ހުޅުމީދޫގައި މަސް ފެކްޓަރީއެއް އިމާރާތް ކުރުމަށް ބިންގާ އަޅައިފި

އައްޑޫ ސިޓީގެ ހުޅުމީދޫގައި އެޅުމަށް ހަމަޖެހިފައިވާ މަސް ފެކްޓަރީގެ ބިންގާ އަޅައިފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފެކްޓަރީގެ ބިންގާ އަޅުއްވާ ދެއްވާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

މިރޭ "ސަން" އަށް މައުލޫމާތު ދެއްވަމުން މުހައްމަދު ޝާހިދު ވިދާޅުވީ، މިއަދު ބިންގާ އެޅިގެން ދިޔަ އެ ފެކްޓަރީގެ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ގެނެސްފައި ކަމަށެވެ.

"މީގެ ކުރިން ވަނީ ބޭނުންވާ ހުރިހާ ތަކެތި ގެނެސްފައި. އެގޮތުން މާދަމާ މަސައްކަތް ފެށޭނެ ކަމަށް މިބަލަނީ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ،" އޭނާ ވިދާޅުވިއެވެ.

މިފްކޯއިން މެެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގައި ހަދާ މަސް ފެކްޓަރީން ކޮންމެ ދުވަހެއްގެ މައްޗަށް 100 ޓަނުގެ މަސް ކިރޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި 50 ޓަނުގެ އައިސްވެސް އެ ފެކްޓަރީ އިން އުފައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްރޮޖެކްޓަކީ 2.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަސް ފެކްޓަރީގެ ޕްރޮޖެކްޓްގެ ދެވަނަ ފޭސްއެއްގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދެވަނަ ފޭސްގެ ދަށުން ޓްރެއިނިން ފެސިލިޓީއެއް ގާއިމު ކުރާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއަށް ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ. ފެކްޓަރީގެ މަސައްކަތް ނިމުމާއެކު ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފެކްޓްރީ ހަދައި ނިމުމުން 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ. މި ފެކްޓަރީގެ ސަބަބުން އައްޑޫގެ އިގްތިޞާދަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް