ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާ އަންނަ މަހުން ފެށިގެން ދޫކުރުމަށް ހަމަޖައްސައިފި

14:30


ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑުގައި ހުރި ފައިސާ ނަގަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ އެއް ވަނަ ދުވަހު ފެށިގެން އެ ފައިސާ ދޫކުރުމަށް ހަމަޖައްސައިފި އެވެ.


ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ސާއިޢުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ސަރުކާރު މުވައްޒަފުންގެ ޕްރޮވިޑެންޓް ފަންޑަށް ފައިސާ ޖަމާކުރުން މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ހުއްޓާލުމާ ގުޅިގެން އެ ފަންޑުގައި ހުރި ފައިސާ އޭގެ އަހުލުވެރިންނަށް ދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެ ފައިސާ ދޫކުރުމުގައި މިހާރު އަމަލްކުރަމުން އަންނަ ގަވާއިދުގައިވާ ގޮތުގެ މަތިން މުވައްޒަފުން ޖަމާކޮށްފައިވާ ފައިސާގެ އިތުރުން ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާ އާއި އެފައިސާއަށް ލިބިފައިވާ ފައިދާ ދޫކުރާނީ ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް އެ ސާކިއުލަރގައިވެ އެވެ.


އެގޮތުން އެފައިސާ ދޫކުރުމަށް ހަމަޖައްސާފައިވަނީ ފަންޑުގައި ބައިވެރިވެފައިވާތާ ފަސް އަހަރު ވެފައިވާނަމަ 25 ޕަސެންޓް އަދި 10 އަހަރު ވެފައިވާނަމަ 50 ޕަސެންޓް ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ. ނަމަވެސް ސަރުކާރުން ޖަމާކޮށްދީފައިވާ ފައިސާ އެކެއް މޭގައި އަމަލްކުރެވޭ އުސޫލުން އެއް އަހަރު ވެފައިވާނަމަ 10 ޕަސެންޓް އަދި ދެ އަހަރުވެފައިވާނަމަ 20 ޕަސެންޓް އަދި ދިހަ އަހަރުވެފައިވާނަމަ 100 ޕަސެންޓް ދެވޭނެ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.


ފިނޭންސް މިނިސްޓްރީން ބުނީ އެ އިނާޔަތްތައް ދެވޭނީ އެފަންޑުގެ ބައިވެރިންގެ ތެރެއިން އެކެއް މެއިގެ ނިޔަލަށް ހިދުމަތުގައި ދެމިތިބި ފަންޑުގެ ބައިވެރިންނަށް ކަމަށެވެ. އަދި ފަންޑުގައި ހުރި ފައިސާއިން ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން ޕަބްލިކް ކުންފުނިތަކުގައި ހުރި ސަރުކާރުގެ ހިއްސާގެ ތެރެއިން ބީއެމްއެލް އާއި، އެސްޓީއޯ އާއި އެމްޓީސީސީން އަދި އެމްޓީޑީސީން ހާއްސަ ގޮތެއްގައި ހިއްސާ ގަނެވާނެ ގޮތް ހަމަޖައްސާދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ނެރެފައިވާ އެ ސާކިއުލާގައިވެ އެވެ. އަދި އެ ފައިސާ އިން ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ގަންނަ ކޮންމެ ދިހަ ހިއްސާ އަކަސް އެއް ހިއްސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ސާކިއުލާގައިވެ އެވެ.


ފަންޑުގައި ހުރި ފައިސާ އެކެއް މެއިން ފެށިގެން ޖުލައި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ކަމަށާއި އަދި އެ ފަންޑުން ފައިސާ ނަގަން ބޭނުންވާ ފަރާތްތަކުން 30 އެޕްރީލްގެ ކުރިން ފައިސާ ނެގުމަށް ފޯމް ހުށަހެޅަންޖެހޭ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ނަމަވެސް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމް އެކެއް މެއިން ފެށިގެން ބަލައިގަނެވޭނެ ކަމަށާއި އަދި އެފަރާތްތަކުގެ ފައިސާ އަންނަ ޖުލައި މަހުގެ ދޫކުރެވޭނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު