ކައިވެނި ކުރަން ހާއްސަ ކަނޑުމަތީ ކޮޓަރިއެއް ފުރަތަމަ ފަހަރަށް ފޯ ސީޒަންސް ލަނޑާގިރާވަރު ރިސޯޓުގައި ހުޅުވައިފި އެވެ.
ކޮޓަރި ހަދާފައި ހުރީ ރިސޯޓުގެ 50 ވަރަކަށް މީޓަރު ދުރުގައި އެވެ. އެއްފަހަރާ 16 މީހުންނަށް ތިބެވޭ ގޮތަށް ހަދާފައި ހުންނަ އެކޮޓަރިއަށް ދެވެނީ ބޯޓަކުންނެވެ.

އެކޮޓަރި ހަދާފައި ހުންނަނީ ވަށައިގެންވާ ނޫކަނޑާއި ހުދުވެލީގެ ރަށްތައް ފެންނަ ގޮތަށް "ފޯލްޑިން" ދޮރު ލާފަ އެވެ. އަދި ތިރިއަށް ބަލާލުމުން މޫދުގައި ތިބޭ މަހާއި ވެލާ ފެންނަ ގޮތަށް ކޮޓަރީގެ ތަޅުން ހަދާފައި ހުންނަނީ ބިއްލޫރިންނެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެވެލާތަކަކީ އަނިޔާވެފައި ވަނިކޮށް ސަލާމަތްކުރުމަށް ފަހު ފޯސީޒަންސްގެ ވެލާ ރިހެބް ސެންޓާއިން ބަލަމުންދާ ވެލާތަކެވެ.
މީގެ އިތުރުން، އެއްކޮށް ހުދުކުލައިން ހުންނަ އެ ކޮޓަރީގައި ކައިވެނި ކުރަން ބޭނުންވާ ފަރާތްތަކުން ފޯސީޒަންސްގެ ވެޑިން ޕްލޭނާގެ ލަފަޔާއެކު ބޭނުންވާ ގޮތަށް މަލާއި އުއްބައްތި ފަދަ ތަކެތި ބޭނުންކޮށްގެން ކޮޓަރި ޒީނަތްތެރިކުރެވޭނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.