ގަމުގައި ކަރަންޓް ކަނޑައިލި ނުވަ ގެއަށް ކަރަންޓު ދިނުމަށް ކޯޓުން އަމުރު ކުރުމުން ކަރަންޓްދީފި

ލ. ގަމުގައި އަލަށް އާބާދުވާ ސަރަޙައްދުގައި ނޯޓިހެއް ނުދީ ކަރަންޓް ކަނޑައިލި ނުވަގެއަށް ކަރަންޓް ދިނުމަށް ގަމު ތުނޑީ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފި އެވެ. ތުނޑީ ކޯޓުން އަމުރެއް ނެރެފައި ވަނީ ކަރަންޓް ކަނޑައިލި ގޭގެއިން އިއްޔެ ކޯޓުގައި ދައުވާ ކުރުމުން ރޭ ޝަރީއަތް ހިންގުމަށް ފަހު އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ހުކުމާ ގުޅިގެނެ ރޭ ބައެއް ގޭގެއަށް ކަރަންޓް ދިނުމަށް ފަހު ހުރިހާ ގެއަކަށް މިއަދު ވަނީ އަލުން ކަރަންޓް ދީފަ އެވެ.

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ބުނަނީ ކޯޓަށް ވައްދާފައިވާ މައްސަލަ ވަކިގޮތަކަށް ނިމެންދެން ކަރަންޓް ކަނޑާލާފައިވާ ނުވަ ގެއަށް މިހާރުން މިހާރަށް ކަރަންޓް ގުޅައިދިމަށެވެ.
ކަރަންޓް ކަނޑައިލި ނުވަގެއަށް ކަރަންޓް ދޭން އަމުރު ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން ރޭ ދަންވަރުވަނީ ރަށުގެ ބަޔަކު އިންޖީނުގެ ކައިރިއަށް ޖަމާވެ ނުރުހުން ވެސް ފާޅު ކުރި އެވެ. އެމީހުން ބުނެފައި ވަނީ ރައްޔިތުންގެ ކަރަންޓުން ބަޔަކު ވައްކަން ކޮށްފައިވާއިރު ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި އެގޭގެއަށް ކަރަންޓް ދީގެން ނުވާނެ ކަމަށެވެ.

މުންޑުއާ ކަޅައިދޫ މީހުންނާއެކު އަލަށް އާބާދުވާ ސަރަހައްދުގެ ނުވަ ގެއަކުން ކަރަންޓް ކަނޑައިލީ އެގޭގޭގައި ހަރުކޮށްފައިވާ މީޓަރު ހުއްޓުވައިގެން ކަރަންޓް ބޭނުންކުރާތީ ސައުތު ސެންޓްރަލް ޔުޓިލިޓީސް ކުންފުނިން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު