އައިފޯނުގެ ޑީފޯލްޓް ސާޗް އިންޖީނުގެ ގޮތުގައި ގޫގުލް ހެދުމަށް، ގޫގުލްއިން އެޕަލްއަށް 1 ބިލިއަން ޑޮލަރު ދިން!

އައިފޯނުގެ ޑިފޯލްޓް

އައިފޯނުގެ ޑީފޯލްޓް ސާޗް އިންޖީނުގެ ގޮތުގައި ގޫގުލް ހެދުމަށް، ގޫގުލްއިން އެޕަލް ކުންފުންޏަށް 2014 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދިންކަމަށް ކޮމްޕިއުޓާ ހާޑްވެއާ ކުންފުންޏެއް ކަމަށްވާ އޮރެކްލްއިން ބުނެފި އެވެ.

އޮރެކްލްގެ ޖާވާ ސޮފްޓްވެއާ ގޫގުލްއިން ބޭނުން ކުރިކަމަށްބުނެ އޮރެކްލް އިން ވަނީ 2010 ވަނަ އަހަރު އެމައްސަލަ ކޯޓަށް ވައްދާފަ އެވެ. ކޯޓުން މިހާރުވެސް ދަނީ އެމައްސަލަ ބަލަމުންނެވެ. ގޫގުލްގެ ވިޔަފާރިތަކާ ބެހޭ ބައެއް މައުލޫމާތު ހުރި ޑޮކިއުމެންޓުތަކެއް އޮރެކްލް އިން ހާމަ ކުރީ ކޯޓު އަޑު އެހުންތަކުގައެވެ.

އޮރެކްލްގެ ވަކީލުން ބުނި ގޮތުގައި 2014 ވަނަ އަހަރު ގޫގުލް އިން ވަނީ އައިފޯނުގެ "ސާޗް ބާ"ގެ ގޮތުގައި ގޫގުލް ބެހެއްޓުމަށްޓަކައި އެޕަލްއަށް އެއް ބިލިއަން ޑޮލަރު ދީފައެވެ. އަދި އޭގެއިން ގޫގުލް އަށް ލިބޭ ފައިދާގެ ތެރެއިން ކޮންމެވެސް މިންވަރެއް އެޕަލްއަށް ދިނުމަށްޓަކައި ރެވެނިއު ޝެޔަރިން އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް އޮރެކްލް އިން ބުންޏެވެ. ނަމަވެސް، އެ އެއްބަސްވުމުގައި ދެކުންފުނީގެ ހިއްސާ އޮތް މިންވަރު އެނގިފައި ނުވެ އެވެ.

އޮރެކްލް އިން ކޯޓަށް ހުށަހެޅި އެ ޑޮކިއުމެންޓުތައް މިހާރު ވަނީ އާއްމު ރިކޯޑުތަކުން ފޮހެލާފަ އެވެ.

މީގެ އިތުރުން، ގޫގުލްއަށް އެންޑްރޮއިޑުގެ ފަރާތުން މިހާތަނަށް 22 ބިލިއަން ޑޮލަރުގެ ފައިދާ ލިބިފައިވާ ކަމަށްވެސް އޮރެކްލް އިން ހާމަކުރި އެވެ. (ބްލޫމްބާގް)

comment ކޮމެންޓް