50 ޕަސެންޓް ކަރަންޓް ހަރަދު ކުޑަ ކުރެވޭނެ ނެޓްވޯކް ސިސްޓަމެއް ވަތަނިއްޔާ އިން ރާއްޖެ އަށް ތައާރަފްކޮށްފި

ކަރަންޓު ހަރަދުގެ 50 ޕަސެންޓް ހަރަދު ކުޑަ ކުރެވޭނެ ނެޓްވޯކް ސިސްޓަމެއް ވަތަނިއްޔާ މޯލްޑިވްސް އިން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ވަތަނިއްޔާ އިން އަދާރަން ހުދުރަންފުށި ރިސޯޓުގައި ގާއިމްކުރި ސިންގަލް ރޭޑިއޯ އެކްސެސް ނެޓްވޯކް (ސިންގަލް ރޭލް) އަކީ 2ޖީ އަދި 3ޖީ ފަދަ ޓެކްނޮލޮޖީ ސިސްޓަމެއް މެދުވެރިކޮށް ދިނުމުގެ ގާބިލް ލިބިފައިވާ ސިސްޓަމަކެވެ. ނަތީޖާއެއްގެ ގޮތުން އެންޓެނާ ބެހެއްޓުމަށް ބޭނުންވާ ބިމުގެ ސައިޒް 80 ޕަސެންޓް ކުޑަވެ، ބޭނުންކުރާ ކަރަންޓުގެ ހަރަދު 54 ޕަސެންޓް ކުޑަވާނެ ކަމަށް ވަތަނިއްޔާއިން ބުނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމް ކުރި ސިންގަލް ރޭން ސިސްޓަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވަތަނިއްޔާގެ ހެޑް އޮފް ސޭލްސް މުހައްމަދު ރިފާއު ވިދާޅުވީ ވަތަނިއްޔާ އިން އަމާޒު ހިފާފައި ވަނީ ދެމެހެއްޓެނިވި ތިމާވެއްޓަކަށާއި "ފެހި އިންގިލާބަކަށް" ކަމަށެވެ. އަދި ހަކަތަ ރައްކާތެރި ކުރުމާއި ކަރަންޓު ހަރަދު ކުޑަ ކުރުމާއި އުކާލާ އެއްޗެތިން ތަކެތި އުފެއްދުމަކީ ވަތަނިއްޔާ އިން މާ ކުރިން ވެސް ބާރުއަޅަމުން އަންނަ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މުސްތަގްބަލަށް އަމާޒު ހިފާފައި މި ވަނީ ފެހި އިންގިލާބަކާ އެކު. އަޅުގަނޑުމެން ދެމެހެއްޓެނިވި ތިމާވެއްޓަށް އިސްނަގައިފިން. ހަކަތަ ރައްކާތެރި ކުރުމާ ހަމައިން ފެށިގެން ފުރިހަމަ ކަރަންޓު ބޭނުން ކުރުމާ އުކާލެވޭ އެއްޗެހިން ތަކެތި އުފެއްދުމަށް ބާރު އަޅައިފިން،" ރިފާއު ވިދާޅުވި އެވެ. "އާ އުފެއްދުންތަކެއް އަޅުގަނޑުމެން ރާއްޖެ އަށް ތައާރަފްކޮށްފިން ކިތަންމެ ފަހަރަކު. ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން މި މޭރުމުން މަސައްކަތް ކުރާނަން."

މީގެ އިތުރުން ވަތަނިއްޔާ އިން ބުނީ އެ ކުންފުނިން އައިސީޓީ އިންޑަސްޓްރީގެ އެންމެ ކުރީ ސަފުގައި އޮތުމާ އެކު އެ ކުންފުނިން ގަބޫލުކޮށް އަދި މަސައްކަތް ކުރަމުންދަނީ ސަރުކާރުގެ ކާބަން ނިއުޓްރަލް ވިސްނުމާ އެއްގޮތަށް ވަތަނިއްޔާގެ އުފެއްދުންތެރި ސިޔާސަތުތައް ބައްޓަން ކުރުމަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު