މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރިލްވާންގެ އާއިލާގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީ އާ ގުޅިގެން އޭނާ ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންގަވައިފި އެވެ.
ރިލްވާންގެ އާއިލާ އިން ރައީސް ޔާމީނަށް ސިޓީއެއް ފޮނުވީ އޭނާ ގެއްލުނުތާ 500 އަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް، ރައީސް ޔާމީންގެ ފަރާތުން އެއްވެސް ބަހެއް ލިބިފައި ނުވާކަމަށް ބުނެ އެވެ.
އަދި ސީދާ ރައީސް ޔާމިން އަށް ފޮނުވި ސިޓީގެ ބޭނުމަކީ ރައީސް ޔާމިން ފުލުހުންނަށް ބާރު އަޅުއްވައި ވީހާ ވެސް އަވަހަކަށް މައްސަލަ ދިރާސާކޮށްދެއްވައި ރިލްވާންގެ އާއިލާއަށް ހަމައަށް ގެނެސްދިނުން ކަމަށްވެސް އާއިލާއިން ވަނީ ބުނެފަ އެވެ.
Rilwan aaila in RY ah fonuvi sity aka gulhigen Rilwan hodhumuge maskkathah sarukarun kureveyne hurihakameh kohdhinumah MU ah RY dhannavaifi
— Home Ministry, MV (@HomeMinistrymv) December 31, 2015
ރިލްވާން ހޯދުމަށް ސަރުކާރުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ރައީސް ޔާމީން އަންގަވާފައިވާ އިރު، މިނިސްޓަރު އުމަރު ވިދާޅުވެފައި ވަނީ ރިލްވާން ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދައިދޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ ރިލްވާން ގެއްލުމުގެ ހަގީގަތް ހޯދުމަށް ނުފޮރުޅާނެ އެންމެ ގަލެއްވެސް ނުބާއްވާނެ ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމާ ސުވާލުކޮށްފައިވާ ކަމަށާއި އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާ ވެސް ސުވާލު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ ފުލުހުން ކުރަމުން އަންނަ ތަހުގީގު އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުން އަންނަ ކަމަށެވެ.
ރިލްވާން ހޯދުމަށް އޭނާގެ އާއިލާ އިންނާއި ފުލުހުން އަދި ވަކިވަކި މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށެވެ.