ނުރައްކާ ބޮޑު ނުވަ މީހުން:
އަބްދުﷲ ނަސީރު އަދި ހައްޔަރުކޮށްފައެއް ނުވޭ: ޕޮލިސް

މުޖުތަމައުއަށް "ނުރައްކާ ބޮޑު" ކަމަށް ބުނެ ފުލުހުން މައުލޫމާތު އާއްމުކޮށްފައިވާ ނުވަ މީހުންގެ ތެރޭގައި ހިމެނޭ މާލޭ މުނިސިޕަލްޓީ ޙާއްސަ ދަތްދަތު އަބްދުﷲ ނަސީރު އަދި މިހާތަނަށް ހައްޔަރުކުރެވިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ އޮފިޝަލަކު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލެ ތެރޭގައި މާރާމާރީ އާއި ވައްކަމާއި ފޭރުމާއި މީހުންމެރުން އާއްމުވުމާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަކާ ބެހޭ މަޢުލޫމާތު މިއެޕްރީލް މަހުގެ 14 ގައި މުޖުތަމައަށް ނުރައްކާތެރި ކަމަށް ބުނެ އާއްމުކުރި ނުވަ މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ ނަސީރަކީ މިހާތަނަށް ހޯދައި ނުފެނިފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެ ދުވަހު ފުލުހުން ބުނެފައި ވަނީ އެ ނުވަ މީހުން ވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ ކުރިން އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށް ބުނެވިފައި ވަނީ އޮޅުމަކުން ކަމަށާއި މިހާރު ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަބްދުﷲ ނަސީރުގެ އިތުރުން ވެސް މުޖުތަމައު އަށް ނުރައްކާތެރި އިތުރު ބައެއް މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ބައެއް މައުލޫމާތުތައް ލިބިފައިނުވާތީ އެއީ ކިތައް މީހުންކަން ހާމަކުރެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ނަސީރަކީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން އަތުލައިގެން "ހައި ޕްރޮފައިލް" ނުވަ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ބުނެ ފުލުހުން ފޮޓޯ އާއި މައުލޫމާތު އާއްމުކޮށްފައިވާ މީހެކެވެ.

އަބްދުﷲ ނަސީރަކީ "ކުޑަ ހެންވޭރަށް" ނިސްބަތްވާ މީހެއް ކަމަށާއި ތަފާތު އެކިއެކި މައްސަލަތަކުގައި 17 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް، އޭގެ ތެރެއިން ފަސް މައްސަލައެއް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު