާނަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށާއި އޭގެ ތެރޭން އެކަކީ ޕާކިސްތާނުގެ އަސްކަރިއްޔާގައި ހަރަކާތްތެރިވާ ސިފައިންގެ އޮފިސަރެއް ކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށާއި އެއަށް ފަހު މިކަމާ ބެހޭގޮތުން ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.


ޕާކިސްތާނުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އަލްގައިދާ އާއި ތާލިބާން ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ ސަބަބުން ދުނިޔޭގެ ތަފާތު ގައުމުތަކުން ދަނީ އެގައުމަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު