މާލޭގެ މަގުތަކުގައި އިޝްތިހާރު ނުކުރުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފި

އިޝްތިހާރެއް ކުރުމަށް ފަހު މަގުމައްޗަށް އުކާލާފައިވާ ގަނޑުތަކެއް މީހަކު ސާފުކުރަނީ: މަގުމަތީގައި އިޝްތިހާރު ނުކުރުމަށް ހައުސިން މިނިސްޓްރީން މިހާރު ވަނީ އިލްތިމާސްކޮށްފައި -- ސަން ފައިލް ފޮޓޯ

މާލޭގެ މަގުތަކުގައި އިޝްތިހާރު ނުކުރުމަށް ހައުސިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މިދިޔަ ބުރާސްފަތު ދުވަހު ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ

އެކި ބޭނުންތަކަށް އިސްތިހާރު ކުރުމަށް ގަސްގަހާއި ހޮޅިދަނޑި ބޭނުންކުރުން އަދި މަގުމަތީ ފާރުގައާއި އެއްގަމު ތޮށިގަނޑާއި މަގުތަކުގެ ކަންކަންމަތީގައި ހަރުކޮށްފައިވާ ރޭލިންގްގައި އިސްތިހާރު ހަރުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް ނިންމީ މާލޭގެ މަގުތައް ސާފުތާހިރުކޮށް ބެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.

ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނީ މީގެފަހުން މާލޭގެ މަގުތަކުގައި އެކި ބާވަތުގެ އިޝްތިހާރު ހަރުކުރަމުން ގެންދާ ނަމަ އެ ފަރާތްތަކާ މެދު އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުގެ މަތީން އަމަލުކުރަމުން ގެންދާނެ ކަމަށެވެ.

comment ކޮމެންޓް