އިންސާނާގެ ލޭގެ ޕްރެޝަރު މަތިވުމާއި ހިތުގެ ވިންދު އަވަސް ވުމާއި ޕަލްސް ރޭޓް އަވަސް ވުމުން ދޫކޮށްލާ ހޯމޯން ނުވަތަ އެޑްރެނަލިން އާއެކު ބަދަލުވާ ހެދުމެއް މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި "އިންޓެލް" އިން ދައްކާލައިފި އެވެ.
ލަސް ވޭގަސް، ނެވާޑާގައި ކުރިއަށް ދާ ކޮންޒިއުމާ އިލެކްޓްރޯނިކް ޝޯ (ސީއީއެސް) ގައި އިންޓެލް އިން ދައްކާލާފައިވާ ހެދުމަކީ ތްރީޑީ ޕްރިންޓް ހެދުމެކެވެެ.
އެ ހެދުމުގެ ފުރަގަހުގައި ތްރީޑީން ޕްރިންޓްކޮށްފައިވާ ދަލެއް ފަދަ ފިޔަގަނޑެއް ހުރެއެވެ. އެ ފިޔަގަނޑަކީ އިންސާނާގެ އެޑްރެނަލިންއާއެކު ފުޅާވެ ކުޑަވާ އެއްޗެެކެވެ.
މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ ބެކާ މެކޭރެން އާ ގުޅިގެން އިންޓެލް އިން އުފެއްދި އެ ހެދުމަކީ މުޅިން ތްރީޑީ ޕްރިންޓް ހެދުމަކަށް ވުމާއެކު އެ ހެދުމަކީ އަބަދުވެސް ފިޓު ހެދުމަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޓެލް އިން ތައާރަފު ކުރި ހެދުަމަކީ އިންސާނާއަށް ފިޓުވާނެ ގޮތަށް ބަދަލުވާ ހެދުމެއް--- ފޮޓޯ: އެންގެޖެޓް
"އެޑްރެނަލިން އާއެކު ބަދަލުވާ ހެދުމެއް މިއީ. ހަމައެއާކު އެ ހެދުން ލައިގެން ހުންނަ މީހާ ނޭވާ ލާ ވަރަކުންވެސް ހެދުމުގައި ހުންނަ ފިޔަގަނޑަށް ބަދަލުތަކެއް އަންނާނެ. ހެދުމަކީ ތްރީޑީ ޕްރިންޓް ހެދުމެއް. އެހެންކަމުން މީހާގެ ހަށިގަނޑު ދުވަހުން ދުވަހަށް ބަދަލުވަމުން އައި ކަމުގައި ވިޔަސް އެ ހެދުން އަބަދުވެސް އިންނާނީ ގަޔަށް ހެޔޮވަރުކޮށް ފިޓުކޮށް،" އިންޓެލް އިން ވަނީ ބުނެފައެވެ.
މެކޭރިން ބުނީ އެ ހެދުން ތައްޔާރުކުރުމުގައި ނަމޫނާއަކަށް ނަގާފައިވަނީ ޖަނަވާރު ކަމަށާއި އެ އެއްޗެހިވެސް ބިރުގަތުމުން ބައެއް ޖަނަވާރުގެ މަސްލް ފުޅާވުން ކަހަލަ ކަންތައް ވާ ކަމަށެވެ.
އެ ހެދުމަކީ އަދި ހަމައެކަނި ޕްރޮޓޯޓައިޕް އަކަށް ވީނަމަވެސް މީހުންގެ ހެދުންތަކުގައި އެ ޓެކްނޮލޮޖީ ބޭނުން ކުރުމަކީ އަވަސް މުސްތަގުބަލެއްގައި ފެންނަން ޖެހޭނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.