ތިނަދޫއަށް ދާއިމީކޮށް ކަރަންޓު ފޯރުކޮށް ދެވޭނީ ދެ މަސް ފަހުން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ގދ. ތިނަދޫގެ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ އިންޖީނުގޭގައި ރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާއިން އަރައިގަނެ ރަށުގެ ރައްޔިތުންނަށް ދާއިމީކޮށް ކަރަންޓު ފޯރުކޮށް ދެވޭނީ ދެ މަސް ފަހުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން މިރޭ ވިދާޅުވީ އެ ކުންފުނިން އެންމެ ފުރަތަމަ ވެސް ބަލަމުން ދަނީ ތިނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ގެނައުމުގެ މަސައްކަތް ކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ވަގުތީ ހައްލެއް ގެނައުމަށްފަހު ދެން މަސައްކަތް ކުރާނީ ދާއިމީ ހައްލެއް ގެނައުމަށް ވެސް. އެގޮތުން ފުރަތަމަ މި ބަލަނީ ހަފްތާއެއްގެ ތެރޭގައި ދާއިމީ ހައްލެއް ތިނަދޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުން. އިރާދަކުރެއްވިއްޔެ ދޮޅު މަހެއް ނުވަތަ ދެ މަހެއްހާ ދުވަސް ތެރޭގައި ދާއިމީ ހައްލެއް ތިނަދޫ ކަރަންޓުގެ މައްސަލައަށް ލިބިގެންދާނެ،" ނިމާލް ވިދާޅުވި އެވެ.

ނިމާލު ވިދާޅުވީ ތިނަދޫ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ އިންޖީނުގެ ވެސް ހަލާކުވެފައިވާ ކަމަށެވެ. އެހެންކަމުން އިންޖީނުގެއަށް ވެސް ބޮޑެތި މަރާމާތުތަކެއް ގެންނަންޖެހޭ ކަމަށް ނިމާލު ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުރިއަށް އޮތް ތާނގައި އެފަދަ ހާދިސާތައް ނުހިނގާނެ ގޮތްތައް ވެސް ހަދަންޖެހޭ ކަމަށެވެ.

"ކޮންމެ ގޮތެއްވިއަސް މިހާރު މި އޮތީ އެރަށުން ކަރަންޓު ކަނޑައިގެން ގޮސްފައި. އެހެންވީމަ ވީހާވެސް އަވަހަކަށް އެބަޖެހޭ ރަށަށް ކަރަންޓު ފޯރުކޮށްދޭން. އެ ހިދުމަތް އަޅުގަނޑުމެން ފޯރުކޮށްދީފައި ދާއިމީ ހައްލަކަށް ދާއިރު ގާތްގަނޑަކަށް 35 މިލިއަން ރުފިޔާ ހަރަދުވެގެން ދާނެ،" ނިމާލު ވިދާޅުވި އެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިމާލު ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަގު ޖުމްލަ 22 މިލިޔަން ރުފިޔާ އަށް އަރާ ކަމަށެވެ.

ނިމާލް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި އިރު ތިނަދޫ އިންޖީނުގޭގައި 1000 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 720 ކިލޯ ވޮޓްގެ ޖަނަރޭޓަރަކާއި 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުރި ކަމަށާއި އެތިން ޖަނަރޭޓަރު ވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

comment ކޮމެންޓް