ބިރުވެރިކަން ނިމުމަކަށް ގެނެސް އަމާންކަމާއެކު ރައްޔިތުން މަންޒިލަށް ގެންގޮސް ދޭނަން: ރައީސް

ދިވެހި އެއްވެސް ރައްޔިތަކީ ކުށްކުރާ، ނުވަތަ ކުށްކުރުމަށް ހިތްވަރުދޭ މީހަކަށް ވެގެން ނުވާނެ ކަމަށާއި ކުށްކުރާ މީހަކަށް ހިތްވަރު ލިބޭފަދަ އެއްވެސް ޢަމަލެއް ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ފުލުހުންގެ 78 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެބައެއްގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ކުރުމަކީ ކާމިޔާބު ކުރަން އޮތް އެންމެ ބޮޑު ވަސީލަތް ކަމަށެވެ.

"ކުށްކުރުން ހުއްޓުވުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ ބޭފުޅުން ގުޅިވަޑައިގެން މަސައްކަތްކުރެއްވުމަކީ ވަރަށް މުހިންމުކަމެއް. ހަމައެއާއެކު، އެބައެއްގެ ތެރޭގައި ހުރިނަމަ ހުރި މައްސަލަތައް ދެނެގަނެ، އެބައެއްގެ އަމިއްލަ އިސް ނެގުމާއެކު، އެކަމެއް އިޞްލާހު ކުރުމަކީ ކަމެއް ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ވަސީލަތް، އެންމެ ކުރުމަގު،" ރައީސް ވިދާޅުވި އެވެ.

ކުށްކުރުމާއި ކުށުގެ ހާލަތު ގުޅިފައިވަނީ، އިޖުތިމާޢީ މައްސަލަތަކަށް ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ، އެ މައްސަލަތައް ދެނެގަނެ އެކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ޒަމާނުންސުރެ ދިވެހި މުޖުތަމައުން ފެނުނު ބިރުވެރިކަން ނިމުމަކަށް ގެންނަވާނެ ކަމަށާއި، އަމާންކަމާއެކު ރައްޔިތުން މަންޒިލަށް ވާޞިލު ކޮށްދޭނެ ކަމަށެވެ. އެފަދަ މުހިންމު މަސައްކަތެއް ކުރުމަށް މިޞްރާބު ހިފާފައިވާއިރު މުޖުތަމަޢުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އަމިއްލަ ވިޔަފާރިވެރިންގެ ދައުރަކީ، ވަރަށް މުހިންމު ދައުރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުށުގެ ވެށިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން، ރާއްޖޭގެ މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ ފަރާތުން މިދަނޑިވަޅުގައި ލިބިދެއްވުން ވަރަށް މުހިންމު. އެހެންކަމުން، ނޫކަށިފުރައިގެ ޒުވާނެއްގެ ޕޮލިސް ރިޕޯޓްގައި ކުށުގެ ރެކޯޑެއް އޮތް ނަމަވެސް، އެ ރެކޯޑާމެދު ހިނދުކޮޅަކަށް ހިތް މޮޅި ކޮށްލެއްވުމަށްފަހު، ޤައުމުގެ ޙައްޤުގައި އޭނާ ބަލައިގަނެ ވަޒީފާއެއް ދެއްވުމަށް ވަރަށް އާދޭހާއެކު ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެންމެ ޒުވާނެއްވެސް އާވާރާވެ ގެއްލިގެން ދިއުމަށް އެމަނިކުފާނު ބޭނުންފުޅުވެވަޑައި ނުގަންނަވާ ކަމަށެވެ. އެއްވެސް ދިވެއްސެއްގެ ހަޔާތުން އެންމެ ސިކުންތެއް ވެސް ހުރަގޭގެ އަނދިރި ކަމުގެ ތެރެއަށް ދިއުމަށް ވެސް ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތުގެ މައްޗަށް ވެސް އަލިއަޅުވައިލެއްވެވި އެވެ. ވިދާޅުވީ އެހީތެރިކަމާއި އޯގެތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންގެ ޤައުމީ ޚިދުމަތްތަކީ، ފަޚުރުވެރިވުން ހައްގު ޚިދުމަތްތަކެއް ކަމަށާއި އެ ޚިދުމަތް މިއަދު އެތައް ގުނައަކަށް މުހިންމު ވެފައިވާ ކަމަށެވެ. އެ ސަބަބަށްޓަކައި ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވެސް އެމަނިކުފާނު ރައްޔިތުންނަށް ގޮވައިލެއްވެވި އެވެ.

"ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އަގު، ހިތްތަކުގައި ވަޒަން ކުރެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ހުރިހާ ހާލަތެއްގައި އެބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް ގޮވައިލަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ކުރިމަތީގައިވާ ހުރަސްތަކާ ގޮންޖެހުންތަކުގެ ތެރެއިން ހޯދާ ކާމިޔާބީގައި ހައިބަތު ހުރިކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު