އެމްޑީޕީ އެތެރޭގެ އިންތިހާބު:
ނަތީޖާ ނުކުންނަ ގޮތަކުން ޕާޓީތެރޭގައި "ވަތަނީ" ހުޅުގަނޑު ރޯވުމުގެ ފުރުސަތު ބޮޑު!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތްއިރު އެ ޕާޓީއަށް އެންމެ ބޮޑު ލޮޅުންތަކެއް އެރީ 2008 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީސް ތެރޭގަ އެވެ. ރައީސް ކަމަށް ކުރިމަތިނުލައްވާނެ ކަމަށް އޭރު ވިދާޅުވަމުންގެންދެވި މުހައްމަދު ނަޝީދާ ވާދަކޮށް، އެ ޕާޓީގެ ރައީސަކަށް ހުންނެވި އައްޑު އަށް ނިސްބަތްވާ ޑރ. މުހައްމަދު މުނައްވަރަށް ލިބުނު ނާކާމިޔާބީއާ އެކު، އެ ޕާޓީގައި ތިބި އައްޑޫގެ ގިނަ ބަޔެއްގެ ލޭ ކެކިގަތެވެ. ޕާޓީގެ އިސްކޮށް ހަރަކާތްތެރިވި އައްޑޫގެ އެތަކެއް މެމްބަރުން ޕާޓީން އިސްތިއުފާދީ ފޭއަށް ޖެހުނެވެ. އޭގެ ނަތީޖާއަކަށްވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް އައްޑޫން ލިބޭނެ ކަމަށް ހީކުރި އަދަދާ ގާތަށް ވެސް ފުރަތަމަ ބުރުގައި ވޯޓު ނުލިބުމެވެ.

އެމްޑީޕީ އުފެދުނުއިރު އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، އެއީ އެމްޑީޕީ އަށް އައްޑޫގެ ތާއީދު ހޯދުމުގެ މުހިންމުކަން އެނގެން ފެށި ހިސާބެވެ.
ޕްރައިމަރީސްއަށް ފަހު އެމްޑީޕީން ވަކިވެ، ދުރަށް ދިޔަ އައްޑޫއަށް ނިސްބަތްވާ ސިޔާސީ ލީޑަރުންގެ ސަބަބުން އޭރު އިދިކޮޅު ފަރާތްތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރަށް ފުޅާވެ، އެމްޑީޕީއަށް ބާރުބޮޑުވާން ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބުގެ ފުރަތަމަ ބުރުން ޑީއާރްޕީއަށް މަދުވި 10 ޕަސަންޓު ވޯޓު އައްޑޫން ހޯދައިފާނެ ކަމުގެ ބިރު އެމްޑީޕީ އަށް ވަރަށް ބޮޑު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން، އައްޑޫ މީހުންގެ އަތުން އިތުރު "ބޮނޑި"އެއް ނުބޯން، އެ އަތޮޅުގެ ތާއީދު ހޯދުމަށް އޭރު އެމްޑީޕީން ބޮޑު ކެމްޕޭނެއް ފެށިކަމުގައި އޭނާ ވިދާޅުވި އެވެ.

"މުނައްވަރު ވަކިވި. އަސްލަމް ވަކިވި. އެމީހުންނާ އެކު އަތޮޅުގައި ތިބި އެމްޑީޕީގެ ގާތްގަނޑަކަށް ހުރިހާ ގޮފިތަކުގެ ލީޑަރުންހެން އިސްތިއުފާދިން. މިކަންތައްގަނޑުގެ ތެރެއިން އެމްޑީޕީ މީހުންގެ ތާއީދު އެނބުރެން ފެށީ އެކިކޮޅު ކޮޅަށް. އެންމެ ބޮޑު ބަޔެއް ދިޔައީ ދެން ހުރި އައްޑޫގެ ކެންޑިޑޭޓަށް. އެއީ ޑރ. ހަސަން ސައީދު. އެހެންވެ، ދެވަނަ ބުރަށް ދާން އެމްޑީޕީ އަށް ލިބުނު ފުރުސަތުގައި އެންމެ ފުރަތަމަވެސް ޑރ. ހަސަން ގާތްކުރީ. މިއީ އެ ކެމްޕޭނުގެ ފެށުމަކީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޑރ. ހަސަން އެމްޑީޕީއާ ގާތްކުރުމާއި ދައުރު މެދުތެރެއިން އިންތިހާބެއް ބާއްވާނެ ކަމަށް ވިދާޅުވެ ނަޝީދު ހެއްދެވި އިތުރުފުޅުތަކަކީ ހުސް އެ ކެމްޕޭނުގެ އުސްއަލިތަކެވެ. އަދި މިހާރު ވެސް ސިޔާސީ ފައިދާއަށްޓަކައި އެ ކެމްޕޭނު ދަނީ ކުރިއަށްކަމަށާއި، ރިޔާސީ އިންތިހާބަށް ފަހު ބޭއްވި ބޮޑު ދެ އިންތިހާބުން ވެސް އެމްޑީޕީން ކުރި ހޯދި މައިގަނޑު ސަބަބަކީ އެއީ ކަމުގައި އޭނާ ވިދާޅުވި އެވެ.
"މަޖިލިސް އިންތިހާބު ކައިރިވިތަނާހެން އައްޑޫގައި ފްލެޓާއި ޔޮޓް މެރީނާ އާއި ލަގްޒަރީ ރިސޯޓުތައް ހަދާ ވާހަކަދެއްކީ. ކައުންސިލް އިންތިހާބާ ދިމާކޮށް އައްޑޫގައި ސިޓީގެ ނަން ބޯޑު އެޅުވީ. އެނގޭ ކަމަކީ އެމްޑީޕީން ކުރާ މި މަސައްކަތްތައް ކާމިޔާބުވަމުންދާކަން. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެ އޮތީ އެމްޑީޕީކަން ގެންގޮސްފައި. މަޖިލީހުގައި އައްޑޫ ދާއިރާ ތަމްސީލުކުރާ ހަ ގޮނޑީގެ ތެރެއިން އެއް ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ގޮސްފަ އެ އޮތީ މިހާރު،"

"މިހުރިހާ ކަމެއްގެ ބޭނުމަކީ ރިޔާސީ އިންތިހާބު 2013 އަށް އައްޑޫގެ އޮތް ވޯޓުލާ މީހުންގެ ބޮޑު އާބާދީގެ އަޣުލަބިއްޔަތު އެމްޑީޕީން ހޯދުން. އެކަން ކާމިޔާބުކުރަން ސާކް ސަމިޓު އައްޑޫގައި ބާއްވަން ކީއްކުރަން އެއަށްވުރެ މާބޮޑެތި ކަންތައްކޮށްދޭން ވެސް ވައުދުވާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެމްޑީޕީގެ މިކާމިޔާބީތަކަށް ބޮޑެތި ގޮންޖެހުންތަކެއް ބޯމަތިވަމުން އަންނަ މަންޒަރު މިހާރުގެ ސިޔާސީ މައިދާނުން އެބަފެނެ އެވެ. ސިޔާސީ މައިދާނަށް ޑރ. މުނައްވަރުގެ ސިޔާސީ އެނބުރި އައުން އެއީ އެއް ކަމެވެ. ޑރ. ހަސަން މައި އިދިކޮޅު ޕާޓީ، ޑީއާރްޕީއާ ގުޅުމަކީ ދެވަނަ ބިރެވެ.

އެމްޑީޕީން އެ ދެ ބޭފުޅުންނަށް ޖެހިލުންވާކަން ފާޅުގައި ނުދެއްކި ނަމަވެސް، 2008 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވީ ކަންތައްތަކުންނާއި އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނިކުތް ނަތީޖާއިން، ދެ ސިޔާސީ ލީޑަރުންގެ ފަހަތުން އަނެއްކާ ވެސް އައްޑޫ މީހުން ނުގޮސް ނުތިބޭނެކަމީ ބުއްދި ހަމަނު ޖެހޭ ވާހަކައެއްކަން ގަބޫލުކުރާނެ އެވެ.

"ސިޔާސީ ކަންކަމަށް ބަލާއިރު މިހާތަނަށް އައްޑޫ މީހުން އިންތިހާބެއްގައި އޮތީ އައްޑޫ މީހުންނަށް ތާއީދުކޮށްފައި. ވަތަނީވޭ ހަމަ،" ފަހުގެ ތާރީހު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް މި ހިސާބުން ނިމުނީކީއެއް ނޫނެވެ. އެމްޑީޕީ ތެރެއިން ވެސް ބޮޑު ހާސްކަމެއް އެ ޕާޓީތެރެ އިން ދަނީ ފެތުރެމުންނެވެ. ތާރީހު އަލުން ތަކުރާރުވުމުގެ ބިރެވެ.

ޕާޓީގެ ރައީސް ކަމަށް ޑރ. އިބްރާހިމް ދީދީ ކުރިމަތިލައްވައިފައިވާއިރު ނައިބު ރައީސްގެ ގޮނޑި ހޯދުމަށް އެންމެ ބޮޑަށް އަޑުގަދަކުރައްވަމުން ގެންދަވަނީ އަލްހާން ފަހުމީ އެވެ. ޕާޓީގެ އެންމެ އިސް ދެ މަގާމަށް ވާދަކުރައްވާ އެ ދެބޭފުޅުންނަކީ ވެސް އައްޑޫ ދެ ބޭފުޅެކެވެ. އެ ދެ ބޭފުޅުންގެ ފަހަތުގައި އައްޑޫއަށް ނިސްބަތްވާ އެތައް ސަތޭކަ އާއްމު މެމްބަރުންނެއް ވެސް އެބަތިއްބެވެ. އެހެންކަމުން މިއަދު އަނެއްކާ އެއިން ބޭފުޅަކަށް ލިބޭ ނާކާމިޔާބެއް ވާނީ، "ވަތަނީ" ހުޅުގަނޑު އަލުން ޕާޓީ ތެރޭ ރޯކޮށްލަން ޕާޓީގެ ހަތުރުންނަށް ލިބޭނެ ވަރުގަދަ ފުރުސަތަކަށް ކަމަށް ބެލެވެ އެވެ. ޕާޓީދޫކޮށް އަނެއްކާ އައްޑޫ މެމްބަރުން ދިއުމުގެ ފުރުސަތު ވެސް ބޮޑެވެ. ސިޔާސީ ވާދަވެރިކަން ބޮޑު ދަނޑިވަޅެއްގައި މިއީ އެމްޑީޕީއަށް ތަހައްމަލުކުރެވޭނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

އައްޑޫގެ ވޯޓުލާ އާބާދީގެ ބޮޑު ބައެއް މިލްކުކުރަން ފާއިތުވި ދެ އަހަރުއްސުރެ އެމްޑީޕީން ކުރި މަސައްކަތް ފަނުފުލުން ދިޔުމަކަށްވެސް ނޭދޭނެ އެވެ. ކޮންމެ ގޮތެއް ހެދިޔަސް އައްޑޫ މީހުން ދަމަހައްޓަން މަސައްކަތްކުރާނެ އެވެ.

ނަމަވެސް، އެޕާޓީއަށް ފުރަތަމަ ސޮއިކުރި 50 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވެފައިވަނީ، އައްޑޫ މީހުން ދަމަހައްޓަން ކުރާ މަސައްކަތާ އެއްވަރަށް، އެމީހުން "ފަހަތަށް" ޖެއްސުމުގެ މަސައްކަތްވެސް އެމްޑީޕީ ތެރޭ ކުރާ ކަމަށެވެ. ތަރުހީބު ހޯދައިގެން އެމީހުން "ސައިޒު"ގައި ބޭތިއްބުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ.

ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ، އައްޑޫ މީހުންގެ ވަތަނީ ހިޔާލު މާބޮޑީ ކަމަށް ގަބޫލުކުރާ ބަޔަކު ޕާޓީތެރޭ ތިބެނީ ކަމަށެވެ. ވެރިކަންކުރާ ޕާޓީގެ ލަގަން އަނެއްކާ އައްޑޫ މީހުންގެ އަތަށް ގޮސްފި ނަމަ، ވެރިކަމުގެ ދަހިވެތިކަމުގައި އަލުން އައްޑޫ މީހުން އުޅެގަނެ، ޕާޓީ ގުރުބާންކޮށްފާނެ ކަމަށް އެމީހުން ދެކޭ ކަމުގައި ވެސް މިހާރު އެ ޕާޓީން ވަކިވެފައިވާ އެ މެމްބަރު ވިދާޅުވި އެވެ.

"އަބަދުވެސް އޮތް ކަމެއް މީ. އެމްޑީޕީއަކު އައްޑޫ މީހަކަށް ފުރުސަތެއް ނޯންނާނެ. ކިތަންމެ ގާބިލަސް މޮޅަސް ލިބެންޏާ ލިބޭނީ ފަހަތު ސީޓު. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކުރަން ވެސް ހަމްޒާއަކަށް ނުދޭ ނުންތޯ؟"

މިއީ ކިހާވަރެއްގެ ހަގީގަތެއް އޮތް ކަމެއްތޯ ސުވާލު ދެންނެވުމުން ޑރ. އިބްރާހިމް ދީދީ ވަނީ، އެމްޑީޕީތެރޭގައި އައްޑޫ މީހުން ފަހަތަށް ޖެއްސުމަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެވެން ނެތް ކަމަށެވެ.
"އައްޑޫ މީހުން ނޫނީ އައްޑޫއަށް ނިސްބަތްވާ މީހުން ފަހަތަށް ޖައްސަން އުޅޭ ވާހަކަތަކެއް އަޅުގަނޑަށް ގަބޫލުކުރަން ދަތި. އެހެންވެދާނެ ކަމަށް ވެސް އަދި އެކަން ކުރަން ބަޔަކު އުޅޭ ކަމަށް ވެސް. އެކަމަކު ނޫޅެއެކޭ ވެސް ނުދަންނަވާނަން،" ޑރ. ޑީޑީ ދާދިފަހުން ވިދާޅުވެފައިވެ އެވެ.

ކޮންމެއަކަސް އެމްޑީޕީ ތެރެއިން އައްޑޫ މީހުންނަށް އޮތީ ފަހަތު ސީޓުތޯ ނޫންތޯ އެނގޭނީ އޭޕްރިލް 30 ގައި ބާއްވާ އިންތިހާބުގެ ނަތީޖާ ނުކުތުމުންނެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް، މިފަހަރު އެމްޑީޕީ ތެރޭގައި އެ އިންތިހާބަށް ފަހު ހިޔާލުތަފާތުންތަކާއި ބައިބައިވުން އުފެދި، ޕާޓީ އެތެރޭގެ މަސްލަހަތު ހޫނުވިޔަ ނުދިނުން މުހިންމެވެ. ނޫނީ ތާރީހު ތަކުރާރުވެގެންދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް