ޑީއާރުޕީގެ ނަމުގައި ޖަލްސާ ބޭއްވުމަށް ޕީއޭ އިން ހުއްދަ ހޯދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި

ޑީއާރްޕީގެ ލޯގޯ އާއި ދިދަ ބޭނުންކޮށްގެން ޖަލްސާ ބާއްވަނީ ޕީޕަލްސް އެލައަންސް ]ޕީއޭ[ގެ ނަމުގައި ހުއްދަ ހޯދައިގެން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މައުމޫން ފެކްޝަނުން ރޭ އާޓްފިޝަލް ބީޗްގައި ބޭއްވި ޖަލްސާ އާއި މި މަހުގެ ހަތް ވަނަ ދުވަހު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ޖަލްސާއަކީ ޕީއޭގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ހުއްދަ ހޯދައިގެން ބާއްވާފައިވާ ޖަލްސާތަކެއް ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ޑީއާރްޕީން މާލެ ސިޓީ ކައުންސިލްގައި ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަސްމީކޮށް އެ މައްސަލަ އަދި ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑީއާރްޕީގެ ލެޓާހެޑްގައި އެދިގެން ވެސް ތަންތަން ހޯދާތީވެ ޑީއާރްޕީ އޮފީހުން މައްސަލަޖައްސާ. އެހެން ނަމަވެސް ވަކި ބޭފުޅަކު ސޮއިކުރަން އަންގާފައި ]ޑީއާރްޕީން[ ނެތިއްޖެއްޔާ އަޅުގަނޑުމެންނަކަށް އެކަން ނުހިފެހެއްޓޭނެ. މިހާތަނަށް މި މަހުގެ ހަތް ވަނަ ދުވަހާއި ރޭ ބޭއްވި ޖަލްސާއަކީ ވެސް ޕީއޭގެ ނަމުގައި ހުއްދަ ހޯދައިގެން ބޭއްވި ޖަލްސާތަކެއް،" ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕީއޭ އިން ހުއްދަ ހޯދައިގެން ޑީއާރުޕީގެ ނަމުގައި ޖަލްސާ ބާއްވާތީ އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ޑީއާރުޕީން މިއަދު ބުންޏެވެ. އަދި ޑީއާރްޕީގެ ލޯގޯ އާއި ސިއްކަ ބޭނުން ކުރެވޭނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ހުއްދަ ލިބިގެން ކަމަށް ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވަނިކޮށް އެ ނިންމުމާ ހިލާފުވުމުން ވެސް ފިޔަވަޅުއަޅާނެ ކަމަށް ޑީއާރްޕީން ބުނެ އެވެ. އަދި އެ މައްސަލާގައި ކޯޓް މަރުހަލާ އިން ވެސް ހައްލެއް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި ޕީއޭ އަދި ޑީއާރުޕީ މައުމޫން ފެކްޝަނުން ވަނީ ކޮމެންޓެއް ލިބޭގޮތް ނުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު