އަޅުގަނޑަށް ޕާޓީގެ ރައީސްކަން ލިބިއްޖެ ނަމަ ޕާޓީގެ މެންބަރުންގެ އަދަދު ދެގުނަ އިތުރުކުރާނަން: ޑރ. ޑީޑީ

އެމްޑީޕީގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ ޕާޓީ މެންބަރުންގެ އަދަދު ދެގުނަ އަށް އިތުރުކޮށް 2013ގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދަށް، ފުރަތަ ބުރުން ކާމިޔާބު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ވާދަކުރައްވާ ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ތިބި އެމްޑީޕީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް، ހުޅުމާލޭގެ ލާލޭ އިންޓަވޭޝަނަލް ސްކޫލްގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ، ޕާޓީގެ ރައީސް ކަމަށް އޭނާ ކުރިމަތި ލެއްވީ ދެ ކަމެއް ހާސިލް ކުރެއްވުމަށް ކަމަށެވެ.

"އޭގެ ތެރެއިން ފުރަތަމަ ލަނޑުދަނޑި އަކީ ޕާޓީ ހަރުދަނާކޮށް ހަރަކާތްތެރި ކުރުވައި ބާރުވެރި ކުރުވުން. ދެވަނަ ލަނޑުދަނޑި އަކީ 2013 ގެ ބޮޑު މަންޒަރު، 2013ގެ އިމްތިހާނުގައި އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް އޭ ރިޕޯޓެއް ހޯދައިދިނުން." ޑރ.ޑީޑީ ވިދާޅުވި އެވެ.

ޕާޓީގެ ރައީސްކަން ލިބިވަޑައިގެންފި ނަމަ މެންބަރުންނަށް ކޮށްދެއްވާނެ ކަންތައްތައް އިތުރަށް ހާމަ ކުރައްވަމުން ޑރ.ޑީޑީ ވިދާޅުވީ ރައީސްކަން ލިބިވަޑައިގެންފި ނަމަ، ޕާޓީގެ އަސާސީ ގަވާއިދު ލާޒިމު ކުރާ ކޮމިޓީތައް އުފައްދަވައިގެން ސަރުކާރުންދޭ ހިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލު ކުރައްވާނެ ކަމަށެވެ. އަދި އެކަންތައްތަކާ ބެހޭ ގޮތުން މުއައްސަސާތަކުގެ އިސް ވެރިން ހާޒިރު ކުރައްވާ ޒިންމާދާރު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ސަރުކާރުގެ ކޮންމެ މުއައްސަސާއަކާ ބެހޭ ކޮމިޓީއެއް އުފައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިއްހަތާ ބެހޭ ކޮމިޓީ، ދަތުރު ފަތުރާ ބެހޭ ކޮމިޓީ، ބޯހިޔާވަހިކަމާ ބެހޭ ކޮމިޓީ، އިޖްތިމާއީ ކޮމިޓީ، އަންހެނުންނާ ގުޅޭ ކޮމިޓީ، ޒުވާނުންނާ ގުޅޭ ކޮމިޓީ، އިޖްތިމާއީ އިގްތިސާދީ ކޮމިޓީ، ބަނދަރު ކޮމިޓީ، އެއާޕޯޓް ކޮމިޓީ، ފަދައެތައް ކޮމިޓީއެއް އުފައްދަން ޖެހޭ." ޑރ.ޑީޑީ ވިދާޅުވި އެވެ.

ޑރ.ޑީޑީ ވަނީ ޕާޓީ ރައީސްކަމުގެ އިންތިހާބުގައި އޭނާއާ ވާދަ ކުރައްވާ އެ ޕާޓީގެ ވަގުތީ ރައީސް އަދި ސްޕެޝަން އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ އަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގައި މިހާރު އޮތް ލީޑަޝިޕަކީ ހަރަކާތްތެރި ލީޑަޝިޕެއްނޫން ކަމަށެވެ. އަދި ކެމްޕެއިންގައި ޑރ.ޑީޑީއާ ބެހޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތައް ދައްކަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
"ކިތަންމެ ވަރަކަށް ހަގީގަތާ ހިލާފް ވާހަކަ ދެއްކި ނަމަވެސް އަޅުގަނޑު އެމްޑީޕީ އަށް ވެފައިވާ ގުރުބާނީތައް، މެންބަރުން ހަނދާނެއް ނުނެތޭނެ. ފިޝަރީޒް މިނިސްޓްރީއާ ހަވާލުވެ ހުރެގެން ވެސް އެހެނެ އެތައް ދާއިރާތަކުން ވެސް އަޅުގަނޑު ވާނީ ހިދުމަތް ކޮށްދީފައި. މަސް ކިލޯއެއްގެ އަގު އަގު މިއަދު މަތިވެފައި އެ ވަނީ އަޅުގަނޑުގެ ސަބަބުން. އަތޮޅު އޮފީހަކަށް ރަށު އޮފީހަކަށް އަޅުގަނޑު މަސްއަޅާފައެއް ނޯންނާނެ." ޑރ.ޑީޑީ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު