އިލްހާމާއި މަހުލޫފާއި ވައްޑެއާ މެދު ފިޔަވަޅު ނޭޅުމަށް މައުމޫން ގޮވައިލައްވައިފި

ޑީއާރްޕީގެ ނައިބު ލީޑަރު އިލްހާމް އަހުމަދާއި ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަހުލޫފާއި ކައުންސިލް މެންބަރު މުހައްމައްދު ވަހީދު އިބްރާހިމް (ވައްޑެ)ގެ މައްސަލަ ޕާޓީގެ މެންބަރުންގެ ސުލޫކީ ކަންތައް ބަލަހައްޓާ ކޮމެޓީއަށް ފޮނުވުމަށް ކައުންސިލުން ނިންމެވި މައްސަލަ އަނބުރާ ގެއްދެވުމަށް ޑީއާރުޕީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ކައުންސިލަށް ގޮވާލައްވައިފި އެވެ.

މައުމޫން ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ޒައީމް މައުމޫންގެ ފަރާތުން އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން އިއްވެވި ބަޔާންގައި މައުމޫން ވިދާޅުވެފައި ވަނީ ކައުންސިލްގެ އެ ނިންމެވުމަކީ ޑީއާރްޕީގެ އާންމު މެންބަރުން ޝުއޫރުތަކާ މުޅިން ހިލާފު ނިންމެވުމެއް ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ އިތުރަށް ބައިބައިވެގެންދާނެ ކަމަށެވެ.

"... ޕާޓީގެ އެއްބައިވަންތަކަން ވަރަށް ބޮޑަށް ބުރޫއަރައި ޕާޓީގެ މެންބަރުން ވަރަށް ބޮޑަށް މަޔޫސްވެފައިވާ މިފަދަ ޚުތޫރައްތެރި ދަނޑިވަޅުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދާއި ކައުންސިލް މެންބަރު އަހުމަދު މަފްލޫފާއި ކައުންސިލް މެންބަރު މުހައްމަދު ވަހީދު އިބްރާހިމް، މެންބަރުންގެ ސުލޫކީ ކަންކަން ބަހަލައްޓާ ކޮމެޓީއަށް ފޮނުވުމަށް ކައުންސިލުން ނިންމެވި ނިންމެވުމަކީ ޑީއާރުޕީގެ އާންމު ގިނަ މެންބަރުންގެ ޝުއޫރުތަކާ މުޅިން ހިލާފް، އަދި ޕާޓީ އިތުރަށް ބައިބައިވެދާނެ ކަމަކަށް ވާތީ އެ ނިންމެވުމާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން،" ޒައީމްގެ ބަޔާން އިއްވަމުން ދުންޏާ ވިދާޅުވި އެވެ.

ހިޔާލު ތަފާތުވާ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ޑިމޮކްރަސީގެ އުސޫލުން ކަންކަން ހިންގާ ތަންތަނުގައި އަމަލް ކުރާ ގޮތެއް ނޫން ކަމަށާއި އެ އެފަދަ ފިޔަވަޅު އެޅުމަކީ އިސްލާމީ އުސޫލުތައް ވެސް ހުއްދަ ކުރާ ކަމަކަށް ނުވާތީ އިލްހާމް އާއި މަހުލޫފުގެ އިތުރުން ވައްޑެއާ މެދު ފިޔަވަޅު އެޅުމަށްޓަކާ ކައުންސިލުން ނިންމެވި ނިންމެވުން އަނބުރާ ގެންދިއުމަށް ނަސޭހަތްތެރިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކައުންސިލުން އެ ނިންމެވި ނިންމެވުން އަނބުރާ ގެންދިއުމަށް ޕާޓީގެ ޒައީމްގެ ހައިސިއްޔަތުން އަޅުގަނޑު ކައުންސިލަށް ނުހަނު އިހްލާސްތެރިކަމާ އެކު ނަސޭހަތްތެރިވަން،" ރާއްޖެއިން ބޭރުގައި ހުންނަވައިގެން ރޭގެ ޖަލްސާއަށް މައުމޫން ފޮނުއްވެވި ބަޔާންގައި ބުނެފައިވެ އެވެ.

އިލްހާމް އާއި މަހްލޫފްގެ އިތުރުން ވައްޑެއާ މެދު ފިޔަވަޅު އެޅުމަށްޓަކާ މެންބަރުންގެ ސްލޫކީ ކަންތައް ބަލަހައްޓާ ކޮމެޓީއަށް ފޮނުވުމަށް ކައުންސިލުން ނިންމީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 18 ވަނަ ބައްދަލުވުމުގަ އެވެ. އަދި އެ ތިން ބޭފުޅުންނާ މެދު ފިޔަވަޅުއެޅުމަށް ނިންމި ހަތް ސަބަބުގެ ތެރޭގައި ހިމެނެނީ ޕާޓީގެ މަސްލަހަތަށް އުނިކަން ލިބި ޕާޓީގައި ފިތުނަ އުފެދޭ ވާހަކަތައް ދައްކައި ޕާޓީގެ ލީޑާޝިޕަށް ފާޑުވިދާޅުވުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ހުރަސް އެޅިދާނެތީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު