ތިމަރަފުށިން އެން ދަމަން ނުކުތް ދޯންޏަކަށް ދިޔަވެ، އަޑިއަށް ދަނިކޮށް ރައްޔިތުން ގޮސް ސަލާމަތްކޮށްފި

ތ. ތިމަރަފުށިން އެންދަމަންދިޔަ ދޯންޏަކަށް ދިޔަވެ، އަޑިއަށް ދަނިކޮށް ރައްޔިތުން ގޮސް މިރޭ ސަލާމަތްކޮށްފި އެވެ.

ތިމަރަފުށީ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ހަލީލު ވިދާޅުވީ މިރޭ 11:00 ޖަހާ އެހާކަންހާއިރު އެ ރަށު "ފެއާ" ދޯނި މަހަށް ދާން އެން ހިފަން އޮއްވާ ކޮންޓްރޯލް ނުކުރެވޭ ވަރަށް ދިޔަވެ އަޑިއަށް ދަނިކޮށް ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ގޮސް ދޯންޏާއި މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެ ހާދިސާގައި މީހަކަށް ވެސް އަދި ދޯންޏަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

ތިމަރަފުށީ ކައިރީގައި އޮންނަ މެދުފަރުގައި 12 މީހުންނާއެކު ފެއާ ދޯނި އެންދަމަން އޮއްވާ ގަދައަށް ދިޔަވެ ދޯނި ފެތޭ ހިސާބަށް ދިޔައީ ފަޅުގައި އޮންނަތާ ގިނަ ދުވަސްވެ ދޯނީގެ މަތި އޮޑީގެ ހިންމިތައް ފޭވެފައި ހުރުމުން އެ ހިންމިތަކުން ދިޔަވެގެން ކަމަށް ވެސް ހަލީލު ވިދާޅުވި އެވެ.

"އެދޯންޏަކީ ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް އޮތް ދޯންޏެއް. އެހެންވެ ހިންމިތައް ހުރީ ދުރުވެފަ. މިރޭ އެންދަމަން ވެގެން ދޯނީގައި ދިޔަގަނޑު ބޮޑު ކޮށްލީމާ ފޭވެފައިވާ ހިންމިތަކުން ދިޔަވެ، ކޮންޓްރޯލް ނުވީ،" ހަލީލު ވިދާޅުވި އެވެ.

ފެއާ ދޯނި އަޑިއަށް ދާން ފެށުމުން އެ ހަބަރު ރަށަށް އެންގީ ވެސް ދޯނިންނެވެ. ތިމަރަފުއްޓަށް ހަބަރު ލިބުމުން ދޯނި ސަލާމަތް ކުރަން އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދޯނި ފަހަރުގައި ދިޔައީ ދިޔަ ހިއްކާނެ 10 ޕަމްޕް ވެސް ހިފައިގެނެވެ.

ފެއާ ދޯނީގެ ދިޔަނޑު ކޮންޓްރޯލްކޮށް މިހާރު ވަނީ ތިމަރަފުށީ ފަޅަށް ވައްދާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު