ރ. ހުޅުދުއްފާރު އިންޖީނުގޭގައި ހުރި ހުރިހާ ޖަނަރޭޓަރެއް ހަލާކުވެ، އެ ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ 24 ގަޑި އިރަށް ވުރެ ގިނަ ވުމާ ގުޅިގެން އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގެ ދޮށަށް އެއްވެ މުޒާހަރާކޮށްފި އެވެ.
ހުޅުދުއްފާރު ރަށު ކުންސިލްގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވީ އިއްޔެ އެނދުނު ގާތްގަނޑަކަށް 11 ޖަހާ އެހާކަންހާއިރު މުޅި ރަށުން ކަރަންޓް ގޮސްފައިވާ ކަމަށާ ކަރަންޓް ލިބޭނެ އިރެއް އިންޖީނު ގެއިން ބުނެފައި ނުވާ ކަމަށެވެ.
"ކަރަންޓް ދިޔައީ ހުރިހާ ޖަނަރޭޓަރެއް ވެސް ހަލާކުވެގެން ކަމަށް އިންޖީނުގެ އިން ބުނަނީ. އަދި ކަރަންޓް އަލުން ދެވޭނެ އިރެއް ނޭނގޭ. ރަށުގެ ގިނަ އަދަދެއްގެ މީހުން އިންޖީނުގެ ކައިރިއަށް އެއްވެ ރުޅިވެރިކަން ފާޅުކުރި،" ޒުބައިރު ވިދާޅުވި އެވެ.
ހުޅުދުއްފާރުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ރަށުން ކަރަންޓް ދިއުމުން އަލުން ކަރަންޓް ދެވޭނެ އިރެއްގެ އިންތިޒާރުގައި ރައްޔިތުން ކެއްތެރިކަމާ އެކު ތިބިކަމަށާ ނަމަވެސް އިރު އޮއްސުނު އިރު ވެސް އެކަމަށް އެއްވެސް ހައްލެއް ނުލިބުމުން މީހުން އިންޖީނުގެ ދޮށަށް އެއްވީ ކަމަށެވެ.
"ގާތް ގަނޑަކަށް 200 ވަރަކަށް މީހުން މިތިބި އިންޖީނުގޭގެ ގޯތި ތެރޭގައި. އެމީހުންގެ މައްސަލަ އަކީ ކަރަންޓް އަލުން ދެވޭނެ އިރެއް އިންޖީނުގެއިން ހާމަ ނުކުރާތީ" ހުޅުދުއްފާރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ހުޅުދުއްފާރުން ކަރަންޓް ކެނޑުނީ އެ ރަށު އިންޖީނުގޭގައި ހުރި ތިން ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގެ ފިއުލް ޕަމްޕެއް ހަލާކުވެގެން ދެ ޖަނަރޭޓަރުން ކަރަންޓް ދެމުން ދަނިކޮށް އަނެއް ދެ ޖަނަރޭޓަރު އެއް ފަހަރާ ހަލާކުވުމުން ކަމަށް ނޮދަން ޔޫޓިލިޓީސް ކުންފުނީގެ ރީޖަނަލް އެސިސްޓެންޓް މެނޭޖަރު އަހުމަދު އާތިފު ވިދާޅުވި އެވެ.
"ކަރަންޓް ދެވޭނެ އިރެއް އަދި ދަންނަވާކަށް ނޭނގޭ. ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަ ހޯދައި އެކަން ރަނގަޅު ކުރުމަށް އިންޖީނުގޭގެ ހުރިހާ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން." އާތިފު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 1500 މީހުންގެ އާބާދީއެއް އޮންނަ ހުޅުދުއްފާރު އިންޖީނުގޭގައި ބޭނުން ކުރަމުން އަންނަ ތިން ޖަނަރޭޓަރަކީ ވެސް މީގެ 15 ވަރަކަށް އަހަރު ކުރިން ފެށިގެން ބޭނުން ކުރަމުން އަންނަ ބާ ޖަނަރޭޓަރުތަކެއް ކަމަށް އެ ރަށު އިންޖީނު ގެއިން ބުނެ އެވެ.