ތިނަދޫގެ ގެތަކަށް އެންމެ އަވަހަށް ވެސް ކަރަންޓް ދެވޭނީ ހުކުރު ނުވަތަ ހޮނިހިރު ދުވަހު: ފެނަކަ

މިފްކޯ އިން ތިނަދޫ ބަނދަރުމަތި ދިއްލާފައި. ތިނަދޫގެ ގެތަކަށް ކަރަންޓް ދެވޭނީ ހުކުރު ނުވަތަ ހޮނިހިރުގައި ކަމަށް ފެނަކައިން ބުނި-- ފޮޓޯ/ ސަން

އިންޖީނުގެ އެނދުމުގެ ސަބަބުން ކަރަންޓް ކެނޑިފައިވާ ގދ. ތިނަދޫގެ މުހިއްމު މުއައްސާތަކަށް ކަރަންޓް ލިބޭނެ އިންތިޒާމު ވަގުތީ ގޮތުން ހަމަޖެއްސުނު ނަމަވެސް ގޭގެއަށް ކަރަންޓް ދެވޭނީ އަންނަ ހުކުރު ނުވަތަ ހޮނިހިރު ދުވަހު ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މައި އިދާރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވީ ތިނަދޫގެ ގެތަކަށް ވަގުތީ ގޮތުން ކަރަންޓް ދިނުމަށް ބޭނުންވާ ޖަނަރޭޓަރުތައް މިރޭ މާލޭން ފުރުވައިލެވޭ ވަރުވާނެ ކަމަށާއި އޭރުން މާދަމާރޭ ފަތިހު ތިނަދުއަށް އެޖަނަރޭޓަރުތައް ގެންދެވޭނެ ކަމަށެވެ. އަދި އެރަށަށް ޖަނަރޭޓަރުތައް ގެންދެވޭތާ ނުވަ ގަޑި އިރުތެރޭގައި ކަރަންޓް ދެވޭވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"...އަޅުގަނޑުމެން މިހާ ކުރަމުން މިގެންދާ މަސައްކަތްތައް ނިމުނީމާ ތިނަދޫ ހުރިހާ ރައްޔިތުންނަށް ކަރަންޓް ލިބިގެން ހަމަ ދާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން ވަގުތީ ކަރަންޓެއްގެ ތެރޭގައި ވެސް. އަޅުގަނޑުމެން ވަގުތީ ކަރަންޓް ދިނުމަށް ޓަކައި މިހާރު ކުރަމުން މިގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ހުކުރު ނޫނީ ހޮނިހިރާ ހިސާބުގައި އަޅުގަނޑުމެންނަށް ޖަނަރޭޓަރު އިންސްޓޯލް ކުރެވި އާއްމު ހުރިހާ ރައްޔިތުންނަށް ކަރަންޓް ދޫކުރެވިގެންދާނެ،" ނިމާލް ވިދާޅުވި އެވެ.

ވަގުތީ ކަރަންޓްގެ ކުރިން ވެސް ޒަރޫރީ ބޭނުންތައް ފުއްދޭ ވަރަށް ކަރަންޓް ދެވޭނެ އިންތިޒާމެއް ހަމަ ޖައްސަން ފެނަކައިން މަސައްކަތް ކުރޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނިމާލް ވިދާޅުވީ އެގޮތަށް އެކަން ކުރެވެން އޮތް ނަމަ މިހާރު ހިދުމަތް ފޯރުކޮށްދޭން ފަށައީފީސް ކަމަށެވެ.

"...ވާގޮތަކީ ވިއުގައެއްގެ ތެރޭގައި މި ކަރަންޓް މިފޯރުކޮށްދެނީ. ކޭބަލް އެއްޗެހި އަޅާފައި. އަޅުގަނޑުމެންނަށް އެގޮތަށް އެކަންތައްތައް ކުރެވެން ފަސޭހައިން އޮތް ނަމަ އަޅުގަނޑުމެން މިހާރު އެހިދުމަތް ފޯރުކޮށްދީފީސް. ސްކޫލްތަކަށް އަޅުގަނޑުމެން މިހާރު މިއަދު މި ކަރަންޓް ގުޅުމުގެ މަސައްކަތް ކުރަމުން މިދަނީ. ބޭންކަށް ހިދުމަތް ފޯރުކޮށްދެވޭތޯ މަސައްކަތްކުރަމުން މިދަނީ. ދެން އަދި ސަރުކާރުގެ ބައެއް އެހެން އާއްމު ރައްޔިތުންނާ ވަރަށް ގުޅުންހުރި ބައެއް ހިދުމަތްތައް ލިބޭ ތަންތަނަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އެކަމަކު އަޅުގަނޑުމެން އާއްމު ރައްޔިތުންނަށް މި ކަރަންޓް ހިދުމަތް ފޯރުކޮށްދޭން ބަލާއިރު ޑިޓްރިބިއުޝަން ނެޓްވޯޓް ނޫނިއްޔާ އަޑި ވަޅުލާފައި އޮންނަ ކޭބަލްގެ ތެރެއިން ގޮސް ވެއްދުމާ ވަރަށް ބައިވަރު މަސައްކަތް ކުރަން އެބަޖެހޭ. މިސާލަކަށް ކޮށްޓަކަށް ވަކި ޖަނަރޭޓަރުތަކެއް، މިހެން ގޮސް މިކަންތައްތައް ކުރަން ޖެހޭނީ. އެހެންވީމާ ދަތި އުނދަގޫ ކަންތައްތަކެއް،" ނިމާލް ވިދާޅުވި އެވެ.

comment ކޮމެންޓް