ރިސޯޓެއް ގަތުމަށް އެސްޓީއޯ އިން ދީފައިވާ 16.7 މިލިއަން ރުފިޔާގެ ލޯނުގެ މައްސަލައެއް ރިޔާސީ ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި

19:00


ރިސޯޓެއް ގަތުމަށް އަމިއްލަ ފަރާތަކަށް 16.7 މިލިއަން ރުފިޔާ 2001 ގައި އެސްޓީއޯ އިން ދޫކޮށްފައިވާ މައްސަލައެއްގައި ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަމަށް ތުހުމަތުކޮށް، އެސްޓީއޯގެ އޭރުގެ ޗެއާމަން ޔާމީން އަބްދުލްގައްޔޫމާއި އެމްޑީ މުހައްމަދު މަނިކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ރިޔާސީ ކޮމިޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.


ރިޔާސީ ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަބްދުﷲ ހަސީން، އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުނުވެ، މިއަދު ވިދާޅުވީ އެ މައްސަލަ އަކީ 2001 ވަނަ ހުންނެވި ޗެއާމަން، އޭނާގެ ވިޔަފާރީގެ ބައިވެރިއަކަށް އެ ކުންފުނީގެ ކޯޕަރޭޓިވް އުސޫލްތަކާ ހިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަށް ދޫކޮށްފައިވާ ލޯނެއް ކަމަށާއި އެ މައްސަލާގައި ޗެއާމަންގެ އިތުރުން އޭރުގެ އެމްޑީގެ މައްޗަށް ވެސް ދައުވާ ކޮށްދިނުމަށް ހުށަހަޅައިފައިވާ ކަމަށެވެ.


ރިސޯޓެއް ގަތުމަށް 16.7 މިލިއަން ރުފިޔާ އެސްޓީއޯ އިން ދިނީ ކޮން ފަރާތަކަށް ކަމެއް ވެސް ހަސީން ވިދާޅެއްނުވި އެވެ. ނަމަވެސް އެ ރިސޯޓަކީ އޮޅުވެލި ރިސޯޓުކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.


އިތުބާރު ކުރެވޭ ގޮތަކަށް ސަންއެފްއެމަށް ކަށަވަރުވެފައިވާ ގޮތުގައި އެސްޓީއޯ އިން 16.7 މިލިއަން ރުފިޔާ ދީފައި ވަނީ ޔޮޓު ޓުވާސްގެ ވެރިޔާ އަބްދުﷲ ޖާބިރަށެވެ.


ހަސީން ވިދާޅުވީ އެ ކޮމިޝަނުން ބެލިބެލުމުން އެ ކަންތައްތައް ކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ގޮތަކަށްކަން އެނގެން ހުރި ހެކިތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންގެ އިދާރާއަށް މިދިޔަ ބުދަ ދުވަހު ފޮނުއްވާފައިވާ ކަމަށެވެ.


މިކަމާ ގުޅިގެން އަބްދުﷲ ޔާމީން އަދި އަބްދުﷲ ޖާބިރުގެ ބަހެއް ހޯދާލުމަށް ސަންއެފްއެމުން ކޮށްފައިވާ މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު